ބިލާލްގެފާނަށް ޚަލީފާއިންގެ "މާސްޓަރު" ކަމުގެ ޝަރަފާ 3 ޙަރަމްގަ ބަންގި ގޮވުމުގެ ޝަރަފް ލިބިވަޑައިގަތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 46ސ
ބިލާލްގެފާނަށް ޚަލީފާއިންގެ "މާސްޓަރު" ކަމުގެ ޝަރަފާ 3 ޙަރަމްގަ ބަންގި ގޮވުމުގެ ޝަރަފް ލިބިވަޑައިގަތުން!

ބިލާލްގެފާނު އަޅެއްގެ ގޮތުގައި ހުންނަވައި މުޝްރިކުންގެ ހިތްވަރާއި އުންމީދުތައް "ކަތިލެއްވެވި" އެވެ. ނަތީޖާ އަކީ އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ދެއްވެވި ލީޑަރު ކަމުގެ ޝަރަފެވެ. ބިލާލްގެފާނު ބައްލަވައިގަނެ މިނިވަންކުރެއްވެވުމަށްފަހު އަބޫބަރުކުގެފާނު ވިދާޅުވީ ތިއައީ ތިމަންކަލޭގެފާނުގެ "މާސްޓަރު" ކަމަށެވެ. މާނައަކީ ރަސޫލް (ޞޢވ) އަށްފަހު އެންމެ މަތިވެރި ޤަދަރެއް ކުރައްވަވަނީ ބިލާލެގެފާނަށް ކަމެވެ. އަބޫބަކުރުގެފާނުގެ ޚަލީފާ ކަމުގައި ޢުމަރުގެފާނު ވިދާޅުވީ ތިމަންކަލޭގެފާނުގެ "މާސްޓަރަކީ އަބޫބަކުރުގެފާނު ކަމަށާއި އަބޫބަކުރުގެފާނުގެ މާސްޓަރަކީ ބިލާލުގެފާނު ކަމަށެވެ. 

މައްކާގެ ޙަރަމްފުޅާއި މަދީނާގެ ޙަރަމްފުޅުގައި ބަންގި ގޮވަން ރަސޫލް (ޞޢވ) ޙަވާލުކުރެއްވެވީ ބިލާލްގެފާނާއިއެވެ. ޢުމަރުގެފާނުގެ ޚަލީފާ ކަމުގައި ފަލަސްޠީން ފަތަޙަވެ މަސްޖިދުލްއަޤްޞާ މުސްލިމުންގެ ބާރުގެދަށަށް އައުމުން މަސްޖިދުލްއަޤްޞާގައި ބަންގި ގޮވަން ޢުމަރުގެފާނު ޙަވާލުކުރެއްވެވީ ބިލާލްގެފާނާއިއެވެ. ވީމާ ބިލާލްގެފާނަކީ 3 ޙަރަމްފުޅުގައި ބަންގި ގޮވުމުގެ މަތިވެރި ޝަރަފު ލިބިވަޑައިގެންނެވި މަތިވެރި ޞަހާބީއެވެ. 

ބިލާލްގެފާނު އިސްލާމް ދީނަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤްރްބާނީއަކީ އިސްލާމީ ތާރީޚުގައި އެންމެ ގަދައަށް އަބަދުވެސް ވިދަވިދައި ހުންނާނެ ވާހަކަތަކެވެ. ނިކަން ވިސްނައިލަބަލާށެވެ. އެއީ ބިލާލުގެފާނުގެ ކުލަ އަލިކަމަކުން ނޫނެވެ. ކަޅު، ބަބުރެއް ނަމަވެސް ހިތްޕުޅުގައި ﷲ ތަޢާލާ އަށާއި އެކަލާނގެ ރަސޫލާއަށް އޮތް ލޯބިފުޅުގެ ބޮޑުކަމުންނެވެ. 

ބިލާލްގެފާނު އިސްލާމްވެވަޑައިގަތުމުން ބިލާލްގެފާނު ގަނެގެން އަޅެއްގެ ގޮތުގައި ގެންގުޅުނު އުމައްޔު ބިން ޚަލަފް ބިލާލްގެ ހަށިކޮޅަށް ނުދެނީ ކޮން އަނިޔާއެއް ހެއްޔެވެ؟ ހޭފުޅު ނެތެންދެން ތެޅިއެވެ. އަލިފާން ޖެއްސިއެވެ. މޭފުޅުމަތީގައި އަލިފާން ބެހެއްޓިއެވެ. ހަތަރެސް ފައިގައި ޗޭނުޖަހައި މޮޔައިންނާއި ކުޑަކުދިން ލައްވައި މަގުތަކުގައި އެ ގަދަ ހޫނުގައި ދެންމުވިއެވެ. އެކަންކަން ކުރުމަށްފަހުގައިވެސް އިސްލާމް ދީން ދޫކުރެއްވުމަށް އެންގުމުން ކޮންމެ ފަހަރަކުވެސް ވިދާޅުވަނީ އެއީ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ﷲ ނޫން ކަލަކު ނުވާ ކަމަށެވެ. 

މޭފުޅުމަތީގައި އަލިފާން ބަހައްޓައި ހަށިކޮލަށް އަނިޔާދެމުން "ލާތަ އާ ޢުއްޒާ މަތިވެރިކުރައްވަން" އަމުރު ކުރުމުން ވިދާޅުވަމުން ގެންދެވީ އެއީ މިދުލުން ބޭރުވާނެ ބަސްތަކެއް ނޫން ކަމަށެވެ. ﷲ ނޫން ކަލަކު ވޮޑިގެން ނުވާކަމަށެވެ. 

މިއަނިޠާތައް ދެމުން ގެންދާތަން ރަސޫލް (ޞޢވ) އަށް ފެނިވަޑައިގަންނަވައެވެ. ކެތް ނުކުރެއްވެވިގެން ބިލާލްގެފާނު ބައްލަވައިގަނެ މިނިވަންކޮށްދެއްވާނީ ކޮން ޞަޙާބީއެއްތޯ ސުވާލުކުރެއްވެވުމުން އެކަމަށް ކުރިމަތިލައްވަވައި ނުކުމެވަޑައިގަތީ އަބޫބަކުރުގެފާނެވެ. ބިލާލުގެފާނު ގަނެ އަޅުވެތިކޮށް އަނިޔާދެމުން ގެންދިއަ އުމައްޔަ ބިން ޚަލަފުގެ ގާތަށް ވަޑައިގެން ބިލާގެފާނު ވިއްކާނެ އަގަކާއިމެދު ސުވާލު ކުރެއްވުމުން ބިލާލުގެފާނުގެ އަގަކަށް އޭނާ ހުށަހެޅީ 10 ރަން ދީނާރު (ގޯލްޑް ކޮއިން) އެވެ. އަބޫބަކުރުގެފާނު ގެކޮޅަށް ވަޑައިގެން 10 ރަން ދީނާރު ގެނެސް ދެއްވުމުން އުމައްޔަ ބިން ޚަލަފު މަލާމާތުގެ ހިނިގަނޑެއް ޖަހާފައި ބުނީ ތިއައީ އެއްވެސް އަގެއް ހުރި އަޅެއް ނޫން ކަމަށާއި އަބޫބަކުރުގެފާނު އެދިވަޑައިގެންނެވިނަމަ އެންމެ ދީނާރަކަށްވެސް ވިއްކާނެ ކަމަށެވެ. ޖަވާބުގައި އަބޫބަކުރުގެފާނު ވިދާޅުވީ ބިލާލްގެފާނުގެ އަގަކަށް 100 ރަން ދީނާރު ކީ ނަމަވެސް ދެއްވާފައި މިނިވަންކުރެއްވީސް ކަމަށެވެ.

ނިކަން ވިސްނައިބަލާށެވެ. ބަދްރް ހަނގުރާމައިގެ ޝިޢާރަކީ ބިލާލުގަފާނަށް އަނިޔާ ލިބިވަޑައިގަންނަވަމުން ދިއައިރު ވިދާޅުވި ބަސްފުޅެވެ. "އަޙްދު އަހަދު"އެވެ. "ﷲ ތަޢާލާ ނޫން ކަލަކު ވޮޑިގެނެއް ނުވެއެވެ. އެހަނގުރާމައިގައި ބިލާލުގެފާނަށް އަނިޔާކުރި އުމައްޔަ ބިން ޚައުފް އަތުލައިގަނެވުނެވެ. އޭނާ ޤަތުލުކުރެއްވެވީ ބިލާލްގެފާނެވެ. "އަޙަދް އަޙަދް" ވިދާޅުވަމުންނެވެ. 

ބިލާލެގެފާނުގެ ހިތްޕުޅުގައި ރަސޫލް (ޞޢވ)ގެ މައްޗަށް އޮތް ލޯބީގެ ބޮޑުކަމާއިމެދު ނިކަން ވިސްނައިބަލާށެވެ! ރަސޫލް (ޞޢވ) ދުނިޔެ ދޫކުރެއްވެވުމުން އެކަމުގެ ހިތާމައިގާ ބަނަގި ނުގޮވުނެވެ. (أشهد أن محمدا رسول الل) އާއި ހަމައަށް ވަޑައިގެންނެވުމުން ކީރިތި ކުރެއްވެވެނީއެވެ. އިތުރުގޮތްތައްވެސް ވަނީއެވެ. 

ރަސޫލް (ޞޢވ) އަވަހާރަވެވަޑައިގަތުމުން ބިލާލްގެފާނު ވިދާޅުވި ބަސްފުޅަށް ވިސްނައިލާށެވެ. "މަންމަ އަހަރެން ނުވިހޭނަމަ މާރަނގަޅެވެ. މިދުވަސް ނުދައްކަވައި އަހަރެންގެ ފުރާނަ ގެންދެވި ނަމަ މާރަނގަޅެވެ." 

ރަސޫލް (ޞޢވ) ނެތް ޙާލުގައި މަދީނާގައި އުޅުއްވުން ވޭނަކަށްވެގެން މަދީނާ ދޫކުރައްވަވައި ޖިހާދަށް ނުކުމެވަޑައިގެންނެވިއެވެ. މަޑުކޮށް ދެއްވެވުމަށް އަބޫބަކުރުގެފާނު އެދިވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ. ނަމަވެސް މަދީނާއިން ނުކުމެވަޑައިގަތީ ބިލާލުގެފާނުގެ ހާލުކޮޅަށް ބައްލަވައި އަބޫބަކުރުގެފާނު އެކަމަށް ހުއްދަ ދެއްވެވުމުންނެވެ. 

އެގޮތަށް އުޅުއްވަވަނިކޮށް ހުވަފެންފުޅުގައި ރަސޫލް (ޞޢވ) ފެނިވަޑައިގަތެވެ. ރިވާޔަތުގައިވާގޮތުން "ދެން ބިލާލްގެފާނު އަހަރެމެންނަށް ޒިޔާރަތް ނުކުރައްވާނަންތޯ؟" ރަސޫލް (ޞޢވ) ބިލާލްގެފާނާއި ސުވާލުކުރެއްވެވިއެވެ. އަދި ރަސޫލް (ޞޢވ)ގެ މަހާނަފުޅު ކައިރީގައި ހުންނަވައި ޚީރިތި ކުރައްވަމުން ގެންދަވަނިކޮށް ޙަސްންގެފާނާއި ޙުސައިންގެފާނު ވަޑައިގެން ބަންގި ގޮވައިދެއްވުމަށް އެދިވަޑައިގަތުމުން ބަންގި ގޮވިއެވެ. ބިލާލްގެފާނުގެ އަޑުފުޅު ޖެހުމާއިއެކު މުޅި މަދީނާ ހީވީ ކެކި އުތުރި އަރައިގަތްހެންނެވެ. އެމީހުންނަށް އިޙްޞާޞްވެގެންދިއައީ ރަސޫލް (ޞޢވ) ދުނިޔޭގައި ހުންނެވި ދުވަސްވަރެވެ. މީސްތަކުން ބައިބައަށް އަވަސް އަވަހަށް ޖަމާއަތަށް ހާޒިރުވިއެވެ. 

ބިލާލްގެފާނު އަވަހާރަވުމުގެ ކަންތަކަށް ވިސްނައިލަބަލާށެވެ. ބިލާލްގެފާނުގެ އާލާސްކަންފުޅު ބޮޑުވެ އަވަހާރަވަނީކަން އެނގިވަޑައިގަތުމުން އަނބިކަނބަލުން ހިތާމަކުރައްވަން ފެށްޓެވުމުން ދެއްވެވި ޖަވާބާއިމެދު ވިސްނައިލާށެވެ. "ތިއަ ހިތާމަކުރަނީ ކޮން ކަމަކާއި ހެއްޔެވެ؟ މާދަމާއަކީ ރަސޫލް (ޞޢވ) އާއި އަދި އަހަރެމެންގެ އެހެން މީހުންނާއި ބައްދަލުވާނެ އުފާވެރި ދުވަހެވެ." 

މިޢްރާޖްގެ ދަތުރުފުޅަށްފަހު ބިލާލްގެފާނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލް (ޞޢވ) ވަނީ ދެއްވަވައިފައެވެ. ޙަދީޘްފުޅުކުރެއްވެވީ ތިމަންކަލޭގެފާނު ސުވަރުގެއިން ބިލާލުގެފާނުގެ ފައިންޕުޅުގެ އަޑުފުޅު އެއްސެވިން ކަމަށެވެ. 

ބިލާލުގެފާނުގެ ސިޔަރަތުން މިކިޔައިދިން ކުޑަ މިންވަރުގެ މިވާހަކަ ކޮޅާއިމެދު ވިސްނައިފި ކޮންމެ މީހަކަށްވެސް ވަރަށް އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން