އަޅުގަނޑު ފުރަތަމަ ހީކުރީ މިވެރިކަމުގައި މިސްކިތްތަކަށް އެހީވާން ފަންޑުފޮށި ބަހައްޓަން ނުޖެހޭނެ ކަމަށެވެ. އެކަމަކު ތިއަވީ ރަނގަޅު ކަމެއް ކަމުގައިވެސް ދެކެމެވެ. ތިއަ ކަމަށް ހިތްވަރުވެސް ދެމެވެ. ތިއަ ކަމުގައި ބަރަކާތް ލެއްވެވުން އެދި ދުޢާ ވެސް ކުރަމެވެ.
ރަނގަޅު ޕްލޭނަކާއެކު ފަންޑުތައް ކުރިއެރުވިދާނެއެވެ. އެގޮތުން ފުރަތަމަ ކުރަންވީ ކަމަކީ އިސްލާމިކް މިނިސްޓްރީގެ ސިޔާސީ ބައެއް މަޤާމުތަކަށް އިސްލާމީ އިޤްޠިޞާދުގެ ދާއިރާގެ މީހުން ޢައްޔަނުކުރަންވީއެވެ. ފަންޑު ހޯދުމުގެ މަސައްކަތަކީ އިޤްޠިޞާދީ މަސައްކަތެކެވެ. އެކަމެއް ކުރެވޭނީ އެކަމެއްގެ އަހުލުވެރިން އެކަމެއްގައި ތިބެގެންނެވެ.
އިސްލާމީ ފިނޭންސްގެ ދާއިރާއިން ކިޔަވައިގެން ތިބި ޒުވާނުން މިހާރު ރާއްޖޭގައި ގިނައެވެ. އެ ޒުވާނުންނަށް އިރުޝާދުދޭނެ މީހުން ތިބީމައި ކުރިއަސް ދާނެއެވެ.
ދެވަނަ ކަމަކަށް މިއަދުގެ އިވެންޓަށް ރަނގަޅަށް ޕްލޭން ކުރި ނަމަ އިއްޔެގެ ޚުޠުބާ ފަށަން ވާނީ ﷲ ގެ މަގުގައި ހޭދަކުރުމާއި ބެހޭ ގޮތުންނާއި މިސްކިތް އެޅުމާއި ބެހޭގޮތުންނެވެ. އެއީ ރާއްޖޭގެ އެންމެންނަށް ބަސް އަޑުއިވިގެންދާނެ ވަގުތެއް ވީމައެވެ. ހާޒިރުވެ ހުރި މީހަކަސް ދަތުރުވެރިއަކަސް އެ އަޑު އިވިގެންދާނެތީއެވެ. ރަށުގައި ހުރި މީހަކަސް ރިޒޯޓެއްގައި ހުރި މީހަކަސް ޚުޠުބާ އަޑުއަހާނެއެވެ. ވީމާ ފަށަންވީ އެމަގުންނެވެ. އެގޮތަށް ފެށިނަމަ މިއަދުގެ އިވެންޓުގައި ޖޯޝް ހުންނާނެއެވެ.
މިސްކިތްތަކަށް އެހީތެރިވުމަށް އޮތް ދާއިމީ ޙައްލަކީ އައްޤާފް އިތުރު ކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ އިސްލާމިކް މިނިސްޓްރީއަށް 50 ވަރަކަށް މިލިއަން ރުފިޔާ ދެއްވަންވީއެވެ. އިސްލާމިކް މިނިސްޓްރީން އެ ފައިސާ ބޭނުންކުރަންވީ އައްޤާފް ތަރއްޤީޚުރުމަށެވެ. ބޭނުންވާ އިތުރު ފައިސާ ހޯދާނީ އިސްލާމިކް ބޭންކްތަކުންނެވެ. ޤަރްދު ހަސަނާގެ ގޮތުގައެވެ. އެއިރުން ކުރިއަށް އޮތް ޤަރުނުތަކުގައި ރާއްޖޭގެ އިސްލާމީ ކަންކަމަށް ސަރުކާރުން ޚަރަދު ނުކުރި ނަމަވެސް ޚަރަދުކުރާނެ ފައިސާ ހުންނާނެއެވެ. ޕްލޭން ކުރާށެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެހީތެރިވެދެއްވާށެވެ.
ދާރުލް އީމާން މަޝްރޫޢު ކާމިޔާބުވުމާއިއެކު އިތުރު 5 ތަނެއްގައި ވަޤްފް ބިނާތައް ހެދުމަށް ޖިއްދާގައި ހުންނަ އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކާއި އަޅުގަނޑު މަޝްވަރާ ކުރީމެވެ. އައިޑީބީއިން ޢަރްދް ޙަސަނާ ގޮތުގައި 5 މިލިއަން ޑޮލަރު ދިނުމަށް މަޝްވަރާ ކުރެވުނެވެ. އަދި 5 މަޝްރޫޢު ހިންގާނެ (ޤާއިމުކުރާނެ) ތަންތަންވެސް ނިންމައި ެތަންތަނުގެ ލިޔުންވެސް އައިޑީބީއަށް އެއިރު ފޮނުވިފައިވާނެއެވެ. މިފައިލްތައް މިނިސްޓްރީގައި ހުންނާނެއެވެ. އެއީ އެއިރު ގާތްގަނޑަކަށް އެއްބަސްވެފައި އޮތްކަމެކެވެ.
އިސްލާމިކް މިނިސްޓްރީން ކުރަންވީ ކަމަކީ އެ ފައިލްތައް ހުޅުވައި އަލުން ކުރިއަށް ގެންދިއުމެވެ. އަޢްޤާފް ތަރައްޤީޚުރަން މިދެންނެވި 5 މިލިއަން ޑޮލަރު ހޯދުމާއި ޒަކާތުގެ ނިޒާމު ހަރުދަނާކުރަން އައިޑީބީ އިން ދެ ލައްކަ ޑޮލަރުގެ ހިލޭ އެހީ ދެއްވާނެ ކަމަށް ވެސް ވަނީ އެއްބަސްވެފައެވެ.
އަޅުގަނޑު ފަހުން މިނިސްޓްރީން ވަކިވާންޖެހުމުން އެކަންކަން އޮތީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ. މިހާރު ތިއްބެވި ބޭފުޅުން އެކަންކަން ކުރިއަށް ގެންދަވައިފިނަމަ ރާއްޖެއަށް ފައިދާވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ދުޢާއަކީ ތިއަ މަސައްކަތުގައި ބަރަކާތް ލެއްވެވުމެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. މިކަމާއިމެދު ހިތްބުރަކަމެއް ނުބޭއްވެވުން އެދެމެވެ.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު