އޭނާއަކި ވަރަށް މުއްސަނދި މީހެކެވެ. އަދި ވަރަށް ދަހި ވެސް މީހެކެވެ. އަބަދުވެސް ބަލަނީ ބޭންކް އެކައުންޓަށް ގިނަ ކުރެވެތޯއެވެ. ފަޤީރުންނަށް އެހީތެރިވުމަކީ އޭނާ ކުރަން ދަންނަ ކަމެއްވެސް ނޫނެވެ. އަދި ފަޤީރުންނަށް ބަލައިލުމާއި ހިނިތުންވުމަކީ އަމުދުން ކުރަން ބޭނުންވާ ކަމެއް ވެސް ނޫނެވެ.
ނަމަވެސް އޭނާގެ އަނބިމީހާއަކީ އެ ސިފަތައް ހުންނަ އަންހެނެއް ނޫނެވެ. އެހެންކަމުން ދަރިންގެ ކިބައިގައިވެސް ބައްޕަގެ ހުރި ސިފަތަކެއް ނުހުރެއެވެ. ދަރިން އެއްބަސް ކިޔާފައި ބައްޕައަށް ފިލާވަޅެއް ދޭން ރާވައި 500 މީހުންނަށް ކާން ދެވޭނެ ފައިސާ ބައްޕަގެ ތިޖޫރީން ނެގިއެވެ. އަދި ބައްޕައަށް ޝައްކުވެސް ނުވާނެ ގޮތަށް ދުރު މީހަކު ލައްވައި އަވަށުގެ ފަޤީރުންނަށް ކެއުމެއް ތައްޔާރުކުރިއެވެ. އެޖާފަތަށް ބައްޕައަށްވެސް ދައުވަތު ދިނެވެ.
ބައްޕަ ދިއައިރު ދަރިން އޮތީ އެއީ ބައްޕަ ދޭ ޖާފަތެއް ކަމަށް ޖާފަތުގެ ބައިވެރިންނަށް ބުނެދީފައެވެ. އެހެންކަމުން ބައްޕަ ދިއުމާއިއެކު އެންމެން ބައްޕައަށް ޝުކުރު އަދާކުރިއެވެ. އަދި ހަފްތާއެއް ވެގެން ދިއައިރުވެސް ޝުކުރުގެ ކަންތަކެއް ނުނިމުނެވެ. މަގުމަތިން ބައްޕަ ފެނުނު ނަމަވެސް މީހުން ބައްޕައަށް ޝުކުރު އަދާކުރިއެވެ.
މީސްތަކުންގެ ލޯބި ލިބުމުން ލިބޭ އުފާވެރިކަން ބައްޕައަށް އިހްޞާޞް ކުރެވުނީ އެ ހިސާބުންނެވެ. އެ ހިސާބުން ދަހިވެތިކަން ދޫކޮށް މީސްތަކުންނަށް އެހީތެރިވާން ފެށިއެވެ. އެކަމުގެ ބަރަކާތް އޭނާގެ މަސައްކަތުގައި ލައްވަވަން ފެށުމުން ލިބޭ އާމްދަނީ ދިއައީ އިތުރުވަމުންނެވެ. އެހެންކަމުން ބައްޕައަކީ މިހާރު އަބަދުވެސް ވަރަށް އުފަލުގައި ހުންނަ މީހެކެވެ.
ބައްޕައަށް ހެޔޮ މަގު ވިސްނުމުން ދަރިން ވަނީ ކަންކުރި ގޮތް ކިޔައިދީ މަޢާފަށް ވެސް އެދިފައެވެ. އެދުވަހު ބައްޕަގެ ޖަވާބަކަށްވީ ތިއަ ދަރިން ބައްޕަގެ ލޯހުޅުވައިދީ އުފާވެރިކަން ހޯދައިދީފި ކަމަށެވެ. ވީމާ މަޢާފަށް އެދެން ޖެހެނީ ވެސް ޝުކުރުވެރިވާން ޖެހެނީ ވެސް ބައްޕަ ކަމަށެވެ.
މީސްތަކުންނޭވެ. މުދަލުގެ ދަހިވެތިކަމުގައި ބަގުޑި ބައްދާ މީހަކަށް ދުވަހަކުވެސް ހިތް ހަމަޖެހިލައިގެން ނިދައިވެސް ނުލެވޭނެއެވެ. ނަމަެސް ނިކަމެތި ނަމަވެސް ދީލަތި މީހާ އަބަދުވެސް ހުންނާނީ އުފަލުގައެވެ. ވީމާ ދީލަތި މީހަކަށް ވާން މަސައްކަތް ކުރާށެވެ! ދެ ދުނިޔޭގައިވެސް އެކަމުގެ މަންފާ ކުރާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން