އިއްޔެ މުޅި ރާއްޖޭގައި އިސްތިސްޤާ ނަމާދުކޮށް ﷲ ތަޢާލާށއަށް ފެން ދެއްވެވުން އެދި ދުޢާވ ކުރުމުން ހަމަ އެވަގުތުން ފެށިގެން ދަނީ ވާރޭ ވެހެމުންނެވެ.
ނައިފަރު ކައުންސިލުގެ ރައީސް މުޙައްމަދު ޤާރިޤް ވިދާޅުވީ މެންދުރު ނަމާދަށް މީހުން ދިއައިރު އޮތީ ހަމަ ގަދައަށް އަވި ދިއްލާފައި ކަމަށާއި ދުޢާ ކުރަން ތިއްބައި ވޭރޭ ވެހެން ފަށައިފި ކަމަށެވެ. އަދި ވާރޭ ވެހެން ފެށީ ވާރޭ ނުވެހި ގިނަ ދުވަސްވުމުން ރަށުން ފެން ހުސްވެގެން ސަރުކާރުން 130 ޓަނުގެ ފެން ތާނގީތަކަށް އަޅައިވެސް ދިން ފަހުން ކަމަށެވެ.
މާލެއަށްވެސް ހަމަ ދުޢާ ކުރަން ތިއްބައި ވާރޭ ފޮދެއް ވެހުނެވެ. ދުޢާ ކުރިތާ 12 ގަޑިއުރުވެސް ނުވަނީސް ރޭ ހުޅުމާލެއަށް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. މާލެއަށްވެސް ވަނީ މަގުތައް ތެމޭވަރަށް ވާރޭ ވެހިފައެވެ. ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މިއަދު ވަނީ ވިއްސާރައިގެ އަސަރުކޮށްފައެވެ.
މިހުރިހައި ހެކިތަކެއް ދެއްކެވުމުން މިއަދު މިބުނަނީ މިކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އެގޮތަށް ބުނެ ﷲ ދެއްވެވި ނިޢްމަތުގެ އަގު ވަޒަން ނުކުރާއިރު އެފަދަ މީހުން އެންމެ ފަހަރަކުވެސް "ހުޅަނގު މޫސުން ފެށިގެން ފެން ނުލިބި ވިއްސާރަ ނުކޮށް ކިހައި ގިނަ ދުވަސްތަކެއް ފާއިތުވާ ކަމާއިމެދު" ވިސްނައިލާ ބާވައެވެ. ވިއްސާރަ ކުރި ނަމަވެސް ފެން ނުލިބި ކިތައް ދުވަސް ފާއިތުވެގެންދާކަމާއިމެދު ވިސްނައިލާ ބާވައެވެ! ނަގާ ވިލާ އަރިއަރިމައްޗަށް ކެހިގެންދަނީ ކިތައް ދުވަހު ކަމާއިމެދު ވިސްނައިލާ ބާވައެވެ.

ހުޅަނގު މޫސުން އައުމަކީ ފެން ލިބޭ ކަމެއްނަމަ ހުޅަނގު މޫސުން އައުމުން ފެން ލިބުން ލަސްވަނީ ކީއްވެގެން ބާވައެވެ! މަހުގެ 1 ވަނަ ދުވަސް އައުމުން މުސާރަ ލިބެއެވެ. އެއީ ވަޒީފާ ދޭ ފަރާތަކުން ދޭ އެއްޗަކަށްވާތީ އެމީހާއަށް މުސާރަ ދިނުމުގެ ތަނަވަސްކަން ﷲ ތަޢާލާ ދެއްވަވާފައިވުމުން ދެނީއެވެ. ހުޅަނގު މޫސުމަކީ ފެން ދޭ އެއްޗެއްނަމަ ފެން ނުދީ އެހައި ގިނަ ދުވަސް ކުރަނީ ކީއްވެގެންބާވައެވެ!
މިކަމަށް އިޝާރާތް ކުރައްވައި ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވަނީ ބޯމަތީގައި ވިލާ އތުރުނު ނަމަވެސް ފެން ލިބޭނީ ހަމަ ﷲ ތަޢާލާ ދެއްވެވުމުން ކަމަށެވެ. އަދި އިއްޔެ ވެސް ފެނިގެން މިދިއައީ ﷲ ތަޢާލާގެ ކުލަދުންވަންތަކަމުގެ ހެކިތައް ކަމަށެވެ. އަދި މިފަދަ ކޮންމެ ކަމަކުން އީމާންކަން އެތައް ގުނައަކަށް އިތުރުވެގެންދާ ކަމަށެވެ. "ބައެއް ރަށްރަށަށް ފެން ލިބިގެންދިއަ ގޮތާއިމެދު ހަމަ ޢަޖާއިބުވެއެވެ. ﷲ ގެ އޯގާތެރިވަންތަކަމުގެ ބޮޑުކަމާއިއެވެ. އެކަލާނގެ ރަޙްމަތްވަންތަކަމާއިއެވެ.!"
ﷲ ތަޢާލާ ކަންކަން މިންވަރު ކުރެއްވެވުމުން އެއީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ކަންކަމުގެ ހެކި ދައްކަން ބުނެ އުޅުމަކީ ފިރުއަޢުނުގެ ޒަމާނުގައި ކޮށްއުޅުނު ކަމެކެވެ. އަދި އެއަށްފަހުވެސް ﷲ ތަޢާލާއަށް އީމާން ނުވާ މުޝްރިކުން ކުރަމުން އަންނަ ކަމެކެވެ. ﷲ ތަޢާލާ ކަންކަން މިންވަރު ކުރެއްވެވުމުން އެކަން މެދުވެރިވީ ދުނިޔަވީ ސަބަބެއް ނުވަތަ ޢާންމުކޮށް ހިނގަމުންދާ ނިޒާމަކުން ކަމަށް ބުނުމަކީ ﷲ ތަޢާލާ ވޮޑިގެންވާކަމާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމަށް ޤަބޫލުނުކުރާ މީހުން ކޮށް އުޅޭ ކަމެކެވެ.
ވީމާ ދުލުން މިފަދަ ބަސްތައް ބުނެ ހާމަކުރާއިރު މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ.
(ޚަބަރުގައި އެވަނީ ޢަލީ ޝަރީފް ސޯޝަލް މީޑިއާގައި ޢާންމު ކުރައްވާފައިވާ ނައިފަރުގެ ފޮޓޯތަކެކެވެ.)