މަންމަ މަރުވުމުން ކެވޭނެ ގޮތެއް ނެތިގެން އިމާމާ ޝަކުވާކުރަން ދިއަ ކުޑަކުއްޖަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
މަންމަ މަރުވުމުން ކެވޭނެ ގޮތެއް ނެތިގެން އިމާމާ ޝަކުވާކުރަން ދިއަ ކުޑަކުއްޖަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ!

އެއް ދުވަހަކު 9 އަހަރު ނުފުރޭ ކުޑަ ކުއްޖަކު މިސްކިތަށް އައިސް އިމާމް އާއި ޝަކުވާ ކުރިއެވެ. "އަހަރެންގެ މަންމަ އަހަރެންނަށް ބަލިވެ އިންދާ ބައްޕަ ނިޔާވެއްޖެއެވެ. ގެންގުޅެ ބަލައި ބޮޑުކުރީ  މަންމައެވެ. ރޭ މަންމަ ނިޔާ ވެގެން ވަޅުލައިފިއެވެ. އަހަރެން މިހިރީ ގޭގައި އެކަނިވެފައެވެ. ކެވޭނެ ފަދަ ވެސް ނެތިފައެވެ. އިމާމް ނިކަން ވިދާޅުވެބައްލަވާށެވެ. މިހުރިހާ އަނިޔާއެއް އަޅުގަނޑަށް މިލިބެނީ އަޅުގަނޑު ކޮން ކުށެއް ކޮށްގެންތޯއެވެ؟" 

އެ ކުއްޖާއަށް ބަލާއިރު ކުރި ޝަކުވާގެ މައްސަލައެއް ނެތެވެ. އޭނާއަކީ އަދި ކުޑަ ކުއްޖެކެވެ. އެހެންވީމާ ކުށެއްވެސް އަދި ކުރެވިފައެއް ނުވާނެއެވެ. ނަމަވެސް އެއީ އެއް ބައެވެ. އެއީ ކުޑަ ކުއްޖަކަށްވުމުން އެބައި ނުވިސްނިދާނެއެވެ. ނަމަވެސް ވިސްނޭ ވަރުގެ ބޮޑެތި މީހުންވެސް މުޞީބާތެއް ކުރިމަތިވުމުން މިފަދަ ޝަކުވާތައް ކުރެއެވެ. އަނެއްބައި ނުވިސްނޭތީއެވެ. 

މިފަދަ ޙާލަތުގައި ފާހަގަކުރަންޖެހޭނެ ކަމަކީ ޙާލަތެއް ކުރިމަތިވުމުން އެއީ މުޞީބާތެއް ކަމަށް އަހަރެމެންނަށް ވިސްނުނު ނަމަވެސް އެކަމުގެ ސަބަބުން އަހަރެމެންނަށް ކުރާނީ ފައިދާއެއްކަން ނުވަތަ ނޫންކަން މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ. ﷲ ތަޢާލާ އެއްވެސް މީހަކަށް ދެރަ ގޮތެއް މިންވަރެއް ނުކުރައްވަވާނެ އެވެ. ވީމާ މުޞީބާތެއްގެ ގޮތުގައި އަހަރެމެންނަށް ވިސްނޭ ކަންކަމަކީ އަހަރެމެންނަށް ހުރި ފައިދާއަކަށް ވެގެންދެއެވެ. އެކަން ހަމަ މިޝަކުވާކުރި ކުއްޖާއަށް ކުރިމަތިވި ގޮތުން އެނގިގެންދެއެވެ. 

އިމާމް މީހާ ގާތު އެ ޝަކުވާ ކުރަން ހުއްޓައި މެންދުރު ނަމާދު ވަގުތުވީއެވެ. މިސްކިތަށް މެންދުރު ނަމާދަށް އައި ތަނަވަސް މީހަކު ކުއްޖާގެ ވާހަކަތައް އަޑު އެހުމަށްފަހު ނަމާދު ނިމިގެން ދިއައީ ކުއްޖާ ގޮވައިގެންނެވެ. އެދެމަފިރިންނަށް ލިބިފައިވަނީ 2 އަންހެން ދަރިންނެވެ. އެ ދެމަފިރިން އެކުއްޖާ ބަލައިގަތީ އެމީހުންގެ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. ގެންގުޅެ ބޮޑުކޮށް މުދަލުންވެސް ދަރިއަކާއި އެއްވަރުގެ ބައެއް ދިނީއެވެ. އެކުއްޖާއަށް ކިޔަވައިދީ ބޮޑު ދީނީ ޢިލްމުވެރިއަކަށް ހެދުމުން މިއަދު އޭނާއަކީ އިސްލާމް ދީން މަތިވެރިކުރަން ގަދައަޅައި މަސައްކަތްކުރާ ބޮޑު ދީނީ ޢިލްމުވެރިއެކެވެ.  

ވީމާ މުޞީބާތެއް ކުރިމަތިވާ ކޮންމެ ހިނދެއްގައި ޝަކުވާ ނުކުރާށެވެ! ތިމާ ޙައްޤު ގޮތުގައި ހުއްޓައި ތިމާއަށް ދެރަ ނިކަމެތި ކަމެއް ނުލިބޭނެ ކަމަށް އަބަދުވެސް ޔަޤީން ކުރާށެވެ. ދެރަ ނިކަމެތި ކަމެއް މެދުވެރިވި ނަމަވެސް އެކަމުގައި ފޮރުވިގެންވާ ޙިކުމަތެއް އޮންނާނެ ކަމަށް ޔަޤީންކޮށް ކެތްތެރިވެ ތައުބާވެ އިސްތިޣްފާރުކުރުން އިތުރުކުރާށެވެ! ޝަކުވާ ނުކުރާށެވެ! ﷲ ތަޢާލާއަށް ފުރިހަމައަށް އިތުބާރުކުރާށެވެ! އެއިރުން ހުރިހާ ކަމެއްވެސް ދާނީ ހާޞިލުކުރެވެމުންނެވެ. ދުނިޔެއާއި އާޚިރަތް ލިބޭނީ މިބުނެދިން ވިސްނުމުގައި ދިރިއުޅޭ މީހުންނަށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން