ވިހެއުމަށް އަޅާ ވޭން ނާޅާނެ ގޮތެއް ނުހެދޭނެ!- ތަދު އިޙްޞާޞްވުން ކުޑަ ކުރެވިދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ވިހެއުމަށް އަޅާ ވޭން ނާޅާނެ ގޮތެއް ނުހެދޭނެ!- ތަދު އިޙްޞާޞްވުން ކުޑަ ކުރެވިދާނެ!: މުފްތީ މެންކް

ބަލިވެ އިނދެއްޖެ ނަމަ ވިހާނެ އެވެ. ވިހަން އަޅާ ވޭން ނުއަޅާނެ ގޮތެއް ނުހެދޭނެއެވެ. އެހެނީ އެއީ ﷲ ތަޢާލާ އެކަން މިންވަރުފުޅު ކުރައްވަވާފައިވާ ގޮތެވެ. އެ ތަދު ކުޑަކުރުމަށްޓަކައި ބައެއް އަންހެނުން ސިޒޭރިއަންވެސް އެބަ ހަދައެވެ. ސިޒޭރިއަން ހަދާނަމަ އެކަމުން ވެސް ވޭންތަކެއް އަޅައެވެ. އަދި ގެއްލުންތަކެއްވެސް ލިބެއެވެ.

ބައެއް އަންހެނުން ބަލިވެ އިންކަން އެނގުމާއިއެކު ވަރަށް އުފާވެއެވެ. ނަމަވެސް ބަނޑު ބޮޑުވެ ވޭން އުފުލަން ޖެހެން ފެށުމުން ހާސްވެ ގޮތް ބޮޑުވެއެވެ. އަދި ވިހެއުމަށް އަޅާނެ ވޭން ހިތަށް ގެނެސް އަމިއްލައަށް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގަނެއެވެ. މިއީ ވިސްނައިލަން ޖެހޭ ވަރަށް މުހިންމު ކަމެކެވެ.

ބަލިވެ އިނުމުން ނުވަތަ ބަލިވެ އިންކަން އެނގުމުން ބަނޑު އަދި ބޮޑުނުވި ނަމަވެސް ބަނޑުބޮޑުވާނެ ވަގުތަށް އިންތިޒާރުކުރަން ފަށާށެވެ. ބަނޑު ބޮޑުވަން ފެށުމުން ވިހާނެ ވަގުތަށް އިންތިޒާރުކުރާށެވެ. އަދި ވިހެއުމުގެ ވަގުތުގައި ވޭން އަޅާނެކަމާއި އެއީ އެކަން ﷲ ތަޢާލާ ރާއްވަވާފައިވާ ގޮތްކަން ހިތަށް ގެނެސް އެކަމަށް ތައްޔާރުވާށެވެ. އަދި ވިހެއުމުގެ ވޭނަށް ކުރިމަތިލުމުގެ ސާބިތުކަން ދެއްވަވައި އެކަމުގެ ވޭންތައް ކުޑަކޮށް ދެއްވަވާތޯ އާއި ވިހެއުން ފަސޭހަކޮށްކޮށްދެއްވެވުން އެދި ދުޢާ ކުރުން ގިނަ ކުރާށެވެ. އަދި ތިބާގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެކަން ޤަބޫލުކޮށް އެކަމަށް ޔަޤީންކުރާށެވެ. ވިހެއުމަކީ އެތައް ބިލިއަން އަންހެނުން ކުރަމުންދާ އަދި ކޮށްފައިވާ ކަމެއްކަން ހިތްމައްޗަށް ގެންނާށެވެ. އަދި ތިމާއަށް ވެސް އެކަން ކުރެވޭނެކަން ހިތްމައްޗަށް ގެނެސް ހިތްވަރު ލިބިގަންނާށެވެ.

ވިހެއުމަށް އަޅާ ވޭނަކީ ވަރަށް ބޮޑު ވޭނެކެވެ. އަހަރެންގެ އަނބިމީހާ ވެސް ބުނީ ވިހެއުމުގެ ވޭން އަޅާވަގުތު އެހެން ހުރިހާ ކަމެއްގެމަތިން ހަނދާން ނެތިގެންދާ ކަމަށެވެ. ބައެއް އަނަހެނުން ބުނަނީ އެމީހުންގެ ދަރިން ކިތަންމެ ބޮޑުވި ނަމަވެސް ދަރިން ވިހަން އެޅި ވޭނުގެ ހަނދާން ނުނެތޭ ކަމަށެވެ. ވީމާ އެކަމުން ވެސް އެނގެނީ އަޅާ ވޭނުގެ ގަދަކަމެވެ.

މިއަދު އޮންލައިން