ޒަވާޖީ ޙަޔާތް ކާމިޔާބު ކުރެވޭނީ ވެސް ކުށަށް އިޢްތިރާފްވެ މަޢާފަށް އެދެން ކެރޭ މީހުންނަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ޒަވާޖީ ޙަޔާތް ކާމިޔާބު ކުރެވޭނީ ވެސް ކުށަށް އިޢްތިރާފްވެ މަޢާފަށް އެދެން ކެރޭ މީހުންނަށެވެ!

ކަންކަން ކާމިޔާބު ކުރެވޭނީ ކުށެއް ކުރެވިއްޖެ ނަމަ ކުށަށް އިޢްތިރާފްވެ އެކަމަކުން ގެއްލުން ލިބުނު ބައެއްގެ ކިބައިން މަޢާފަށް އެދެން ކެރޭ މީހުންނަށެވެ! އަމިއްލަ ދިރިއުޅުންވެސް ކާމިޔާބު ކުރެވޭނީ ކުށެއް ކުރެވުމުން ކުށަށް އިޢްތިރާފްވެ މަޢާފަށް އެދެން ކެރޭ މީހުންނަށެވެ.

ފިރިމީހާއަށް ކުށެއް ކުރެވުނު ނަމަވެސް އަދި އަނބި މީހާއަށް ކުށެއް ކުރެވުނު ނަމަވެސް ކުށަށް އިޢްތިރާފްވެ މާޢާފަށް އެދުމަކީ ދެމަފިރިންގެ މެދުގައި އިތުބާރު ބޮޑުވެ، ލޯބި އިތުރުވެ އަދި ގުޅުން ވެސް ބަދަހިވާ ކަމެކެވެ. ދޮގު ހަދައި ކުށުން ރެކެން މަސައްކަތް ކުރާނަމަ އިތުބާރު ގެއްލޭނެއެވެ. އަދި ގުޅުން ދާނީ ހީނަރުވަމުންނެވެ. ލޯބި ނަފްރަތަށްވެސް ބަދަލުވަމުންނެވެ.

ކުށެއް ކުރެވުމުން ކުށަށް އިއްތިރާފްވެ މަޢާފަށް އެދޭނަމަ އެކަމުން އަނގައިދެނީ އެމީހަކީ ޒިންމާދާރު މީހެއް ކަމެވެ. އެއީ ފިނޑި އަމަލެއް ކަމަށް ބައެއް މީހުންނަށް ޤަބޫލު ކުރެވުނު ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ކުށަށް އިއްތިރާފްވެ މޢާފަށް އެދުމުން ދައްކައިދެނީ އެމީހެއްގެ ހަރުދަނާ ކަމެވެ.

 

ފާފައެއް ކުރެވުނު ނަމަވެސް އަވަހަށް ތައުބާވުމަކީ ހަރުދަނާ މުސްލިމުންގެ ސިފައެކެވެ. ތައުބާ ނުވުމުން އަނގައިދެނީ އެމީހެއްގެ ކިބައިގައި އެއްވެސް ހަރުދަނާ ކަމެއް ނެތްކަމެވެ. ގިނަގިނައިން ތައުބާވާން ޖެހެނީ މި ސަބަބަށްޓަކައެވެ. ކުށެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވުމުގެ މަތިވެރިކަމުގެ ވާހަކަ އަބަދުވެސް މިގެންދަނީ ކިޔައިދެމުންނެވެ.

ނިކަން ވިސްނައިލަބަލާށެވެ. ފާފައެއް ކޮށްފިނަމަ އެމީހަކު ތައުބާވޭތޯ ބައްލަވަން ފަތުގައި ނުލިޔުއްވަވައި މަލާއިކަތުން 6 ގަޑިއރު އިންތިޒާރު ކުރައްވަވައެވެ. ލިޔުއްވަވާނީ 6 ގަޑިއިރުވާއިރުވެސް ތައުބާ ނުވުމުންނެވެ. މިކަމުން އެކަނިވެސް ކުށެއް ކުރެވިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ތައުބާވެ ހެޔޮ އަމަލު ކުރުން އިތުރުކުރުމުގެ މުހިންމުކަން އެނގިގެންދެއެވެ.

މިކަމުން ކޮންމެ ދެމަފިރިއަކު ވެސް ޙާޞިލުކުރަން ޖެހޭ ފިލާވަޅެއް ވެއެވެ. އެއީ ކުށެއް ކުރެވިއްޖެ ނަމަ ވީ އެންމެ އަވަހަކަށް މަޢާފަށް އެދުމާއި ކުރެވުނު ކުށުގެ ކައްފާރާއެއްގެ ގޮތުގައި އިޚްލާޞްތެރިކަން އިތުރުކުރުމެވެ. ލޯބި ދިނުން އިތުރުކުރުމެވެ. އިސްލާމް ދީނުގައި ހުރި މިފަދަ މުހިންމު ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކޮށް އަމަލުކުރާނަމަ ހަޔާތުގައި އަބަދުވެސް ދާނީ އިތުރު ކުރިއެރުން ލިބެމުންނެވެ! އިން ޝާ ﷲ! --އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން