އަނބިދަރިންނަށް އަނިޔާވެރިވާ މީހަކަށް، ފިރިމިހާއަށް ނުކިޔަމަންތެރި އަންބަކަށް ހިތް ހަމަޖެހުމެއް، ކުރިއެރުމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
އަނބިދަރިންނަށް އަނިޔާވެރިވާ މީހަކަށް، ފިރިމިހާއަށް ނުކިޔަމަންތެރި އަންބަކަށް ހިތް ހަމަޖެހުމެއް، ކުރިއެރުމެއް ނުލިބޭނެ!

ބައެއް މީހުން އެމީހުން ގުޅޭ ޖަނަވާރާއި ދޫނި ސޫފާ ސޫފި ދެކެ އިންތިހާއަށް ލޯބިވެއެވެ. މިސާލަކަށް ދިރޭ މަސް ގެންގުޅޭ މީހަކު އޭނާގެ ޓޭންކުގައި ތިބޭ މަސް ތަޅާ ފޮޅާނަމަ ތަޅާފޮޅާ މަސް ވަކިކޮށް އެހެން މަސްތައް ހިމާޔަތް ކުރެއެވެ. ގެންގުޅޭ ގުރާ ފަދަ ދޫންޏެއް ކޮނޑުމަތީގައި ބައިންދައިގެން ހުއްޓާ ބޮލަށް ތުންގަނޑު ވައްކަދައިލި ނަމަވެސް އެއަށް އަނިޔާއެއް ނުކުރާނެއެވެ. ދުރުކުރާނީ އޯގާތެރިކަމާއިއެކުގައެވެ. 

މިވާހަކަކޮޅާއި ގުޅުވައިގެން 2 ސުވާލެއް އުފައްދާނަމެވެ. ފުރަތަމަ ސުވާލަކީ ތިމާ ނުހަނު ލޯބިން ކައިވެނި ކުރި އަނބިމީހާއަށް މައިދައިތަ ޢާއި ޅިޔަން ފަހަރިންގެ ކިބައިން އަނިޔާ ލިބޭކަން އެނގޭއިރު އެކަންކަމުން އަނބިމީހާ ސަލާމަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ޓޭންކުގައި ގެންގުޅޭ މަހަށް ހުރި ލޯބި ވެސް އަނބިމީހާއަށް ނެތީ ހެއްޔެވެ؟ 

ދެވަނަ ސުވާލަކީ ކިރިޔާ އުނދަގުލެއްވާއިރަށް އަތް އިސްކޮށް އަނބިދަރިންގެ ގައިގައި ތަޅާ އަނިޔާކުރަނީ ކީއްވެގެން ހެއްޔެވެ؟ ގެންގުޅޭ ގުރައަށް ހިތުގަ އޮތް ލޯބި އަނބިދަރިންނަށް ނެތީހެއްޔެވެ؟ 

މީސްތަކުންނޭވެ މި ދެ ސުވާލުކުރުމުން ތިއައީ ދީނީ ޢިލްމުވެރިއަކު ދައްކަން ކޮންކަހަލަ ވާހަކައެއްތޯ ސުވާލު އުފައްދައިފާނެއެވެ. ޖަވާބަކީ މިއީ ކޮންމެ ދީނީ ޢިލްމުވެރިއަކުވެސް ދައްކަން ޖެހޭ ވަރަށް މުހިންމު ވާހަކައެކެވެ. އެހެނީ މި ބުނި 2 މައްސަލައިގައި އަނިޔާ ލިބެމުންދާ އަންހެނުންނާއި ކުޑަކުދިންގެ އަދަދު ގިނަކަމެވެ. 

ޅިޔަން ފަހަރިން ނުވަތަ ޢާއިލާގެ އެހެން މީހެއްގެ ސަބަބުން ނަމަވެސް އަނބިމީހާއަށް އެއްވެސް ބާވަތެއްގެ އަނިޠާއެއް ލިބެމުންދާނަމަ އެކަން ހުއްޓުވަން މަސައްކަތްކުރާށެވެ. ނަތީޖާއެއް ނުފެނުނަމަ އަވަހަށް އަނބިމީހާ އެގެއަކުން ނެރޭށެވެ. އެ އަނިޔާވެރިކަމުން ސަލާމަތްކުޜާށެވެ. އެއީ ފިރިމީހާ އަދާކުރަން ޖެހޭނެ ވާޖިބެކެވެ. ކައިވެނިކުރާ ވަގުތުން ފެށިގެން އަނބިމީހާއަށް ސަލާމަތްކަމާއި ރައްކައުތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. ބޯހިޔާވަހިކަން ފޯރުކޮށްދޭން ވެސް ޖެހޭނެއެވެ. ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ މިނިކާ ޖަނަވާރު އުޅޭ ކޮށްޓަކަށް ދޫކޮށްލުމެއް ނޫނެއް ނޫން ހެއްޔެވެ؟ ތިމާއަށް ތިމާގެ ޢާއިލާގެ މީހުން ކިތަންމެ މާތް ސޫރައެއްގައި ފެނުނު ނަމަވެސް އެ ޙާލަތުގައި އުޅެން ޖެހުމުން އަނބިމީހާއަށް އެމީހުން ފެންނާނީ ބިރުވެރި ބައެއްގެ ގޮތުގައެވެ.  

ދެވަނަ ކަމަކަށް ފާހަގަ މިކުރި އަނބިދަރިންނަށް އަނިޔާ ކުރުމުގެ މައްސަލައަކީވެސް ހަމަ އެހައި ނުރައްކާ މައްސަލައެކެވެ. ސިޓިންގ ރޫމްގައި ހަމަޖެހިލައިގެން އިންދާ ކުޑަކުޑަ ލޯބިލޯބި ދަރިފުޅު އައިސް ކޮށްލާ ކަމަކުން އަތުގައި ހިފާ އެހޫރާލައެވެ. ބިންމައްޗަށް ގުޅައަކަށް ޖަހައެވެ. މިފަދަ އަނިޔާ ކުރާ މައިންވސް ތިބޭކަމީ އިތުރަށް ހިތާކުރަން ޖެހޭ ކަމެކެވެ. 

އަނބިމީހާޢަށް އިސްތިރި ކުރެވިފައިވާ ގޮތް ކަމު ނިދުއުން، ކައްކާފައިހުރި ކާއެއްޗެއްގެ ރަހަ އެންމެ މީރުނުވުމުން އަނބިމީހާގެ މޫނުމައްޗަށް 3،4 އެތިފަހަރު ދޫކޮށްލައެވެ. އެނޫން އަނިޔާވެސް އެބަ ކުރެއެވެ. ކޮން ފަދަ ހިތާމަހުރި ކަމެއްހެއްޔެވެ؟ 

އަނބިދަރިންނަށް އަނިޔާ ނުކުރާށެވެ. އަދި ފިރިންނަށްވެސް އަނިޔާ ނުކުރާށެވެ. ޚާއްޞަކޮށް ކުދި ދަރިންނަށް އަނިޔާ ނުކުރާށެވެ. އަނބިދަރިންނަށް އަނިޔާ ކުރުމާއި ޖަލު ބެލެހެއްޓުމަށް ހަވާލުވެ ތިބޭ މީހުން ޤައިދީންނަށް އަނިޔާކުރުމާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ އަނބިދަރިންނަކީ ތިމާގެ ބެލެހެއްޓުމުގެ ދަށުގައި ތިބިބައެކެވެ. ޤައިދީންނަކީ ޖަލު ބަލަހައްޓާ މީހުންގެ ހަވާލުގައި އެމީހުންގެ ބެލެހެއްޓުމުގެދަށުގައި ތިބޭ ބައެކެވެ. 

މިފަދަ އަމަލުތައް ކުރާ މީހާއަށް ހަޤީޤީ އުގާވެރިކަމެއް ނުލިބޭނެއެވެ. ހިތްހަމަ ޖެހުމެއް ވެސް ނުލިބޭނެއެވެ. ކޮންމެ ކަމެއް ކުރަން އުޅުނު ނަމަވެސް މައްސަލަތައްވެސް ދާނީ ކުރިމަތިވަމުންނެވެ. އެއީ އެފަދަ މީހުންނަށް އަބަދުވެސް ﷲ ތަޢާލާގެ ލަޢްނަތް ލިބުން ޙައްޤުކަމަށްޓަކައެވެ. މިލިސްޓުގައި ފިރިންނަށް ނުކިޔަމަންތެރި، އުރެދޭ އަނބިންވެސް ހިމެނޭނެއެވެ.  އެކަމަށް އަނބިންވެސް ސަމާލުކަން ދޭން ޖެހޭނެއެވެ. 

އިތުރަކެއްގެ ގޮތުން ބުނެލާނަމެވެ. ބައެއްފަހަރު ކުއްތާތަކާއި ބުޅާތަކުގެ ސަބަބުން އުނދަގޫވެގެން ފައްސައި ހަދަމުއެވެ. އުނދަގޫވެގެން ދުރުކުރިނަމަވެސް ތިމާއަށް ނުރައްކަލަކަށް ނުވާ ނުވަތަ ތިމާއަށް އަނިޔާވެރިނުވާ އެއްވެސް ޖަނަވާރަކަށް ވެސް އަނިޔާވެރި ނުވާށެވެ. އެތަކެތިވެސް އެފެއްދެވީ ހަމަ ތިބާވެސް އުފެއްދެވި ﷲ ތަޢާލާއެވެ. އެއްވެސް ބޭނުމެއް ނެތް އެއްޗެއް ﷲ ތަޢާލާ ނުއުފައްދަވާނެތެވެ. އަހަރެމެންނަށް އެ އެއްޗެއްގެ ބޭނުން ނުއެނގި ހިގައިދާނެއެވެ. އެއީ އަހަރެމެންނަށް ލިބިފައިވާ ޢިލްމު މަދުވުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން