މުސްލިމުންނަށް ލޯބިވެރިންގެ ގޮތުގައި ނުއުޅެވެންވީ ސަބަބާއިމެދު ބައެއް މީހުން ސުވާލު ކުރެއެވެ. އަދި ބައްދަލު ނުކޮށް ވެސް ލޯބިވެރިންގެ ގޮތުގައި އުޅެވިދާނެ ކަމަށްވެސް ބުނެއެވެ. އެހެންކަމުން މިކަމަށް އަހަރެންނަށް ފެންނަ ބަހެއް ވެސް ބުނެލާނަމެވެ.
މިމޭރުމުން ބުނާއިރު ބައްދަލު ނުކޮށް ތިބެވެނީ ކޮން ބައަކަށް ހެއްޔެވެ؟ ޔުނިވަރސިޓީ ގަޑީގައި ފިލައިގެން ގޮސް އެބަ ބައްދަލުކުރެއެވެ. ފާރުމަތިން އަރައިގެން ގޮސް އެބަ ބައްދަލުކުރެއެވެ. ކްލާހުގައި ކިޔަވަން އިންނަ ވަގުތު ތަކުގައި ވެސް ގިނައިން ބެލެނީ ފޯނަށް މެސެޖެއް އާދޭތޯއެވެ. ވަޒީފާގައި ހުންނަ ވަގުތުގައިވެސް މެއެވެ. ދެ ލޯބިވެރިންގެ ލޯބީގެ ކުޅިގަނޑު ފެށޭއިރަށް ކުރިތައް ފަޅައި ހެދި ބޮޑުވެ އެންމެފަހުން ހަށިގަނޑުގައި ލޭހިނގާ ނާރުތަކުގައި ލެއާއެކު ލޯބި ދައުރުކުރަން ފަށައެވެ.
މިބަލައިލީ ހަމައެކަނި ދުނިޔަވީ ނަޒަރަކުންނެވެ. ދީނީ ގޮތުން ހުރި މައްސަލަތައް އެއްފަރާތުގައި ބެހެއްޓުމަށްފަހުގައެވެ. އިސްލާމް ދީން ހުއްދަ ނުކުރި ނަމަވެސް ލޯބިވެރިންގެ ގޮތުގައި އެކުގައި އުޅޭ އެތައް ބައަކު އެބަ އުޅެއެވެ. އެމީހުން އެކުގައި ނުދާތަނެއް ނުއޮވެއެވެ. ނުފެންނަ ޕާކެއް، ނުވަންނަ ރެސްޓޯރަންޓެއް ނުހުރެއެވެ. އެކުގައި ނުކުރާ ދަތުރެއް، ނުކުރާ ކަމެއް ކަމެއް ނުއޮވެއެވެ. އަދި މިހުރިހާ ތަންތަނުގައި އެކުގައި އުޅުމަށްފަހު ކޮންމެވެސް ކަމެއް މެދުވެރިވެގެން އެބަ ވަކިވެއެވެ. ކުރި ހުރިހާ އަހުދުތަކާއި ވައުދުތައް ނީލަކޯރުގެ އަޑިއަށްވުރެވެސް ފުނަށް ފޮނުވާލައި ޣަރަޤްކޮށްލައެވެ.
އެހިސާބުން އެ ފިލްމް އެ ނިމުނީއެވެ. އަނެއްކާ ހަމަ ޖެހިގެން އަންނަ ދުވަހު ނުވަތަ ދާދި އަވަހަށް އަނެއް ފިލްމް ކުޅެން އެބަ ފަށައެވެ. ތަފާތު ބަޠޮލަކާއިއެކުގައެވެ. ތަފާތު ބަޠަލާއަކާއިއެކުގައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އިސްލާމް ދީނުގައި އަންހެނުންނާއި ފިރިހެނުންގެ ޤަދަރު މާމަތިވެރިއެވެ. ޚާއްޞަކޮށް އަންހެނުންގެ މަޤާމް މާމަތިވެރިއެވެ. އިސްލާމް ދީނުގައި އަންހެނުން ހިމާޔަތްކޮށް ރައްކައުތެރިކަން ދީފައިވާ ވަރަށް އެހެން އެއްވެސް ދީނެއްގައި އަންހެނުންނަށް ހިމާޔަތާއި ރައްކައުތެރިކަން ދީފައެއް ނުވެއެވެ. އެކަނބަލުންނަށް ދީފައިވާ ޤަދަރާއި އިޙްތިރާމާއި ކަރާމާތް އެހެން އެއްވެސް ދީނެއްގައި ދީފައެއް ނުވެއެވެ.
ހުޅަނގުގެ ނުފޫޒުގައި ޖެހެވޭވަރުން އަހަރެމެންނަށް އެކަން ޤަބޫލު ނުކުރެވެނީއެވެ. ނަމަވެސް ކާފަރުންނަށް ދަނީ އެކަން ޤަބޫލުކުރެވެމުންނެވެ. އިސްލާމް ދީނަސް ލިބޭ ކުރިެރުންތަކުގެ ވާހަކަތައް ހާމަކުރަން ދުނިޔޭގެ ބޮޑެތި މީޑިއާތައް ލަދުގަންނާތީ އެކަންކަމުގެ ވާހަކަތައް ނުދައްކަނީއެވެ.
މިދިއަ އަހަރު އެކަނިވެސް އިސްލާމް ދީނުގައި އަންހެނުންނަސް ދީފައިވާ ޤަދަރު ދިރާސާކުރި އެތައް ސަތޭކަ އަންހެނަކު ވަނީ އިސްލާމް ދީން އިޚްތިޔާރުކޮށްފައެވެ. އެއިގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގެ ދަރިވަރުންވެސް ހިމެނެއެވެ. އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓިގައި ކިޔަވައިދޭ އަހަރެންގެ ރަޙްމަތްތެރިއަކު ބުނީ އޭނާއަށް އެނގިގެންވެސް މިކަންކަން ދިރާސާކުރި އެ ޔުނިވަރސިޓީގެ 39 އަންހެން ދަރިވަރުން މިދިއަ އަހަރު އިސްލާމްވި ކަމަށެވެ. އަދި އެމެރިކާގެ ޔުނިވަރސިޓީއެއްގެ 27 ދަރިވަރަކު މިދިއަ އަހަރު އިސްލާމްވިކަން އޭނާއަށް އެނގިފައިވާ ކަމަށެވެ.
އަދި އޭނާ ބުނިގޮތުގައި މީގެތެރެއިން ބައެއް ދަރިވަރުން އިސްލާމް ދީން ދިރާސާކުރަން ފެށީ ދެލޯބިވެރިންގެ ގޮތުގައި އުޅެން އިސްލާމް ދީން ހުއްދަ ނުކުރާތީ އެކަމުގައި ހުރި އުނިސިފަތައް ހޯދުމަށެވެ. ނަމަވެސް ދިރާސާތަކުން އެކަމުގައި ހުރި ފައިދާ އެނގި ޔަޤީންވުމުން އިސްލާމް ދީނުގެ މަތިވެރިކަން އެނގި އިސްލާމްވަނީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން