މިއަހަރުގެ ރަމަޟާން މަސް ފެށެނީއެވެ. ރަމަޟާން މަސް ފެށެންވާއިރަށް ގޭތެރެއިން ދަބަރުތަޅައި ދަބަރު ފިލުވައި ދަވާދު ނުލެވިއްޖެނަމަ ގޭގެ ދުވަސް ދިއައީއެވެ. ވެރިމީހާ ކުށްވެރިވެސް ވާނެއެވެ.
ދެން ބަލައިލަންވީ ގޭތެރެއިން ދަބަރު ފިލުވައި ދަވާދު ލުމަކީ ކޮބައިތޯއެވެ! އެއީ ގޭގެ އަހުލުވެރިންގެ ހިތްތައް ތާޒާކުރުމެވެ. އީމާންކަމުން ފުރައިލުމެވެ. ރަމަޟާން މަސް އަންނާތީ ކަންބޮޑުވުމުގެ ބަދަލުގައި ރަމަޟާން މަސް އައުން ލަސްވެގެން އިންތިޒާރުގައި ތިބޭ ޙާލަތަށް އެ މަހަށް ބޭނުންވުމެވެ. އެކަންކަން ކުރެވޭނީ ގޭގައިލާ ރީތި ކުލައަކުން ނޫނެވެ. ހިތްތައް ތާޒާކޮށް އީމާންކަމުން ފުރާލައިގެންނެވެ. އަހަރު ނިމިގެންދިއައިރު އީމާންކަމަށް ލިބިފައިވާ ނިކަމެތިކަން ނައްތާލެވިގެންނެވެ.
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ގޭގެ ފާރުތަކުގައި ކުލަލައި ޒީނަތްތެރިކުރުމުން ފުދުނީ ކަމަށެވެ. ނަމަވެސް ވިސްނަން ޖެހޭނެ ކަމަކީ ފާރުގައިލާ ކުލައިން ހިފާ ރޯދައަށް އެއްވެސް ދިރުމެއް ނުލިބޭނެ ކަމެވެ. ދިރުން ލިބޭނީ ދިރުން ހޯދަން ކުރުމަށް އަންގަވާފައިވާ ކަންކަން ކުރުމުން ކަމެވެ. ވީމާ އެގެއެއްގެ ބައަކު ނުވަތަ ތިމާގެ ބެލެނިވެރިކަމުގެދަށުގައިވާ ބައެއްގެ ހިތްތައް ރަމަޟާން މަހަށްޓަކައި ތާޒާ ކުރުވުމަކީ އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތަކެވެ. އެ މަސްއޫލިއްޔަތު އަދާނުކޮށްފިނަމަ އެމީހަކު ކުށްވެރިވާނެ އެވެ. އަދަބު ލިބޭނެއެވެ. އެގެއެއްގެ ވެސް ދުވަސް ދިއައީ ކަމަށް މިބުނާ ބަހުގެ މާނައަކީ ރަމަޟާން މަހަށް ފުރިހަމައަށް ތައްޔާރު ނުވެ، ރަމަޟާން މަހުގެ ފައިދާ ލިބިގަތުމަށް އެގެއެއްގައި މަސައްކަތް ނުކުރެވިއްޖެ ނަމަ އެގެއަކަށް ރަމަޟާން މަހުގެ ސަބަބުން ލިބެން ހުރި ނިޢްމަތްތައް ނުލިބި އެގެއެއް ބާކީވެގެންދާނެ ވާހަކައެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ އެގެއެއްގެ ދުވަސް ދިއައީ ނޫން ހެއްޔެވެ؟
މީސްތަކުންނޭވެ! ރޯދަ ފަރުޟު ކުރެއްވެވި ޢާޔަތް ނިކަން ކިޔައިބަލާށެވެ. އަދި މުޅި ޤްރުއާން އެކުގައިވެސް ކިޔައިބަލާށެވެ. ރޯދަ ފަރުޟު ކުރެއްވެވީ ގޭގައި ކުލަލުމަށާއި ފަރުނީޗަރު އައުކުރުން ފަދަ ކަންކަން ކުރުމަށް ކަމަށް އެއްވެސް އާޔަތެއްގައި އެބައޮތް ހެއްޔެވެ؟ ރޯދަ ފަރުޟު ކުރެއްވެވުމުގެ މަޤްޞަދަކީ ތަޤްވާވެރިކަމާއި އީމާންތެރިކަން ވަރުގަދަ ކުރަން ކަމަށް ނޫން އެއްވެސް ސަބަބެއް އެބައޮތް ހެއްޔެވެ؟ އެހެންކަމުން މި ދެއްކި ވާހަކަތަކަށް ދަލީލު ދެއްކިއްޖެ ކަމަށް ޤަބޫލުކުރަމެވެ.
ކޮންމެ ދީނެއްގައިވެސް އަޅުކަމަށް ޚާއްޞަ ދުވަސްތަކާއި ޢީދު ފާހަގަ ކުރެއެވެ. އެގޮތުން ތަންތަން ރީތި ކުރުމާއި ކުލަބޮކިތައް ދިއްލުން ފަދަ ކަންކަން ވެސް ކުރެއެވެ. މުސްލިމުންނަށް ވެސް އަޅުކަމަށް ޚާއްޞަ ދުވަސްތަކެއް ވެއެވެ. އަދި 2 ޢީދުވެސް އެބައޮތެވެ. ނަމަވެސް ފާހަގަކުރަން ކުރަންޖެހޭ ކަންކަން ވަރަށް ތަފާތެވެ. ފާހަގަކުރަންޖެހޭ ގޮތްވެސް ތަފާތެވެ.
ރަމަޟާ މަސް އައުމުން ރަމަޟާން މަސް ފާހަގަކުރުމަށްޓަކައި މުސްލިމުންގެ ސަމާލުކަން ދީނުގެ ކަންކަމަށް އިތުރުކުރަން ޖެހެއެވެ. އެގޮތުން ބަލާއިރު ފަސް ނަމާދުކުރުމަކީ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއް ނަމަވެސް އެކަން ފުރިހަމައަށް ނުކުރެވޭ މީޙުންވެސް ނަމާދުކުރުމަށް ރަމަޟާން މަހު ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ. ހަމަ އެފަދައިން ޞަދަޤާތްކުރުންވެސް ގިނަ ކުރުމާއި އަޅުކަމުގައި ހޭދަކުރާ ވަގުތުވެސް ގިނަ ކުރަން ޖެހެއެވެ. ހަމަ އެޢާއިއެކު ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަމަށް އަރައިގަތުމުން ދުރުހެލިވުމަށް އިތުރަށް މަސައްކަތް ކުރަން ޖެހެއެވެ.
ގިނަ ބައަކު މި މަޤްޞަދުތައް ޙާޞިލުކުރުމަށް މަސައްކަތްވެސް ކުރެއެވެ. ޙަޤީޤަތުގައި މިފަދަ އަމަލުތަކުގެ ސަބަބުން އެނގިގެންދަނީ މުސްލިމުންނަކީ ﷲ ތައާލާއަށް ބިރުވެތިވާ، ކިޔަމަންތެރިވާ އަދި އިސްލާމް ދީން ދެކެ ލޯބިވާ ބައަކު ކަމެވެ. މިފަދަ ނަމޫނާ ދެއްކުމުން އެހެން ދީންތަކުގެ މީހުންގެ ހިތުގައި އިސްލާމް ދީނަށް ޝައުޤުވެރިކަން އިތުވެއެވެ. އެކަމުގެ ސަބަބުން އެތައް ބައަކު އިސްލާމް ދީން އިކްތިޔާރުވެސް ކުރެއެވެ.
އަހަރެންގެ އިލްތިމާސަކީ އެންމެންވެސް ރަމަޟާން މަހާއި ބައްދަލުކުރުމަށް ފުރިހަމައަށް ތައްޔާރުވުމެވެ. ތައްޔާރުވާންވީ ﷲ ތަޢާލާ އަންގަވާފައިވާ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތަށެވެ. އެކަމުގައި މައިން ބަފައިންނާއި ބެލެނިވެރިންގެ ޒިންމާ ވަރަށް ބޮޑުކަން ހަނދާންކުރަންވާނެއެވެ!
- މުފްތީ މެންކުގެ ދަރުސަކުން