ބްރެއިލް ބޭނުންކޮށްގެން ލޯފަން މީހުން އަމިއްލަ އަށް ވޯޓުލެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
އީސީ އިން ބުނީ ބްރެއިލް ބޭނުންކޮށްގެން ލޯފަން މީހުން އަމިއްލަ އަށް ވޯޓުލެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދަނީ ވޯޓު ލާން އެހީތެރިކަން ބޭނުންވާ މީހުންގެ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާތީ ކަމަށެވެ.
ވޯޓުލުމުގައި އެހީތެރިކަން ބޭނުންވާ ކަމަށް ކަނޑައަޅާފައި ވަނީ ލޯފަން މީހުންގެ އިތުރުން އަތުން ފާހަގަ ޖެހުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.
ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓުލެވޭ ގޮތް ހަދާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ބްރެއިލް ނަމުގައި ލޯފަން މީހުންނަށް ހާއްސަކޮށްފައިވާ ލިޔުމުގެ ސިސްޓަމެއް ބޭނުން ކުރަމުންނެވެ.
ބްރައިލްގައި ހުންނަނީ ތިކިތަކަކުން އަކުރުގެ ސިފަ ގެނެސް އެ ތިކިތަކުގައި އަތްލުމުން، އެއީ ކޮން އަކުރެއްކަން އެނގޭ ގޮތަށެވެ.