ލައިގެން ހުރި ފޭރާން ކިތަންމެ އަގު ބޮޑު ނަމަވެސް އެތެރޭގެ ފޭރާން ރީތި ނުކުރާނަމަ އަނގައިން ބުނާނެ މީހަކުވެސް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ލައިގެން ހުރި ފޭރާން ކިތަންމެ އަގު ބޮޑު ނަމަވެސް އެތެރޭގެ ފޭރާން ރީތި ނުކުރާނަމަ އަނގައިން ބުނާނެ މީހަކުވެސް ނުވާނެ!

ލައިގެން ހުންނަ ފޭރާން ކިތަންމެ އަގު ބޮޑުވެފައި ފުރިހަމަ ނަމަވެސް ތިމާގެ ހަޤީޤީ ފޭރާން ފުރިހަމަ ނުވާ ނަމަ އެންމެ ކުޑަމިނުން އަނގައިން ބުނާނެ މީހަކުވެސް ނުވާނެއެވެ. ނަމަވެސް ފޭރާމުގެ ވާހަކަ ދައްކާއިރަށް ކޮންމެ މީހަކަށް ވެސް ހީވަނީ އެ ދައްކަނީ ތިމާ ލައިގެން ހުރި ފޭރާމުގެ ވާހަކަ ކަމަށެވެ.  

ލައިގެން ހުރެ ބޭރުފުށުން މި ދައްކާ ފޭރާމުގެ އަގު ކިތަންމެ ބޮޑުވެފައި ކިތަންމެ ރީތިކޮށް ފަހާފައި ހުރި ނަމަވެސް އެއިގެ އަގު އަރާނީ ތިމާގެ އެތެރޭގެ ފޭރާން ފުރިހަމަވީވަރަކުންނެވެ. އެތެރޭގެ ފޭރާމަކީ ހިތުގެ ޠާހިރުކަމެވެ. ރިވެތި އަޚްލާޤެވެ. ތެދުވެރިކަމެވެ. އަމާނާތްތެރިކަމެވެ. ތަޤްވާވެރިކަމެވެ. މިފަދަ ރިވެތި ސިފަތަކެވެ.  

ހެކި ބޭނުން ހެއްޔެވެ؟ އޭނާއަކީ ބޮޑު ވަގަކަށް ވެދާނެއެވެ! އަނިޔާވެރިއަކަށްވެދާނެއެވެ! މުޖުރިމަކަށް ވެދާނެއެވެ! ފާހިޘް އަމަލުތައް ހިންގުމުގައި ހައްދުފަހަނައަޅާފައި ހުރި މީހަކަސްވެދާނެއެވެ! ދޫ ނުބައި މީހަކަށްވެދާނެއެވެ! އަތް އިސްކުރާ މީހަކަށްވެދާނެއެވެ. މިފަދަ އެއްވެސް މީހަކު ކިތަންމެ އަގުބޮޑު، އަދި ރީތި ފޭރާމެއްލައިގެން މަގުމަތީގައި އުޅުނު ނަމަވެސް އޭނާ އެކުރާ ނުބައި ކަންކަން ކުރާ، އެކަމަށް ތަރުހީބު ދޭ މީހަކު ނޫނީ އެމީހަކަށް ބަލައިވެސް ނުލާނެއެވެ! 

އެތެރޭގެ ފޭރާން ފުރިހަމަވެފައި ބޭރުފުށުގެ ފޭރާން ކިތަންމެ ނިކަމެތި ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެމީހެއްގެ ވަށައިގެން މީސްތަކުން ތިބޭނެއެވެ. އެމީހަކަށް އިޙްތިރާމްކުރާނެއެވެ. އިތުބާރުކުރާނެއެވެ. 

ރަނގަޅަށް ވިސްނާށެވެ! މިސްތަކުން އެންމެ ބޮޑަށް ބަލާނެ އެއްކަމަކީ މީހާގެ ބަސްމަގެވެ. ބަސްމަގު ހުތުރު ނަމަ ގިނަ ބައެއްގެ ނަފްރަތުކަން ލިބޭނެއެވެ. އަދި މީހުންގެ މަލާމާތާއި ފުރައްސާރައިގެ އިތުރުން މީސްތަކުންގެ ލައްނަތް ލިބޭނެއެވެ.

ޝާރުޖާގެ ރެސްޓޯރަންޓެއްގައި ހިނގި ކަމެކެވެ. ވަރަށް އަގު ބޮޑު، ރީތި ފޭރާމުން ޢަރަބި ފޭރާން ލައިގެން އިން ޢަރަތްބެކެވެ. އޭނާ ކާން އިނދެފައި އޯޑަރުކުރި އެއްޗެއް ލަހުން ގެނައުމުން ވެއިޓަރާއި ދިމާއަށް އަރައިގަތީ ކުދި ފިޔޮއްތަކާއި ބެހުމުން ކުކުޅެއް އަރައިގަންނަ ފަދައިންނެވެ. އަޑުގަދަކުރަން ފެށީ ވަކި ވަރަކަށް ނޫނެވެ. 

އެވަގުތު އެތަނުގައި އިން މީހަކު ތެދުވެގެން ގޮސް އޭނާއަށް ބުންޏެވެ. "މީގެ ކުރިން ތިއަހެން އުޅޭތަން ފެންނަނީ 2 ފުޅި އެއްފަހަރާ ބޮއިގެން ތިބޭ މީހުންނެވެ. މި ރެސްޓޯރަންޓުން ފުޅި ލިބެނީ ހެއްޔެވެ؟ ނޫނީ ވަގަށް ވައްދައިގެން 2،3 ފުޅި ބުއީ ހެއްޔެވެ؟" 

ކަން ދިމާވި ގޮތުން މިގޮތަށް އަމަލުކުރީވެސް ޑިޕޮލޮމެޓެކެވެ. އެމީހަކު އެވާހަކަތައް ބުނުމުން އެއްޗެއް ވިސްނި އިށީންނަން ބަލައިލުމުން ވަށައިގެން ތިބި އޭނާގެ އަމަލުތައް ފޯނުން ވީޑިއޯ ކުރާ ތަނެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އިސާހިތަކު ހަމަ އޭނާގެ ފޯނަށް ލިބެންފެށީ އޭނާގެ އަމަލުތަކުގެ މަންޒަރުތައް ފެންނަ ޓްވީޓްތަކެވެ. 

ވީމާ ރިވެތިކުރަންވީ ހަމައެކަނި ބޭރުފުށުގެ ފޭރާމެއް ނޫނެވެ. އެތެރޭގެ ފޭރާން ރިވެތި ނުކޮށް ބޭރުގެ ފޭރާން ރިވެތިކުރުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މިދުނިޔޭގައިވެސް އަދި ޢާޚިރަތުގައިވެސް މެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން