ބަނޑުހައިވާތީ އެކަމުގެ ރުޅި ޢާއިލާއަށް ފޯރުވައި "ބުއްރޫސް" ޖަހާ ކުކުޅެއްހެން އުޅެމުން ހިފަން އޮތީ ކޮން ރޯދައެއް؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ބަނޑުހައިވާތީ އެކަމުގެ ރުޅި ޢާއިލާއަށް ފޯރުވައި "ބުއްރޫސް" ޖަހާ ކުކުޅެއްހެން އުޅެމުން ހިފަން އޮތީ ކޮން ރޯދައެއް؟: މުފްތީ މެންކް

ދުނިޔޭގައި ތިބި ބައަކު ކުރިއަށް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި މިއަހަރުގެ ރަމަޟާން މަހާއި ބައްދަލުކުރާނެއެވެ. ރޯދަ ހިފަން ފަށާނެއެވެ. އެކަމަށް މިހާރުވެސް ގިނަ ބައަކު ތިބޭނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ކުރަންހުރި ގިނަ ކަންތައްތަކެއް ކޮށްގެންނެވެ. ނަމަވެސް ރޯދަ ހިފުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިންމު ކަންތައް މަތިން ހަނދާން ހުންނަނީ ވަރަށް މަދު މީހެކެވެ. އެއީ ތިމާގެ އަޚްލާޤް ރަނގަޅުކުރުމެވެ. 

އަޚްލާޤްގެ ދެބައެއް ވެއެވެ. އެއްބައަކީ ރޫޙާނީ ބައެވެ. އެއީ އަޅުކަންކުރުމުގެ ބައެވެ. އަޅުކަން ކުރުމުގެ އަޚްލާޤެވެ. ދެވަނަ ބައަކީ އަމިއްލަ ދިރިއުޅުމުގެ އަޚްލާޤެވެ. މި ދެބައި އިޞްލާޙްކޮށް ރަނގަޅުކޮށްގެން ނޫނީ ރޯދަ ހިފުމުން ލިބެންޖެހޭ މަތިވެރި ނިޢްމަތްތައް ލިބިގަތުން ވާނީ ވަރަށް ދަތި، އުނދަގޫ ކަމަކަށެވެ. 

ރޫޙާނީ ބައި ރަނގަޅުކުރުމުގެ މާނައިގައި ކުރަންޖެހޭ އަޅުކަންތައްތައް ކުރަންޖެހޭ ގޮތަށް ކުރުމުގެ އާދަ އަށަގެންނެވުން ހިމެނެއެވެ. އަޅުކަން ކުރާއިރު މިކުރެވެނީ ކީއްކަން އެނގި ތަވާޟުޢްވެރިކަމާއިއެކު ކަންކަން ކުރުންވެސް ހިމެނެއެވެ. އަދި ދޭންޖެހޭ ސަމާލުކަން ދިނުންވެސް ހިމެނެއެވެ. ކުރަންޖެހޭ ތަރުތީބުން، ޤަވާއިދުކޮށް ކުރުންވެސް ހިމެނެއެވެ. 

ދެން އޮތީ އަމިއްލަ ދިރިއުޅުމުގެ ބައެވެ. ރޯދައަށް ހުރީތީ، ބަނޑުހައިވާތީ އެކަމުގެ ރުޅި އަނބިދަރިންނަށާއި ޢާއިލާއަށް ފޯރުވައި "ބުއްރޫސް" ޖަހާ ކުކުޅެއް އުޅޭހެން އުޅެމުން ހިފަން އޮތީ ކޮން ރޯދައެއް ހެއްޔެވެ؟ ގިނަ މީހުން މިބުނި ޙާލަތަށް ދަނީ ހަމައެކަނި ބަނޑުހައިވުމަކުންވެސް ނޫނެވެ. ދުންފަތުގެ އިސްތިޢްމާލް ކުރުން ފަދަ ކަންކަން ނުކުރެވޭތީއެވެ. ރޯދައަށް ހުންނަ ވަގުތުކޮޅުވެސް ދުންފަތުގެ އިސްތިޢްމާލް ކުރެވޭނަމަ އެމީހުން ތިބޭނީ ހަމަޖެހިގެންނެވެ. 

އެހެންކަމުން ރޯދައަށް ތައްޔާރުވާން ކުރަންޖެހޭ ފުރަތަމަ ކަމެއްގެ ގޮތުން ކުރަން ޖެހޭ ކަމަކީ ކުރިމަތިލާން މިއުޅޭ މަސައްކަތަށް ތައްޔާރުވުމެވެ. ކެތްތެރިވާން ދަސްކުރުމެވެ. ރޯދައިގެ ހަޤީޤީ ބޭނުމަކީވެސް އެއީއެވެ. ކެތްތެރި ނުވެވޭ މީހަކަށް ރޯދައެއް ނުހިފޭނެއެވެ. ކެތްތެރި ނުވެވޭ މީހަކަށް އަޚްލާޤެއް ނެތެވެ. އެއީ ޔަޤީން ކަމެކެވެ. ވީމާ ރަމަޟާންމަހާއި ކުރިމަތިލާއިރު ތިމާއަކީ ހަރުދަނާ އަޚްލާޤެއްގެ މަތީގައި ހުރި މީހަކަށް ވުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން