އެދޭ ކަމެއް ވުމުން އަލްޙަމްދުލިﷲ ކިޔައި ހިތް ނޭދޭ ކަމެއް މެދުވެރިވެއްޖެ ނަމަ 2 ފަހަރު އަލްހަމްދުލިﷲ ކިޔަން ޖެހޭ ސަބަބު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
އެދޭ ކަމެއް ވުމުން އަލްޙަމްދުލިﷲ ކިޔައި ހިތް ނޭދޭ ކަމެއް މެދުވެރިވެއްޖެ ނަމަ 2 ފަހަރު އަލްހަމްދުލިﷲ ކިޔަން ޖެހޭ ސަބަބު: މުފްތީ މެންކް

ސީރިޔާގެ ރިފިޔުޖީންގެ ތެރެއިން އަންހެނަކަށް އެމެރިކާއަށް ދިއުމުގެ ފުރުޞަތު ލިބުނެވެ. ދަތުރުގެ ޓްރާންސިޓް ބަނދަރެއްގައި އޭނާގެ މޫނު ބުރުގާ ނަންގުވައި ފޮޓޯއެއް ނަގަން އިމިގްރޭޝަނުން ބޭނުންވި މައްސަލައެއް ކުރިމަތިވިއެވެ. އޭނާ އެކަމަށް ދެކޮޅު ހެދުމުން ހިނގައި ދިއަ ލަސްވުމެއްގެ ތެރެއިން ފްލައިޓް ފުރީ އޭނާ ނުލައެވެ. 

އޭނާ އެކަމަކަށް ކަންބޮޑެއް ނުވެއެވެ. ﷲ ތަޢާލާ މިންވަރު ކުރެއްވެވި ގޮތް ކަމަށް ޔަޤީންކޮށް ޝުކުރުވެރިވެ ޝަކުވާ ކުރަން ކައުންޓަރުތަކަށް ދުވުމުގެ ބަދަލުގައި އަވަހަށް ދިއައީ ނަމާދުކުރާ ތަނަށެވެ. ނަމާދުކޮށް ދަތުރު އަމާންކޮށް ދެއްވެވުން އެދި ދުޢާކޮށްފައި އަދި ކީރިތި ޤްރްއާން ކިޔަވައިލަންވެސް ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ނުކުމެގެން ގޮސް ކައުންޓަރުގައި ހުއްޓި ދަތުރާއިމެދު ސުވާލުކުރުމުން އެތަނުގައި ތިބި މީހުން ބުނީ އެމީހުން އޭނާ ހޯދާތާ ކިތަންމެ އިރެއް ވެއްޖެ ކަމަށެވެ. 

އެމީހުން ބުނީ ފްލައިޓް ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފްލައިޓަށް މައްސަލައެއް ކުރިމަތިވެ ވެއްޓި ގިނަ ބައަކު މަރުވެފައިވާ ކަމަށެވެ. އޭނާއަށް ނުފުރުނީ ނަޞީބަކުން ކަމަށާއި ބައިގަޑިއެއްހައިއިރުގެ ތެރޭގައި ބޯޑްކުރަން ފަށާ ފްލައިޓަކުން އޭނާއަށް ދަތުރުކުރެވޭނެ ގޮތް ހަމަ ޖައްސައިދީފައިވާ ކަމަށެވެ. 

ކަމެއް ތިމާ ނުއެދޭ ގޮތަށް މެދުވެރިވެއްޖެ ނަމަ އަހަރެމެންނަށް ހީވަނީ ކަންކަން ގޯސްވީ ކަމަށެވެ. އެއީ އެކަމުގައި ފޮރުވިފައިވާ މޮޅު ގޮތް ނުވަތަ ފައިދާ އަހަރެމެންނަށް ނުއެނގޭތީއެވެ. ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ދިރިއުޅޭ ހަމަ އެކަކަށްވެސް އެއްވެސް ދެރަގޮތެއް ﷲ ތަޢާލާ މެދުވެރިއެއް ނުކުރައްވަވާނެއެވެ. ކަންކަން މިންވަރު ކުރެއްވެވުމުން އެއީ އިމްތިޙާނަކަށްޓަކައި މިންވަރު ކުރެއްވެވި ކަންކަން ކަން އަހަރެމެންނަށް ނުއެނގެނީއެވެ. ﷲ ތަޢާލާ އެކަން އެންމެ މޮޅަށް ދެކެދެނެވޮޑިގެންވެއެވެ. 

ތިމާ އެދޭ ކަމެއް ހިންމަވައި ދެއްވަވައިފިނަމަ ٱلْـحَـمْـدُ للهِ‎ ކިޔާށެވެ. ތިމާގެ ހިތް ނުއެދޭ ކަމެއް މެދުވެރިވެއްޖެ ނަމަ 2 ފަހަރު އަލްހަމްދުލިﷲ ކިޔާށެވެ. ކަންކަން ތިމާ އެދޭ ގޮތަށް ހިންމަވައި ދެއްވަވަނީވެސް އަދި ހިތް ނުއެދޭ ގޮތަށް މެދުވެރިކުރައްވަވަނީވެސް ހަމަ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ ﷲ ތަޢަލާއެވެ. 

އެކަމުގެ ހެކި ހާދިސާއިން ލިބެއެވެ. ފްލައިޓުން ނުފުރުމަކީ އޭނާ ބޭނުންވާނެ ގޮތެއް ނޫނެވެ. ނަމަވެސް އޭނާއަށް އެ ގޮތް މެދުވެރި ކުރެއްވެވީއެވެ. އެ ގޮތް މެދުވެރި ކުރެވެވުން ވެގެން ދިއައީ އޭނާއަށް ލެއްވެވި ކޮން ފަދަ ބޮޑު ހެޔޮ ރަޙްމަތަކަށް ހެއްޔެވެ؟ ހަމަ ކޮންމެ ކަމެއްގެ ފަހަތުގައި މިފަދަ ކަންތައް ފޮރުވިފައި ހުންނާނެއެވެ. އަހަރެމެންނަށް ހަމަ ނުއެނގެނީއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން