ފާފަކުރަން ދެވި ހިފާފައި ތިބޭ މީހުންނަށް އެކަމުން ސަލާމަތްވެވޭނެ މަގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ފާފަކުރަން ދެވި ހިފާފައި ތިބޭ މީހުންނަށް އެކަމުން ސަލާމަތްވެވޭނެ މަގެއް!

ފާފަކުރަން ދެވި ހިފާފައި ތިބޭ މީހުންނަށްވެސް އެކަމުން ސަލާމަތްވެވޭނެއެވެ. އެފަދަ މީހުން ދެކަމެއް ކުރަން ޖެހޭނެއެވެ. ފުރަތަމަ ކަމަކީ ނަފްސާނީ ފަރުވާ ހޯދުމެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ކުރަން އޮތް ކަމަކީ ފާފަކުރެވޭ ހާލަތާއި ފާފަކުރަން ޝައުޤްވެރިވާ ސަބަބު ހޯދުމެވެ. 

މިސާލަކަށް އެއީ ވަކި މަންޒަރެއް ފެނުމުން ކަމަށްވާނަމަ އެފަދަ މަންޒަރުތައް ނުބަލާށެވެ. ވަކި ބައަކާއި އުޅެވުމުން ކަމަށްވާނަމަ އެބައަކާއިއެކު ނުއުޅޭށެވެ. އަތުގައި ފޯނުގެ ސަބަބުން ކަމަށްވާނަމަ އެކަނި ހުރެ ފޯނު ބޭނުން ކުރުމުގައި ސަމާލުވާށެވެ! މިފަދަ ކަންކަމުންވެސް ސަލާމަތް ނުވެވޭ ނަމަ އިތުބާރު ކުރެވޭ މުސްލިމް، ނަފްސާނީ ޢިލްމުވެރިއެއްގެ ލަފާ ހޯދާށެވެ! އަދި އިމާމުންގެ ލަފާ ހޯދާށެވެ! 

ހަމަ އެއާއިއެކު ގިނަގިނައިން ތައުބާވާ މީހަކަށްވާށެވެ! ކިތަންމެ ގިނައިން ނުވަތަ ގިނަ ފަހަރު ތައުބާވާން ޖެހުނު ނަމަވެސް ޖެހިލުންވުމެއް ނެތެވެ. ލަދުގަތުމެއްވެސް ނެތެވެ. ޖެހިލުންވާންވީވެސް ލަދުގަންނަންވީވެސް ތައުބާ ނުވެ ހުރުމަށެވެ. އެހެނީ ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެ ނުގަންނަ ނަމަ އެމީހަކީ ކުށްވެރިއެކެވެ. 

ޔަޤީންކުރާށެވެ! ގިނަގިނައިން ތައުބާވާނަމަ ފާފަ ކުރެވުމުން އެމީހަކަށް ސަލާމަތްވެވޭނެއެވެ. ﷲ ތަޢާލާ މަގު ދައްކަވާނެތެވެ! ވީމާ އޮތީ އިޚްލާޞްތެރިކަމާއިއެކު ތައުބާވުން ގިނަ ކުރުމެވެ. ރޮއި ﷲ ތަޢާލާއަށް އާދޭސްކުރުން ގިނަކުރުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން