ފައިވާނުގެ އެއްކިބައިގަ ހިނގާނީ ޝައިޠާނާ- މުސްލިމުންނަށް ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ފައިވާނުގެ އެއްކިބައިގަ ހިނގާނީ ޝައިޠާނާ- މުސްލިމުންނަށް ހުއްދައެއް ނޫން!

ޝައިޠާނާ ހިނގާނީ ފައިވާނުގެ އެއްކިބައަށް އަރައިގެންނެވެ. އެހެންވެ ފައިވާނުގެ އެއްކިބައިގައި ހިނގުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫނެވެ. އެއީ ރަސޫލް (ޞޢވ) މަނާކުރައްވަވާފައިވާ ކަމެކެވެ.

އަހަރެމެންގެ އިމާމް، ޝައިޚް ބިންބާޒް މިމޭރުމުން ދަރުސެއްގައި ވިދާޅުވުމުން ދަރިވަރަކު ސުވާލުކުރިއެވެ. "ބައެއް ފަހަރު މިސްކިތުން ފައިބާއިރު ފައިވާނުގެ ދެ ކިބަ ދެތަނުގައި އެބަ ހުރެއެވެ. އެ ހާލަތުގައި ފުރަތަމަ ކައރީގައި ހުރި ކިބައަށް އަރައިގެން ދެވަނަ ކިބައަށް އަރަން ވެސް ނުދެވޭނެތޯއެވެ؟" ޖަވާބުގައި އިމާމް ވިދާޅުވީ އެކަމެއް ކުރުމުން ފާފަވެރިވާނެ އެއްވެސް ކަމެއް ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ކޮށްގެން ނުވާނެ ކަމަށެވެ. ރަސޫލް (ޞޢވ) މަނާކުރައްވަވާފައިވާ ކަމެއް އެއްވެސް މިންވަރަކަށް ކޮށްގެން ނުވާނެ ކަމަށެވެ. އެހެންކަމުން އެއް ފައިވާނުގައި އެންމެ ފިޔަވަޅެއްވެސް އަޅައިގެން ނުވާނެ ކަމަށެވެ.

މިވާހަކަކޮޅު ބުނެދޭން މިޖެހުނީ ބައެއް މީހުންނަށް މިކަން ވަރަށް ބޮޑަށް އޮޅިފައިވާތީއެވެ. އިސްލާމް ދީނުގައި ނަހީކުރެވިގެންވާ ބައެއް ކަންކަން ކުރަން ޖެހިލުން ނުވާތީއެވެ. އެއީ އެއްވެސް ކަމެއް ނޫން ކަމަށް، ނުވަތަ ކުޑަކުޑަ ކަމެއް ކަމަށް ބަލައި އެފަދަ ކަންކަމަށް އަރައިގަންނާތީއެވެ. އެއީ އެހައި ބޮޑު ކަމެއް ނޫންކަމަށް ދެކެ ފަރުވާކުޑަކުރާތީއެވެ.

މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު ސަލާމަތްކަމަށް އެދޭނަމަ ކުރެވޭ ފާފައިގައި މިންއަޅަން ނުހަދާށެވެ! ކިތަންމެ ކުޑަކުޑަ ކަމަކީވެސް ވަރަށް ބޮޑު ކަމެއްގެ ގޮތުގައި ދެކެ އެކަން އެގޮތަށް ޤަބޫލުކުރާށެވެ. އަދި އަމަލުވެސް ކުރާށެވެ.

މީސްތަކުންނޭވެ! އަހަރެމެން މިއަދު ހަލާކުވަމުން މިދަނީ ކުރެވޭ ފާފަތަކުގެ ސަބަބުންނެވެ. އަހަރެމެންގެ އުންމަތް ހަލާކުވަމުން މިދަނީ ކުރެވޭ ފާފަތަކުގެ ސަބަބުންނެވެ. އުންމަތް ބަލިކަށިވަމުން މިދަނީވެސް ކުރެވޭ ފާފަތަކުގެ ސަބަބުންނެވެ. އަހަރެމެންނަށް ލިބެން އެދޭ ނިޢްމަތްތައް ނުލިބުމުގެ ހުރަހަކަށްވެފައިވަނީ ފާފަކުރެވުމެވެ. ފާފައިގައި މިންއަޅަން އުޅުމުން ކުރެވޭ ފާފަތައް ގިނަ ކަމުންނެވެ.

ވީމާ ހަމަ ކޮންމެ މީހަކުވެސް އެއްވެސް މިންވަރެއްގެ އެންމެ ފާފައެއްވެސް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ބިރުވެރިކަމާއި ގަދަފަދަ ޢަޒާބުން ފުރިގެންވާ ނަރަކައިން ސަލާމްތްކަމެއް ލިބޭނީ އެއިރުންނެވެ.

--ޝައިޚް ތައުފީޤް ޗައުދަރީ

މިއަދު އޮންލައިން