ބަލިމީހުންނަށް އަތުން ބަހާނެ އެއްޗެއް ނެތުމުން ހިތުން ޞަދަޤާތް ބަހަމުން ދިއަ މީހަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ބަލިމީހުންނަށް އަތުން ބަހާނެ އެއްޗެއް ނެތުމުން ހިތުން ޞަދަޤާތް ބަހަމުން ދިއަ މީހަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ!

ގިނަ ބައަކު ތިބި މަޖިލީހެއްގައި އިން މީހަކަށް ނިޞްބަތްކޮށް މީހަކު ބުންޏެވެ. "މީނާއަކީ ކޮންމެ ދުވަހަކު ހޮސްޕިޓަލަށް ގޮސް އެތަނުގައި ތިބޭ ބަލި މީހުންގެ ގާތަށް ގޮސް ހާލު އަހައި އުޅޭ މީހެކެވެ. ނަމަވެސް ދުވަހަކުވެސް ބަލިމީހަކަށް އެއްވެސް އެއްޗެއް ދިއްކޮށްލާ ތަނެއްވެސް ނުފެނެއެވެ. ވީއިރު އެއީ ކީއްކުރަން ކުރާ ކަމެއް ހެއްޔެވެ؟" 

އެވަގުތު އެމަޖިލީހުގައި އެންމެ އިސްކޮށް އިންނެވި ޝައިޚް އެ ސުވާލު ނިޞްބަތްކުރެވުނު މީހާގެ ކިބައިން ޖަވާބަކަށް އެދިވަޑައިގެންނެވުމުން އޭނާ ދެންނެވިއެވެ. "އަޅުގަނޑަކީ ވަރަށް ނިކަމެތި ފަޤީރަކީމެވެ. ދިރިއުޅެނީ ވަރަށް ފަޤީރު ޙާލުގައެވެ. އެހެންކަމުން އެމީހުންނަށް ޒިޔާރަތް ކުރި ނަމަވެސް އެއްޗެއް ނުދެވެނީ އެވެ. ދޭނެ ހަދިޔާއެއް ނުލިބުނު ނަމަވެސް އަޅުގަނޑު އެކަން ކުރަނީ އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭނެ ޙައްޤެއް ކަމަށް ހަދީޘްފުޅުގައި އޮތުމުން އެ ޙައްޤު އަދާކުރުމަށެވެ. އެމީހާ އެބުނާ ވާހަކައަކީ މުޅިއަކުން ތެދެއްވެސް ނޫނެވެ. އަޅުގަނޑު ކޮންމެ މީހަކަށްވެސް ވަރަށް އަގު ބޮޑު ހަދިޔާއެއް ދެމެވެ. އެއީ އަޅުގަނޑުގެ ހެޔޮ ދުޢާއެވެ. ހަމަ ކޮންމެ މީހަކާއިވެސް ވަކިވަނީ އެމީހަކަށް އަވަސް ޝިފާޢަކަށް އެދި ދުޢާކޮށްފައެވެ. ހެޔޮ ރަޙްމަތްފުޅު މިންވަރު ކުރެއްވެވުން އެދިވެސް ދުޢާ ކުރަމެވެ. 

މުއްސަނދިން ހަދިޔާ ބަހަނީ ކޮންމެވެސް ކަމެއް ފާހަގަކުރާށެވެ. އަހަރުގެ މަދު ދުވަސަތަކެއްގައެވެ. އަޅުގަނޑު ގަދަވެ ސަލާމަތުން ހުރި ނަމަ ކޮންމެ ދުވަހަކު މަޣްރިބް ނަމާދުވަގުތު ޖެހުމުން 2 ގަޑިއެއް ހައިއިރު އަޅުގަނޑުގެ ހަދިޔާ ބަހަމެވެ." 

ޝައިޚް ވިދާޅުވިއެވެ. "ބަލިވެގެން ނަމަވެސް ހާލުގައި ތިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. އެއީ ކުރެވޭ ވަރަށް މަތިވެރި ޞަދަޤާތެކެވެ. ހަމަ އެއާއެކު އޭނާ އެބަހަނީ އަދި މާ އަގުބޮޑު ޞަދަޤާތެކެވެ. އެ ޞަދަޤާތުގެ ސަބަބުން ބަލިމީހާއަށާއި ޞަދަޤާތްކުރި މީހާއަށް ވެސް ފައިދާކުރާނެ ޞަދަޤާތެކެވެ. އެއީ ހަމަ ކޮންމެ މީހަކުވެސް ބަހަން ޖެހޭ ޞަދަޤާތެކެވެ." 

ޝައިޚުގެ ވާހަކަފުޅު އަޑު އިވުމުން އެމަޖިލީހުގައި އިން މުއްސަނދި ވިޔަފާރިވެރިއަކު ބުންޏެވެ. "ތިބާ ތިއަ ބަހާ ޞަދަޤާތުގައި ބައިވެރިވާން އަހަރެންވެސް ބޭނުމެވެ. ވީމާ އަހަރެންވެސް ބައިވެރިކޮށްދޭށެވެ. ކޮންމެ ދުވަހަކުވެސް ޢަޞްރު ނަމާދުން ފައިބައިގެން އަހަރެންގެ ފިހާރައަށް އަންނާށެވެ. އަހަރެންނަށް އެދުވަހަކު ދެވެން އޮތް ވަރަކަށް ތިބާގެ އަތުން ބަހާނެ ހަދިޔާ ދޭނަމެވެ. ދެން ތިބާގެ ހިތުން ބަހަމުން ތިއަ ގެންދާ ބައި ހަމަ ހިތުން ބަހަމުން ގެންދާށެވެ. އަހަރެން ދޭ ހަދިޔާ ތިބާގެ އަތުން ބަހައިދޭތީ އެކަމަށް އުޖޫރައެއްގެ ގޮތުން ކޮންމެ މަހަކުވެސް ރަނގަޅު ހަދިޔާއެއް ދޭނަމެވެ. ﷲ އިރާދަ ކުރެއްވިއްޔާ ތިބާގެ ދުލުން "ތިމަންނާއަކީ ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާ ފަޤީރެކެވެ." ބުނަން ނުޖެހޭނެވަރު ކޮށްދޭނަމެވެ. 

މިކިޔައިދިން ވާހަކައިން ޙާޞިލުކުރަން ޖެހޭ 2 ޢިބްރަތެއް ވެއެވެ. ފުރަތަމަ ކަމަކީ ބަލިމީހުންނަށް ޒިޔާރަތްކުރަންވީ ހަމައެކަނި އަތުން ހަދިޔާ ބަހަން ނޫން ކަމެވެ. ބަލި މީހުންނަށް ޒިޔާރަތްކޮށް ހެޔޮ ދުޢާ ކުރުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެއް ކަމެވެ. ދެވަނަ ކަމަކީ އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުންމަތީގައި ދެމިހުންނަ މީހަކަށް ނުވެސް ވިސްނޭނެ ފަދަ ގޮތްގޮތުން ﷲ ތަޢާލާ ރަޙްމަތްފުޅު މިންވަރުފުޅު ކުރައްވަވާނެ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން