އިސްލާމް ދީން ބިނާވެފައިމިވަނީ ކީރިތި ޤްރުއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތުގެ މައްޗަށެވެ. ނަމަވެސް ބައެއް މީހުން އެމީހުންގެ އަމިއްލަ ގޮތްތައް ކުރިއަށް ނެރެ މިވެނި ގޮތެއް މާ ރަނގަޅު ކަމަށް އެބަ ބުނެއެވެ. އަދި ރަސޫލް (ޞޢވ)ގެ ސުންނަތުގައި ބަޔާންވެގެންވާ ގޮތްތަކަށްވުރެ އެމީހުންގެ ފަތުވާ މާފުރިހަމަ ކަމަށް ބުނެ ހުއްޖަތް ދައްކަން އެބަ މަސައްކަތްކުރެއެވެ.
އިސްލާމް ދީނުގެ އެންމެ މުހިންމު އަސާސަކީ ކީރިތި ޤްރުއާނެވެ. ކީރިތި ޤްރުއާން ﷲ ތަޢާލާ ބާވައިލެއްވެވީ ޖިބްރީލްގެފާނު މެދުވެރިކުރައްވަވައި ރަސޫލް (ޞޢވ)ގެ އަތްޕުޅު މައްޗަށެވެ. ކީރިތި ޤްރުއާނުގެ އާޔަތްތައް ފުރަތަމަ ވަގެގެންދިއައީ ރަސޫލް (ޞޢވ)ގެ ހިތްޕުޅަށެވެ. ބޭރަށް ނުކުތީ ރަސޫލް (ޞޢވ)ގެ ދޫފުޅުންނެވެ. ކީރިތި ޤްރްއާނުގެ އާޔަތްތައް މީސްތަކުންނަށް އެނގުނީ ރަސޫލް (ޞޢވ) ބަޔާންކޮށް ދެއްވެވުމުންނެވެ. ޖިބްރީލްގެފާނު 7 އުޑު މަތިން ގެންނެވި އެއްވެސް ޢާޔަތެއް ރަސޫލް (ޞޢވ) ބަޔާންކޮށް ދެއްވެވުމުން މެނުވީ އެއްވެސް ޞަހާބީއަކަށް އަޑު އިވިވަޑައިގެންފައެއް ނުވެއެވެ.
އަހަރެމެން މިތިބީ ﷲ ތަޢާލާއަށް އީމާންވެގެންނެވެ. ކީރިތި ޤްރުއާނުގައި އެކަމަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. ހަމަ އެފަދއިން ރަސޫލް (ޞޢވ)ގެ ރަސޫލްކަންވެސް ޢަބޫލުކޮށްގެންނެވެ. އަހަރެމެން މިތިބީ ކީރިތި ޤްރުޢާނުގެ ހުރިހާ އާޔަތްތައް ޤަބޫލުކޮށް ކަށަވަރުކޮށްގެންނެވެ. ވީމާ ކުރިން ބުނިފަދަ މީހުންނާއި ކުރަން ޖެހޭނެ ސުވާލަކީ (އެމީހުން) ތިއަ ބުނަނީ ނުވަތަ ދައުވާ ކުރަނީ ކީރިތި ޤްރުއާނާއި އިސްލާމް ދީން ރަސޫލް (ޞޢވ)އަށް އެނގިވަޑައިގަންނަވާވަރަށްވުރެ ބޮޑަށް (އެމީހަކަށް) އެނގެނީ ކަމަށް ހެއްޔެވެ؟ އެހެންކަމަށް ބުނާނަމަ އެކަމުގެ ހެކި ދެއްކުމަށްވެސް ބުނާށެވެ.
މީސްތަކުންނޭވެ! ބިރުވެތިވެ ރައްކަތުރިވާށެވެ. ބަޔާންކުރި ފަދަ މައްސަލަތައް ނެރުވަނީ ސީދާ އިބިލީހެވެ. އިންސާނުންގެ ތެރޭގައި ތިބި އިބިލީހުގެ އެޖެންޓުން މެދުވެރިކޮށްގެންނެވެ. އިސްލާމް ދީން ﷲ ތަޢާލާ ވަނީ ފުރިހަމަކުރައްވަވައި ނިންމަވައި އެކަން ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވަވައިފައެވެ. އަލްމާއިދަތު ސޫރަތުގެ 3 ވަނަ ޢާޔަތް ކިޔައިބަލާށެވެ. "..މިއަދު، ތިއަބައިމީހުންގެ ދީން، ތިއަބައިމީހުންނަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށް ދެއްވަވައިފީމެވެ. އަދި ތިމަން ރަސްކަލާނގެ ނިޢްމަތް، ތިއަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށްދެއްވަވައިފީމެވެ. އަދި، އިސްލާމް ދީން ތިއަބައިމީހުންނަށް ދީނެއްކަމުގައި ތިމަން ރަސްކަލާނގެ ރުހިވޮޑިގެންފީމެވެ..."
މިއާޔަތްވެސް މީސްތަކުންނަށް ބަޔާންކޮށް ދެއްވެވީ ހަމަ ރަސޫލް (ޞޢވ)އެވެ. ވީމާ ތިމާމެން އަމިއްލައަށް ގޮތްތައް ކުރިއަށްނެރެ މިވެނި އެވެނި ގޮތެއް މާރަނގަޅުވާނެ ކަމަށް ބުނެވޭނީ ކާކަށް ހެއްޔެވެ؟ އިސްލާމް ދީނުގައި ބަޔާންވެގެންވާ ޙުކުމްތަކަށްވުރެ މޮޅު ގޮތްތަކެއް ނެރެވޭނީ ކޮން ބައަކަށް ހެއްޔެވެ؟ ކޮން ޖަމާޢަތަކަށް ހެއްޔެވެ؟ މުޅި ދުނިޔެ އެއްކޮޅަށް އެރި ނަމަވެސް މި ޙަޤީޤަތްތައް ބަދަލެއް ނުކުރެވޭނެއެވެ. އެހެންކަމުން އިސްލާމް ދީނުގައި ބަޔާންވެގެންވާ އެއްވެސް ހައްދަކަށް ބަދަލު ގެނެސް މާމޮޅު ގޮތްތައް ދައްކަން ނުއުޅޭށެވެ! ﷲ ތަޢާލާ އިޚްތިޔާރުތަކެއް ދެއްވަވާފައިވާތީ ބަދަލު ގެނެވިދާނެއެވެ. ނަމަވެސް ކުށްތަކުން މީސްތަކުން ސަލާމަތް ކުރުމަށްޓަކައި އިސްލާމް ދީނުގައި ބަޔާންވެގެންވާ ޙައްދުތަކަށްވުރެ މޮޅު ގޮތެއް ނުދެއްކޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން