އަހަރެމެން ކޮންމެ ކަމެއް ކުރަން ފަށަމުންވެސް މިކިޔަނީ بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ އެވެ. ﷲ ތަޢާލާގެ ނަންފުޅުން ފަށަމުން ދެން ދެއްވަވާފައިވާ ދެ ނަންފުޅާއިމެދު ވިސްނައިލާށެވެ. "އައްރަޙްމާން" ގެ މާނައިގައި އެންމެހައި މީސްތަކުންނަށް ރަޙްމްކުރައްވަވާ ރަޙީމްވަންތަ ރަސްކަލާގެ ހިމެނިގެންދެއެވެ. "އައްރަހިމް"ގެ މާނަ ޚާއްޞަ ކުރައްވަވާފައިވަނީ ﷲ ތަޢާލާއަށް އީމާންވީ މީހުންނަށެވެ. އީމާންވީ މީހުންނަށް އިތުރަށް ރަޙްމް ކުރައްވަވާ ރަޙީމްވަންތަ ރަސްކަލާނގެކަން ބަޔާން ކުރެއްވެވުމަށެވެ.
ބިސްމިﷲ ކިޔައިގެން ކޮންމެ ކަމެއް ކުރަން ފަށަންޖެހޭ ސަބަބަކީ ﷲ ތަޢާލާއީ އެންމެ ދީލަތިވަންތަ، އޯގާތެރިވަންތަ، ރަޙްމާންވަންތަ، އަދި ރަޙީމްވަންތަ ރަސްކަލާނގެކަން ހިތް މައްޗަށް ގެނެސް އެކަމަށް އީމާންވުމަށެވެ. އެކަންކަމަށް ފުރިހަމައަށް އީމާންވެގެން ހުންނަ މީހަކަށް އެއްވެސް ކަމެއްގައި މާޔޫސްވާކަށް ނުޖެހޭނެއެވެ. ކޮންމެ ނީޢްމަތެއް ވެސް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާ ކަމާއި އެއީވެސް އިމްތިޙާނެއްކަން ޔަޤީން ކުރެވޭނެއެވެ. އަދި ހަމަ އެފަދައިން ކޮންމެ މުޞީބާތެއްވެސް ކުރިމަތި ކުރައްވަވަނީ ﷲ ތަޢާލާ ކަމާއި އެއީވެސް އިމްތިޙާނެއްކަން ޔަޤީން ކުރެވޭނެއެވެ.
މީސްތަކުންނޭވެ! އުޑާއި ބިމާއި ދެމެދު ފުރޭވަރަށް ގިނަ ފާފަތައް ކުރެވި ލިޔެވިފައިވީނަމަވެސް ތިބާއަކީ ﷲ ތަޢަލާއަށް ޝަރީކު ނުކުރާ މީހަކު ކަމުގައިވާނަމަ، އެ ފާފަތަކުން ތައުބާވުމަށް ތިބާ މަސައްކަތްކޮށްފައިވާނަމަ އެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ. އެއީ އެކަލާނގެއަށް އެއްވެސް ބޮޑުކަމެއް ނޫނެވެ. އެކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައި އަނގަވައިދެއްވަވައިފައެވެ.
އެހެންކަމަށްވާއިރު ﷲ ތަޢާލާ ފާފަ ނުފުއްސަވައިފާނެތީ ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ ޝައްކު ކުރަނީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ ގަންދީ ބުނަމެވެ. އެފަދަ ވަސްތަކަކީ ޝައިޠާނާގެ ކިބައިން ލިބެމުންދާ ވަސްވާސްތަކެވެ. އެފަދަ ވަސްވާސްތައް ޤަބޫލުނުކުރާށެވެ! ކުރެވިފައިވާ ފާފަތައް ކިތަންމެ ގިނަ ނަމަވެސް އަވަހަށް ތައުވާވާށެވެ! ފާފަތައް ފުއްސަވައިދެއްވެވުން އެދި އަވަހަށް މަސައްކަތް ކުރަން ފަށާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން