ތައުބާވެ އިސްތިޣްފާރު ކުރުންމަތީގަ ހުންނަ މީހަކަށް ރަނގަޅު ދިރިއުޅުމެއް ދެއްވަވާނެ ކަމުގެ ޔަޤީންކަން މިއާޔަތުން ލިބެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ތައުބާވެ އިސްތިޣްފާރު ކުރުންމަތީގަ ހުންނަ މީހަކަށް ރަނގަޅު ދިރިއުޅުމެއް ދެއްވަވާނެ ކަމުގެ ޔަޤީންކަން މިއާޔަތުން ލިބެއެވެ!

ތައުބާވެ، އިސްތިޣްފާރުކުރުމުން (ފާފަ ފުއްސެވުން އެދި ދުޢާ ކުރުމުން) ޙާޞިލް ނުކުރެވޭނެ ނިޢްމަތެއް ނެތެވެ! ހޫދު ސޫރަތުގެ 3 ވަނަ ޢާޔަތުންވެސް މިކަން ޔަޤީންވެ ކަށަވަރުވެގެންދެއެވެ. "އަދި ތިއަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުން ތިއަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިއަބައި މީހުން ތައުބާވާށެވެ! އެއިރުން ކަނޑައެޅިގެންވާ އަޖަލު ހަމަވެއްޖައުމަށްދާންދެން، ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިއަބައި މީހުން ލަހައްޓަވާނެތެވެ. އަދި އަމަލު އިތުރުކުރި ކޮންމެ މީހަކަށް، އެމީހަކު އިތުރުކުރި ޢަމަލެއްގެ ޖަޒާ ޤިޔާމަތް ދުވަހުން  އެކަލާނގެ ދެއްވަވާނެތެވެ. ތިއަބައި މީހުން ފުރަގަސްދޭނަމަ، ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބާއިމެދު، ތިއަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅު ގަނެއެވެ."  

ރަސޫލް (ޞޢވ) ވަނީ ދުވާލަކު މަދުވެގެން 100 ފަހަރު އިސްތިޣްފާރު ކުރުމަށް ވަސިއްޔަތް ކުރައްވަވައިފައެވެ. އެއީ އެހައި ބުރަކަމެއް ނޫނެވެ. "އަސްތަޣްފިރުﷲ" 100 ފަހަރު ކިޔަން ނަގާނީ ގިންވެގެން އެންމެ 2 މިނިޓެއްހައިއިރެވެ. އެންމެ މުހިންމު ކަމަކީ ފާފަ ފުއްސަވައި ދެއްވެވުން އެދި އިސްތިޣްފާރުކުރާއިރު އެކަން ހިތުގައި ބޭއްވުމެވެ. އެކަމަށް ހިތުން އެދެމުން ދިއުމެވެ. 

"ގިނަގިނައިން އިސްތިޣްފާރު ކުރާ މީހާއަށް ކުރިމަތިވާ ކޮންމެ ކަންބޮޑުވުމަކުން (މުޞީބާތަކުން) ސަލާމަތް ވެވޭނެ މަގެއް އޭނާ ހީވެސް ނުކުރާފަދަ ގޮތަކަށް ﷲ ތަޢާލާ ދައްކަވާނެތެވެ." ޞަހީޙް ޙަދީޘް (އަބޫ ދާވޫދު) 

އިތުރު ޙަދީޘްފުޅެއްގައިވެއެވެ. "ގިނަގިނައިން ތައުބާވުންމަތީގައި ހުންނަ މީހަކު، ބަނޑުހައިހޫނުކަމުންނާއި އެމީހަކަށް ކުރިމަތިވާ މުޞީބާތްތަކުން ﷲ ތަޢާލާ ސަލާމަތްކޮށްދެއްވަވާނެތެވެ. އަދި ހިތާމަތަކާއި ކުރިމަތިވާ ދަތިތައް ފިލުއްވަވައި ދެއްވަވައި ކުރިއެރުމާއި ކާމިޔާބީ މިންވަރު ކޮށްދެއްވަވާނެތެވެ. އަދި އެމީހަކަށް ނުވެސް އެނގޭ ދިމާތަކުން އެހީތެރިކަން ފޯރުކޮށް ދެއްވަވާނެތެވެ."

އިސްތިޣްފާރުކުރުމުން ލިބޭނެ ބައެއް ފައިދާ: 

1 ހިތްހަމަ ޖެހުން ލިބުމާއި ދުޢާ އިޖާބަ ކުރެއްވެވުން،

2 އިސްތިޣްފާރުކުރުމަކީ އުފާވެރިކަމަށް އޮތް ތަޅުދަނޑިއެވެ. އެންމެހައި ކަންބޮޑުވުން ފިލުވައިލަދޭނެ ވަސީލަތެވެ.

3 އެދޭ ކަންކަން ޙާޞިލުވުމަށް ދޮރުތައް ހުޅުވައިދޭނެއެވެ. ރަޙްމަތުގެ ދޮރުތައް ހުޅުވިގެންދާނެއެވެ. ޢިލްމު ލިބުމަށް މަގުތައް ފަހިވެގެންދާނެއެވެ.

4 ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާނެއެވެ.

5 އިސްތިޣްފާރުކުރުންމަތީގައި ދެމިހުންނަ މީހަކު، ދުނިޔެއިން އެއްވެސް ކަމެއް ޙާޞިލު ނުވެގެން މާޔޫސްވެ ކަންބޮޑެއް ނުވާނެއެވެ. ހިތާމަތައް ކުރަންޖެހި މާޔޫސްބަލީގެ ބޭސް ކާކަށް ނުޖެހޭނެއެވެ.

 

 

މިއަދު އޮންލައިން