ރިޒްޤަކީ ހަމައެކަނި ފައިސާއެއް ނޫން! ރިޒްޤް އިތުރުކުރަން ޖެހޭ ކަންކަން ވަރަށް ގިނަ!: އިމާމް މާޒިން ޢާދިލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 27ސ
ރިޒްޤަކީ ހަމައެކަނި ފައިސާއެއް ނޫން! ރިޒްޤް އިތުރުކުރަން ޖެހޭ ކަންކަން ވަރަށް ގިނަ!: އިމާމް މާޒިން ޢާދިލް

މިއަދުގެ ދަރުސް ފަށާނީ މުޙައްމަދު ކިޔާ ދެ ޒުވާނެއްގެ ވާހަކައިންނެވެ.

ދެ ޒުވާނުން ވަރަށް ބޮޑަށް ބަނޑުހައިވެއްޖެއެވެ. ކާނެ އެއްޗެއް ލިބޭނެ ގޮތެއް ނުވިއެވެ. އެކަމަށް ވިސްނަމުން ގޮސް އެކަކު ބުންޏެވެ. "ފައްޅިއަކަށް ހިނގާށެވެ. ފަހަރެއްގައި ކާންދީފާނެއެވެ." އެކަކު ބުނީ ފައްޅިއަށް ގޮސް އޭނާ ބުނާނީ އޭނާގެ ނަމަކީ ޖޯޖް ކަމަށެވެ. އަދި ދާނީ ކްރިސްޓިއަނެއްކަން ދެއްކެންވެގެން އަތުގައި ޞަލީބެއް ކުރަހައިގެން ކަމަށެވެ. ދެވަނަ މުހައްމަދު ބުނީ އެއީ ބޭނުން ކަމެއް ނޫން ކަމަށެވެ. ﷲ ތަޢާލާ އިރާދަ ކުރައްވަވައިފިނަމަ ރިޒްޤް ދެއްވަވާނެ ކަމަށެވެ.

ދެމީހުން މަޝްވަރާ ކުރުމަށްފަހު ފައްޅިއަށް ދިއައެވެ. އަދި ޕްރީސްޓާއި ބައްދަލުކޮށް ކާނެ އެއްޗެއް ބޭނުން ކަމަށް ބުންޏެވެ. ޕްރީސްޓް ސުވާލުކުރުމުން އެކަކު ބުނީ އޭނާއަކީ މުސްލިމެއް ކަމަށާއި ނަމަކަށް ކިޔަނީ މުޙައްމަދު ކަމަށެވެ. ޕްރީސްޓް ބުނީ ބަދިގެއަށް ގޮސް ޖެއުމަށެވެ.

ދެވަނަ މުޙައްމަދު އޭނާއަކީ ޖޯޖް ކިޔާ ކްރިސްޓިއަނެއް ކަމަށް ބުނެ ޞަލީބް ދެއްކުމުން ބުނީ މިއަދަކީ ކްރިސްޓިއަނުން ކައިއުޅޭ ދުވަހެއް ނޫން ކަމަށާއި ކާން ލިބޭނީ 5 ގަޑިއިރު ފަހުން ކަމަށެވެ."

މީސްތަކުންނޭވެ! ދުނިޔެ އުފެއްދެވުމުގެ 50000 އަހަރުކުރިން އަހަރެމެންނަށް ދެއްވަވާނެ ރިޒްޤް ﷲ ތަޢާލާ ވަނީ ލިޔުއްވަވައިފައެވެ. އެ ރިޒްޤް އަހަރެމެންނަށް ދެއްވަވާނެއެވެ. ހޯދަން މަސައްކަތް ކުރަންވާނީ ﷲ ތަޢާލާ އެންގެވި ގޮތުގައެވެ. މިކިޔައިދިން ކުރު ވާހަކަކޮޅުންވެސް އެކަން އެނގިގެންދެއެވެ.

ރިޒްޤްގެ ވާހަކަ ދެކެވޭއިރަށް ކޮންމެ މީހެއްގެ ހިތަށްވެސް ފުރަތަމަ އަރާނީ ފައިސާއެވެ. އެއީ ކާބޯތަކެތި ގަންނަން ފައިސާ ބޭނުންވާތީއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން ރިޒްޤް އިތުރުކުރުމަށްޓަކައި އެންމެ ބޮޑު ސަމާލުކަމެއް ގިނަ ބައަކު ދެނީ ލިބޭ ފައިސާ އިތުރުކުރުމަށެވެ. އިތުރު ފައިސާ ހޯދުމަށެވެ.

މިއަދު މިބުނެދެނީ ރިޒްޤް ތަނަވަސްވުމަށް މަގުފަހިވާ އިތުރު ބައެއް ސަބަބުތަކެވެ. އަތަށް ލިބޭ ފައިސާ އިތުރުވެ ތިމާއަށް ރިޒްޤް ތަނަވަސްވާ ބައެއް ގޮތްތަކެވެ.

ތިމާއަށް ލިބޭ ފައިސާ ހެޔޮ ގޮތުގައި ޚަރަދުކޮށް ދިރިއުޅުން ހަމަޖައްސައިދޭ އަނބިން އެކޮށްދެނީ ކޮން ކަމެއްކަން ވަޒަންކުރަނީ މަދު ބައެކެވެ. އެމީހުން އެކުރާ މަސައްކަތުން ވެސް ތިބާއަށް ރިޒްޤް ތަނަވަސްވެގެން ދެއެވެ. އެއް ގޮތަކީ ފައިސާ އިސްރާފް ނުކުރުމުން ތަކެތި ގަންނާނެ ފައިސާ އަތުގައި އިތުރުވުމެވެ. ދެވަނަ އަދި އެންމެ މުހިންމު ކަމަކީ އިސްރާފް ނުކުރުމުން އެކަމުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުމެވެ.

ރިޒްޤް ތަނަވަސްވާނެ ދެވަނަ ކަމަކީ ތިބާގެ މައިންބަފައިންނާއި އަނބިންނާއި ދަރިންގެ ހެޔޮ ދުޢާއެވެ. ތިބާގެ އަމަލުތަކުގައި އެމީހުންނަށް އޯގާތެރިވާނަމަ އެމީހުން ދާނީ ތިބާއަށްޓަކައި ހެޔޮ ދުޢާ ކުރަމުންނެވެ. އެ ދުޢާގެ ސަބަބުން ތިބާއަށް ރިޒްޤް ތަނަވަސްވެގެންދާނެއެވެ.

ހަމަ އެއާއިއެކު ތިބާގެ އަމަލުތައް އިޞްލާޙްކޮށް، އަޅުކަންކުރުން ގިނަކޮށް، ކީރިތި ޤްރްއާނަށް ލޯބިކުރުން އިތުރުކޮށް ކީރިތި ޤްރްއާން ކިޔެވުން ގިނަ ކުރުމަކީ ވެސް ރިޒްޤް ތަނަވަސްވާ ކަންކަމެވެ. ލިބޭ މިންވަރަކުން ޞަދަޤާތް ކުރުމަކީ ރިޒްޤް އިތުރުކުރުމަށް ކުރަން އޮތް އެންމެ މުހިންމު އެއްކަންތަކެވެ. ޞަދަޤާތް ކުރާނެ ފައިސާ އަތުގައި ނެތްނަމަ ވެސް ޞަދަޤާތް ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. މީހަކަށް ކަމެއް (މަސައްކަތެއް) ކޮށްދިނުމަކީވެސް ހަމަ ކުރެވޭ ޞަދަޤާތެކެވެ.

ވީމާ ރިޒްޤް ހޯދަން ކުރަން އޮތް ހަމައެކަނި ކަމަކީ ވަޒީފާ އަދާކުރުން، ވިޔަފާރިކުރުން ނުވަތަ އެނޫންވެސް ފައިސާ ލިބޭ މަސައްކަތްކުރުން ކަމަށް ބަލައިގެން ނުވާނެއެވެ. ފައިސާ ލިބޭނެ މަސައްކަތް ކުރަން ޖެހޭނެއެވެ. ނަމަވެސް އެއީ ރިޒްޤް ހޯދަން ކުރަން އޮތް ހަމައެކަނި ކަންތައް ކަމުގައި ނުދެކޭށެވެ! ފައިސާ ހޯދަން މަސައްކަތް ކުރަމުން ވެސް މިބުނި ކަންކަމަށް ސަމާލުކަން ދޭށެވެ!

މައިންބަފައިންނަށާއި އަނބިދަރިންނަށް ޢާއިލާގެ އެންމެންނަށް އޯގާތެރިކަން އިތުރުކުރާށެވެ! ތައުބާވެ ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ! ރިޒްޤް ތަނަވަސްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! ފައިސާ ހޯދަން ބޭނުންވެގެން ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ލިބޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރަކަށްކަން ހިތުގައި ބާއްވައި ﷲ ތަޢާލާގެ ރުއްސެވުން ހޯދަން ކުރާ މަސައްކަތް އިތުރުކުރާށެވެ! -- އިމާމް މާޒިން ޢާދިލް

މިއަދު އޮންލައިން