" ހެޔޮލަފާ އަންތބަކަށް އޭނާގެ ފިރިމިހާއަކީ ފަޤީރެއް ނަމަވެސް އޭނާއަކީ ރަސްކަލެއްކަމަށް އިޙްޞާޞް ކުރުވިދާނެއެވެ!" މިއީ "އިސްލާމިތިންކިންގ" ޓްވިޓަރު އެކައުންޓުން ހާމަކޮށްފައިވާ ވަރަށް އިބްރަތްތެރި ޖުމުލައެވެ.
އިބާރާތުގައި އެބުނާ ފަދައިން ހެޔޮލަފާ އަނބިންނަކީ މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ބައެކެވެ. ފިރިމީހާގެ މާލީ ޙާލަތު ޤަބޫލުކޮށް އެކަމަށް ޝުކުރުވެރިވެގެން ދިރިއުޅެން މަސައްކަތްކުރާނަމަ ފިރިމީހާއަށް އޭނާގެ ފަޤީރުކަން އިޙްޞާޞް ވެސް ނުކުރެވޭނެއެވެ. އޭނާއަށް އިޙްޞާޞް ކުރެވޭނީ ހަމަ ރަސްކަލެއް ފަދައިން އޭނާއަކީވެސް ތަނަވަސް މީހެއް ކަމަށެވެ.
އެއާއި ޚިލާފަށް އަނބިމީހާއަކީ އަބަދުވެސް ލިބޭމިންވަރު މަދުވެގެން ޝަކުވާ ކުރާ މީހަކަށް ވެއްޖެ ނަމަ އެކަމުގެ ސަބަބުން ފިރިމީހާ އަބަދުވެސް ހުންނާނީ މޮޔަވާވަރުވެފައެވެ. ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައެވެ. އަަބދުވެސް ހުންނަން ޖެހޭނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ.
މިކަމުގައި އިތުރު ވިސްނުމަކުންވެސް ވިސްނައިލަން ޖެހެއެވެ. ލިބޭ މިންވަރު މަދުވެގެން ޝަކުވާ ކުރުމާއި ލިބޭ މިންވަރުން ޢާއިލާއަށް ކުރާ ޚަރަދު ކުޑަވެގެން ޝަކުވާ ކުރުމަކީ މުޅިން ދެކަމެކެވެ. ފިރިމީހާއަށް ލިބޭ އާމްދަނީން ޢާއިލާއަށް ޚަރަދު ނުކުރާނަމަ އެކަމުގެ ޝަކުވާ ކުރުމަކީ އަނބިމީހާއަށް ލިބިގެންވާ ޙައްޤަކަށްވާތީއެވެ. އެހެނީ ފިރިމީހާގެ އަތްމައްޗަށް ﷲ ތަޢާލާ ދެއްވަވާ ތަނަވަސްކަމުގައި ނުވަތަ ފިރިމީހާއަށް ލިބޭ އާމްދަނީގައި ޢާއިލާގެ ހިއްޞާ ހިމެނިގެންވެއެވެ. އެ ހިއްޞާ ފުރިހަމައަށް އަދާ ކުރުމަކީ ކޮންމެހެން އަދާކުރަން ޖެހޭނެ ވާޖިބެއް ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ.