އެއްވެސް މީހަކީ ޙަސަދަވެރިންގެ ކިބައިން ސަލާމަތް ވެވިފައިވާ މީހެއް ނޫނެވެ. ކިތަންމެ ރަނގަޅަށް ކަންކަން ކުރަން މަސައްކަތް ކުރާ މީހެއްގެ ނަމަވެސް ޙަސަދަވެރިން ތިބޭނެއެވެ. އެމީހާ އަށް އެންމެ ރަނގަޅަށް ކަންކަން ކޮށްދެވޭ މީހުންގެ ތެރޭގައި ވެސް ހަސަދަވެރިން ތިބޭނެއެވެ. އެއީ ދުނިޔޭގައި ކަންކަން ހިނގަމުން އަންނަ ގޮތެވެ.
ވީމާ އަބަދުވެސް ތިބެން ޖެހޭނީ ހަސަދަވެރިންގެ ހަސަދަވެރިކަމާއި ފިތުނައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުންމަތީގައެވެ. އެފަދަ ހަސަދަވެރިކަން އެސްފީނާގެ ގޮތުގައި ތިމާއަށް ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އަބަދުވެސް ވިސްނަންވާނެއެވެ. އެހެންކަމުން އެސްފީނާ އިން ސަލާމަތްވުމަށް ކިޔަން ޖެހޭ ޛިކުރުތައް ކިޔުން އަބަދުވެސް ގިނަކުރާށެވެ!
މީހަކު ތިބާއަށް ނަފްރަތު ކުރާނަމަ ކުރަން އޮތް ކަމަކީ އެމީހަކަށް ހަސަދަވެރިވުމެއް ނޫނެވެ. އެމީހާއަށްވެސް ﷲ ތަޢާލާ ހެޔޮ ރަހްމަތްފުޅު ލެއްވެވުން އެދި ދުޢާކުރާށެވެ! އެއިރުން އެމީހާއަށްވެސް ރަނގަޅު ގޮތް ވިސްނި އެހެން މީހުންނަށް ހަސަދަވެރިވުން ހުއްޓާލައިފާނެ ކަމަށް އުންމީދުކުރެވޭތީއެވެ.
ހަސަދަވެރިއަކަށް ނަމަވެސް ހަސަދަވެރި ނުވާށެވެ! އެއިރުން ތިބާއަށްވެސް އެކުރެވެނީ ބޮޑުފާފައެކެވެ. ނަމަވެސް ހަސަދަވެރިން ކައިރި ނުކުރާށެވެ! އެމީހުންނާއި ގުޅިގެން ކަންކަން ނުކުރާށެވެ. ހަސަދަވެރިންނާއިވެސް ސަލާމް ކުރާށެވެ! ނަމަވެސް އެމީހުންގެ ކޮނޑަށް އަތް ނުލާށެވެ! ވަކި ހިސާބެއްގެ ދުރުގައި، އަތް ދިއްކޮށްލުމުން ނުފޯރާ ހިސާބު ދުރުގައި ބައިތިއްބާށެވެ! އިތުބާރު ނުކުރާށެވެ!
