އުނދަގޫވީމާ ނުކިޔަވަންވީއެއް ނޫނެވެ! އުނދަގުލުން ކީރިތި ޤްރްއާން ކިޔަވަން މަސައްކަތްކުރާ މީހުންނަށް ސަވާބު ދެގުނައަށް ލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އުނދަގޫވީމާ ނުކިޔަވަންވީއެއް ނޫނެވެ! އުނދަގުލުން ކީރިތި ޤްރްއާން ކިޔަވަން މަސައްކަތްކުރާ މީހުންނަށް ސަވާބު ދެގުނައަށް ލިބޭނެ!

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ތަފާތު ސަބަބުތަކާއިހުރެ ކީރިތި ޤްރްއާން އެހައި ފަރިތަކޮށް ކިޔެވޭ ބައެއް ނޫނެވެ. ސަބަބުތައް ވަރަށް ގިނައެވެ.  އެއިގެ ތެރޭގައި އަމިއްލަ އިހްމާލުވެސް ހިމެނެއެވެ. ހަމައެޢާއިއެކު އެމީހަކަށް އެއްވެސް ބާރެއް ނުފޯރާ ސަބަބުތައްވެސް އެބަކުރިމަތިވެއެވެ. 

އެއް ސަބަބަކީ ތުއްތު އިރުގައި ޤްރްއާން ކިޔަވަން ދަސްވެފައި ނެތުމެވެ. އަނެއް ސަބަބަކީ ކީރިތި ޤްރްއާނާއި އެހައި ރައްޓެހި ނޫން މުޖުތަމައުތަކުގައި ދިރިއުޅެންޖެހުމެވެ. އަނެއް ސަބަބަކީ ކުޑައިރު ކިޔަވަން ދަސްކުރި ނަމަވެސް ކޮންމެވެސް ސަބަބުތަކަކާއިހުރެ ކިޔެވުން މެދުކަނޑައިލަން ޖެހުމެވެ. އުމުރުން ދުވަސްވާފަހުން އިސްލާމް ވުމަށް މެދުވެރިވުމަކީވެސް އެއް ސަބަބެވެ. 

ކީރިތި ޤްރްއާން ފަސޭހަކަމާއެކު ނުކިޔެވޭ މީހުން ބައެއް ފަހަރު ކީރިތި ޤްރްއާން ކިޔަވަން ފަސްޖެހެއެވެ. ޚާއްޞަކޮށް މިސްކިތް ފަދަ ގިނަ ބައަކު ޖަމާވެ ތިބޭ ތަންތަނުގައި ކިޔަވަން ފަސްޖެހެއެވެ. ލަދުގަނެއެވެ.  

ކަމުގެ ހަޤީޤަތަށް ބަލައިފިނަމަ ލަދުގަންނާކަށް ނުޖެހޭނެއެވެ. އެހެނީ އުނދަގުލުން ކީރިތި ޤްރްއާން ކިޔަވަން މަސައްކަތްކުރާ މީހުންނަށް މާތްﷲ ސަވާބު ދެގުނައަށް އިތުރުކުރައްވަވައެވެ.  

މީގެމާނައަކީ ސަވާބު އިތުރުކުރަންވެގެން ކީރިތި ޤްރްއާން ފަރިތަކޮށް ކިޔަވަން ދަސްނުކޮށް ހުރުމެއް ނޫނެވެ. ކީރިތި ޤްރްއާން ފަރިތަކޮށް ކިޔޭނީ ކީރިތި ޤްރްއާނުގެ އަހުލުވެރިންނަށެވެ. ކީރިތި ޤްރްއާނުގެ އަހުލުވެރިންނަކީ ހާދަހައި މަތިވެރި ޤަދަރެއް މާތްﷲގެ ޙަޟްރަތުން ލިބިގެންވާ ބައެކެވެ.  

ކީރިތި ޤްރްއާން ފަސޭހަކަމާއިއެކު ކިޔަވަން ނުއެނގޭތީ ލަދުން ނުކިޔަވައި ހުއްޓައި މަރު އައިސް ޖެހިއްޖެނަމަ ކުރިމަތިވާނެ ހިތާމަ މާބޮޑެވެ. ޢާޚިރަތް ދުވަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑެވެ. ވީމާ ނުފަރިތަ ނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ.  

ފަހަރެއްގައި މީހަކަށް 15 ވަރަކަށް މިނީޓުން ކިޔެވެނީ އެންމެ ޢާޔަތަށްވެސް ވެދާނެއެވެ. އެއީ ވެސް މައްސަލައެއް ކަމަށް ނުދެކޭށެވެ. ކިޔަވާށެވެ. ހިތްވަރާއިއެކު ކިޔަވަން މަސައްކަތްކުރާށެވެ. އައު ހިތްވަރަކާއިއެކު ފަށައިގަތްއިރު 15 މިނިޓުން އެންމެ އާޔަތެއް ކިޔެވުނު އެތައް ބައަކު މިހާރު ފަސޭހަކަމާއިއެކު އެދަނީ ކިޔަވަމުންނެވެ. އުންމީދު ކުރަންވީ މާތްﷲގެ ރަޙްމަތަށެވެ. ހިތްވަރާއިއެކު މަސައްކަތްކުރުމުން މާތްﷲ ހުރިހާ ކަމެއްވެސް ފަހިކޮށްދެއްވަވާނެކަން ޔަޤީންކޮށްގެން ކުރިއަށް ދިއުމަށް މަސައްކަތްކުރާށެވެ.  

 -އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން