ކެއުމާ ކަސްރަތު ކުރުމަކީވެސް އަޅުކަން ކަމުގަ ހެދިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ކެއުމާ ކަސްރަތު ކުރުމަކީވެސް އަޅުކަން ކަމުގަ ހެދިދާނެ!

އަހަރެމެން އެންމެ ގިނައިނަ ކުރާ އެއްކަމަކީ ކެއުމެވެ. ޖިމްއަށް ދާން ބޭނުންވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެނގޭ ހެއްޔެވެ؟ ކެއުމާއި ޖިމްއަށް ދިއުމަކީވެސް އަޅުކަމަކަށް ހެދިދާނެކަން އެނގޭ ހެއްޔެވެ؟ 

ކާން އިށީނދެ ފުރަތަމަ ކަމަކަށް އެއީ ހަލާލުތަކެތިކަން ކަށަވަރުކުރާށެވެ. އެކަމަށްޓަކައި ދެކަމެއް ކުރަން ޖެހެއެވެ. އެއީ ކައްކާފައިހުރި ތަކެތި ކައްކާފައި ހުރީ ހަލާލު ތަކެތިންކަން ކަށަވަރުކުރުމެވެ. ދެވަނަ ކަމަކީ އެތަކެތި ހޯދާފައިހުރީ ހަލާލު ފައިސާ އިން ހަލާލު ގޮތުގައިކަން ކަށަވަރުކުރުމެވެ. އެއަށްފަހު ބިސްމިﷲ ކިޔައި އިސްލާމް ދީނުގައިވާ ފަދައިން ކާން ފަށާށެވެ. ކާންވާނީ އިސްލާމް ދިނުގައި ކާން އޮންނަ މިނަށެވެ. ކައި ނިމިގެން ﷲ ތަޢާލާ ދެއްވެވި ރިޡްޤަށް އެކަލާނގެއަށް ޙަމްދުކޮށް ޝުކުރު އަދާކުރަންވާނެއެވެ. އެއިރުން އެއޮތީ ކެއުމަކީ އަޅުކަމަކަށްވެފައެވެ. 

ނަމަވެސް އެންމެ އަގުބޮޑު ރެސްޓޯރަންޓްތަކުން ކެއުމަކީ އަޅުކަމަކަށް ހެދިދާނެ ކަމަކަށް ނުބުނާނަމެވެ. ސަބަބަކީ އެއިރުން ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފޭތީއެވެ. މުސްލިމުންނަށް އޮތީ އެކަމުގައިވެސް މެދުމިން ގެންގުޅުމެވެ. މެދުމިނުގެ ރެސްޓާރަންޓަކުން 20 ޑޮލަރަށް ކެވޭ ކެއުން 5 ތަރި ތަނަކުން ކާނަމަ 200 ޑޮލަރު ޚަރަދު ކުރަން އެބަ ޖެހެއެވެ. ކަނީ ހަމަ އެކައްޗެކެވެ. ފުދެނީ އެއް ބޭނުމެކެވެ. އެހެންކަމަށްވާއިރު މަތީ ފެންވަރުގެ ތަނަކުން ކެއުމަށް އިތުރަށް ޚަރަދުކުރާ 180 ޑޮލަރު އެއިގެ ޙައްޤުވެރިންނަށް ޞަދަޤާތް ކޮށްފި ނަމަ ލިބޭނެ ގިނަ ގުނަ ސަވާބާއިމެދު ވިސްނައިލުން ރަނގަޅުވާނެއެވެ. 

ދެން އޮތީ ޖިމްއަށް ދިއުމެވެ. ޖިމްއަށް ދަނީ ﷲ ތަޢާލާ އަނގަވާފައިވާ ކަމެއް ކުރުމަށެވެ. އެއީ ޞިއްހީ ދުޅަހެޔޮކަން އިތުރުކުރުމެވެ. އެހެންކަމުން އެއީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޖިމްއަކަށް ނުގޮސް އަމިއްލައަށް ކަސްރަތު ކުރުމަކީވެސް ހަމަ އަޅުކަމެކެވެ. ނަމަވެސް މިއިން ކޮނމެ ގޮތަކަށް ކުރި ނަމަވެސް ކުރަންޖެހޭނީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށެވެ. އެއިން ކަމެއްގެ ތެރެއަށް އިސްލާމް ދީނާއި ޚިލާފް އެއްވެސް ކަމެއް ނުވައްދައެވެ. އަދާކުރަން ޖެހޭ ފަރުޟުތައް އަދާކުރަމުންނެވެ. ޚާއްޞަކޮށް ހުޅަނގުގެ މީހުން ކުރާ ފަދައިން މިޔުޒިކާއި ނުލައެވެ. 

ކަސްރަތު ކުރަން މިޔުޒިކް ބޭނުމެއް ނުވާނެއެވެ. ކިތަންމެ ބާރަށް އަޑުގަދަކޮށް މިޔުޒިކް ޖެހިނަމަވެސް ހަށިގަނޑަށް އެއްވެސް ކަސްރަތެއް ނުލިބޭނެއެވެ. ކަސްރަތު ލިބޭނީ ކަސްރަތު ކުރުމުންނެވެ. ކަސްރަތު ކުރަން މިޔުޒިކް ބޭނުމެއް ނުވާނެއެވެ. ކަސްރަތު ކުރުން ފަދަ ކަންކަމުގެ ތެރެއަށް މިޔުޒިކް ވައްދާފައިވަނީ ޝައިޠާނާއެވެ. އެއީ އިންސާނުން ކުރާ ކޮންމެ ކަމެއްގައި ﷲ ތަޢާލާއަށް އުރެދުން ހިމަނުވާނެކަމަށް ޝައިޠާނާ ވެފައިވާ ވައުދުގެ ތެރެއިން ކުރާ ކަމެކެވެ. 

އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީން ކަމަށްވެގެންދަނީ މިފަދަ ފުރުޞަތުތައް ހުރުމުންނެވެ. ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ކުރާ ކޮންމެ ކަމަކީ ވެސް ކުރެވޭ އަޅުކަމަކަށް ހަދައި އެކަމުގެ މަންފާ ލިބިގަތުމުގެ ފުރުޞަތު އޮތުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން