ދުޢާ އިޖާބަ ކުރެއްވެވިގެންވާ ވަގުތުކޮޅެއް ހުކުރު ދުވަހު ވެއެވެ. ހުކުރު ދުވަހަކީ ވީހައި ގިނައިން ދުޢާކުރާ ދުވަހަކަށް ހަދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ދުޢާ އިޖާބަ ކުރެއްވެވިގެންވާ ވަގުތުކޮޅެއް ހުކުރު ދުވަހު ވެއެވެ. ހުކުރު ދުވަހަކީ ވީހައި ގިނައިން ދުޢާކުރާ ދުވަހަކަށް ހަދާށެވެ!

ދުޢާ އިޖާބަ ކުރެއްވެވިގެންވާ ވަގުތުކޮޅެއް ހުކުރު ދުވަހު ވެއެވެ. ވީމާ ހުކުރު ދުވަހަކީ ވީހައި ގިނައިން ދުޢާކުރާ ދުވަހަކަށް ހަދާށެވެ! އެމީހަކަށް އެންމެ ބޭނުން ބޮޑުވެފައިވާ ކަންކަމަށް އެދި ދުޢާ ކުރަމުން ގެންދާށެވެ. އެ ވަގުތުކޮޅާއި ދިމާކުރެވިއްޖެ ނަމަ ވަގުތުން އިޖާބަ ކުރައްވަވާނެތެވެ. ދިމާނުކުރެވުނު ނަމަވެސް ހުކުރު ދުވަހަކީ ހަފްތާގެ އެންމެ މާތް ދުވަހެވެ. ދުވަހުގެ ކޮންމެ ހިނދުކޮޅަކީ ވެސް މަތިވެގެންވާ ވަގުތުކޮޅެކެވެ. 

ހިތާމައަކީ މިހާރަކަށް އައިސް ގިނަ ބައަކު އަވަދިނެތި އުޅެނީ ހުކުރު ދުވަހުގެ މާތްކަން އެހެން މީހުންނަށް ކިޔައިދޭން ކަމަށްވެފައި ތިމާ ހެޔޮ އަމަލުކުރާ މިންވަރު މަދުކަމެވެ. ކުރަންވީ ކަންކަން އެހެން މީހުންނަށް ބުނެދިން ނަމަވެސް ތިމާއަށް ނުކުރެވޭ ކަމެވެ. ރަނގަޅު ވާހަކައެކެވެ. އެހެން މީހުންނަށް ނަޞޭހަތްތެރިވުމަކީވެސް ކުރަން އޮތް ވަރަށް ރަނގަޅު ކަމެކެވެ. އެހެންކަމާއިއެކުވެސް ތިމާ ދޭ ނަޞޭހަތަށް ތިމާ އަމަލު ނުކުރާނަމަ ދެން އެވީ ކިހިނެއް ހެއްޔެވެ؟

އެހެން މީހުންނަށް ޤާނޫނު ކިޔައިދޭއިރު ތިމާ އަމަލު ނުކުރާނަމަ އަބަދުވެސް ތިމާ ހުންނާނީ ފޭލްވެ ކުށްވެރިވެފައި ނޫން ހެއްޔެވެ؟ އަބަދުވެސް ހުންނަން ޖެހޭނީ ކުށްވެރިވެ އަދަބެއްގައި ނޫން ހެއްޔެވެ؟ އެއިރުން އެވީ ކިހިނެއް ހެއްޔެވެ؟ އެހެން ވިއަ ނުދޭށެވެ. އެހެން މީހުންނަށް ނަޞޭޙަތްދޭއިރު ތިމާ އަކީ ޙައްޤަށް އަމަލުކުރާ މީހަކަށްވާށެވެ!

މިއީ މިއަދު އަހަރެން އެންމެ ގިނައިން ކުރާނެ ދުޢާއެވެ. 

"މިއަދަކީވެސް ހުކުރު ދުވަހެކެވެ. މިފަދަ މަތިވެރި ދުވަހަކު މިއަޅާ އެދި ދުޢާ ކުރަނީ ދުނިޔޭގެ ދަހިވެތިކަމުން މިއަޅާގެ ހިތާއި ވިސްނުން އަދި މިއަޅާގެ ނަފްސް ޠާހިރު ކޮށްދެއްވެވުން އެދިއެވެ. 

މިއަޅާއަށް ދިރިއުޅެން ޖެހިފައިވަނީ މަސްތު ކުރުވަނިވި އެތައް ގިނަ ކަންތައްތަކަކުން ފުރިގެންވާ ދުނިޔެއެއްގައެވެ. ދުނިޔޭގެ ލައްޒަތާއި ދެކޮޅަށް ޖިހާދު ކުރަން ޖެހިފައިވާ ޙާލުގައެވެ. މުނާފިޤުން އިންތިހާއަށް ގިނަވެ ތެދުވެރިން އިންތިހާއަށް މަދުވެފައިވާ ދުނިޔެއެއްގައެވެ. ޖާހިލުން ގިނަވެ ތަކައްބުރުކަން އިންތިހާއަށް ޢާންމުވެފައިވާ ދުނިޔެއެއްގައެވެ. 

ޝައިޠާނާ ޒީނަތްތެރިކުރުވާފައިވާ މިފަދަ ނުބައި ހުރިހާ ކަމަކުން މިއަޅާ ސަލާމަތް ކޮށްދެއްވަވާނދޭވެ!" 

- ޝައިޚް އަޙްމަދު ތާރިމް

މިއަދު އޮންލައިން