"ކަލޭމެން ދުޢާ ކުރާ ކަލާނގެ ކޮބައިހޭ، ދެން ހަދާނީ ބޭނުން ގޮތެއް" ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރައި ރާއްޖޭގައި ތިބި މުސްލިމުން މާޔޫސް ކުރަން މަސައްކަތް ކުރާ މީހުންނަށް ބުނެލަން އޮތީ "އަހަރެމެންގެ ކަލާނގެ އަބަދުވެސް، އިއްޔެވެސް މިއަދު ވެސް ވޮޑިގެންވެއޭ" ހަމަ ހިލާ އެއް ގޮތެއްވެސް ނުހެދޭނެ ކަމަށެވެ.
2008 ގައި ވެރިކަން ބަދަލުވެގެން ދިއައީ ރައީސް މައުމޫނަށް މަޖިލީހުގެ މެޖޯރިޓީ އޮވެގެންނެވެ. ދައުރުގެ މެދުތެރެއިން 7 ފެބްރުއަރީގައި ވެރިކަން ބަދަލުވެގެން ދިއައީ ވެސް މަޖިލީހުގެ މެޖޯރިޓީ އޮވެގެންނެވެ. 23 ސެޕްޓެމްބަރު 2018ގައި ވެސް ވެރިކަން ބަދަލުވެގެން ދިއައީ ހަމަ މަޖިލީހުގެ މެޖޯރިޓީ އޮވެގެންނެވެ. ވީމާ މަޖިލީހުގެ މެޖޯރިޓީ ވަކި ބައަކަށް އޮތުމަކީ ﷲ ތަޢާލާ މިންވަރު ކުރައްވަވައިފިނަމަ ޙާލަތު ބަދަލު ނުވާނެ ސަބަބެއް ނޫންކަން އިރު އަރައި އޮއްސޭކަން ޤަބޫލު ކުރާ ކޮންމެ މީޙަކަށްވެސް އެނގޭނެއެވެ.
ރާއްޖޭގެ ވެރިކަން މާތް ﷲ މިވަގުތު ޙަވާލުކުރައްވަވާފައިވަނީ އެ މަޤާމަށް ވަޑައިގެންނެވިދާނެ ކަމަށް އެއްވެސް މީހަކު ކުރިން ވިސްނި ވެސް ބޭފުޅެއް ނޫނެވެ. ވަގުތު ޖެހުމުން ރާއްޖޭގެ ބޮޑު އަޣްލަބިއްޔަތުގެ ތާއީދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިގެންދިއައީ ޢަޖައިބެއް ފަދަ ގޮތަކަށެވެ. އޮތީ އެންމެ ސަބަބެކެވެ. އެމަނިކުފާނަކީ ހަމަ އަމަލުފުޅުތަކުގައިވެސް ޞާލިޙް، ފަރުޟު 5 ނަމާދު ކުރައްވަވާ ޞާލިޙް ބޭފުޅަކު ކަމުގައި ވެވަޑައިގަތުން ނޫން އެހެން އެއްވެސް ސަބަބެއް ނެތެވެ.
ވީމާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތް ކުރައްވާނެއެވެ. އެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ގެންދަވަނީ ދެއްވަމުންނެވެ. މަޖިލީހުގެ މެޖޯރިޓީ ކޮންމެ ބަކަށް އޮތް ނަމަވެސް ދިވެހިންނަކީ މުސްލިމުން ކަމުގައި ވާންޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާން ވެގެންވާ އެއްވެސް މާއްދާއަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. އަދި ބަދަލެއް ގެނައި ނަމަވެސް ރައްޔިތުން އެ ބަދަލު ބަލައެއް ވެސް ނުގަންނާނެއެވެ.
ވީމާ ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ނައްތައިލެވިދާނެ ކަމަށް، އެކަން ކުރަން ބޭނުންވެގެން ތިބި ބައަކަށް ޤަބޫލު ކުރެވުނު ނަމަވެސް އެއީ އިރާދަ ކުރެއްވިއްޔާ ކުރެވޭނެ ކަމެއް ނޫނެވެ. އެންމެހައި މީސްތަކުންނާއި ކައުނާއި ކައުނުގައި ވާހައި ތަކެއްޗެއް އުފެއްދެވީ، އަދި އެންމެހައި ބާރު ތަކެއް ލިބިވޮޑިގެންވަނީ ހަމަ މުސްލިމުން ދުޢާ ކުރާ ކަލާނގެއަށެވެ. ﷲ ތަޢާލާއަށެވެ. ބައަކު ކިތަންމެ ވަރަކަށް ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް އެކަލާނގެ މިންވަރުފުޅާއި ދެކޮޅަށް ހަމަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ވީމާ ސޯޝަލް މީޑިއާގައި ބުނާ ބަހަކުން އެއްވެސް ރައްޔިތަކު މާޔޫސް ވުމެއް ނެތެވެ. މާޔޫސްކަން މަތީގައި ނިމިގެންދާނީ އެފަދަ ބަސްތައް ބުނާ ބައެކެވެ.