މިއަހަރުގެ ރަމަޟާން މަހު ދީނީ ޕްރޮގްރާމެއް ހުށަހަޅުއްވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވެފައިވަނީ ޕްރޮގްރާމް ހުށަހަޅުއްވާނީ އަމިއްލަފުޅު ފޭސްބުކް ޕޭޖް މެދުވެރިކުރައްވައި ކަމަށެވެ. "ވަޤުތުވީ މިންވަރަކުން އިން ޝާ ﷲ އެ މަސައްކަތް ކުރިއަށް ގެންދާނަމެވެ. ޙަމްދު ހުއްޓެވެ. ޝުކުރު ހުއްޓެވެ."
ޑރ. ޝަހީމް ވިދާޅުވެފައިވަނީ:
ރަޙްމަތުގެ ނަބިއްޔާ ޕްރޮގްރާމް މިއަހަރުގެ ރޯދަ މަހު ޕީއެސްއެމުން ނުގެންނަ ގޮތަށް ނިންމާފައިވާކަން އަޅުގަނޑު ވަނީ ޔަޤީންކޮށްފައެވެ.
މި ޕްރޮގްރާމަކީ ކީރިތި ރަސޫލާ (ޞޢވ)ގެ ސިޔަރަތާއިބެހޭ ގޮތުން ދިވެހި ބަހުން ދިވެހިންގެ އަމިއްލަ ޕްރޮގްރާމެއްގެ ގޮތުގައި އޮތް އެންމެ ބޮޑު ސިލްސިލާ ޢިލްމީ ޕްރޮގްރާމެވެ. ވަރަށް ބުރަ މަސައްކަތާ ޢިލްމީ ދިރާސާތަކުގެ މައްޗަށް ތައްޔާރުކުރި ޕްރޮގްރާމެކެވެ. އަދި މިއީ ހިލޭ ސާބަހަށް ރެކޯޑްކޮށްދީފައިވާ ޕްރޮގްރާމެކެވެ. އަދި ހުރިހާ ޕްރޮގްރާމްތަކެއް އެޑިޓްކުރީވެސް އަޅުގަނޑު އިނދެގެންނެވެ.
މި ޕްރޮގްރާމަކީ ކުޑަކުދިންނާއި ޒުވާނުންނާއި ހުރިހާ އުމުރަކާއި ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. ޕީއެސްއެމްގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.
ޙާލަތު ވަޒަން ކުރަމެވެ. އަޅުގަނޑު ސިޔާސީ ކަމެއްގައި ބައިވެރިވެފައި ހުރީމަކީ ޕްރޮގްރާމް ނުގެނައި ސަބަބަށްވެދާނެއެވެ. އެ އުޒުރަށް އިހްތިރާމްވެސް ކުރަމެވެ. އަޅުގަނޑުގެ ހިތްބުރަކަމެއް ނެތެވެ. ނަމަވެސް އަޅުގަނޑު ހީކުރީ އެމީހެއްގެ ސިޔާސީ ފިކުރަށް ނުބަލައި ޢިލްމީ މަސައްކަތް މިސަރުކާރުންވެސް ބަލައިގަންނާނެ ކަމަށެވެ.