ބަލިވުމުން ބަލި ފަސޭހަ ނުކުރެވޭ، މަރުވުމުން އަލުން ނުދިރުވޭ މީހެއްގެ ބެލެނިވެރިކަން ބޭނުން ނޫންކަމަށްބުނި ޔަތީމް ފަޤީރު ކުއްޖާގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ބަލިވުމުން ބަލި ފަސޭހަ ނުކުރެވޭ، މަރުވުމުން އަލުން ނުދިރުވޭ މީހެއްގެ ބެލެނިވެރިކަން ބޭނުން ނޫންކަމަށްބުނި ޔަތީމް ފަޤީރު ކުއްޖާގެ ވާހަކަ!

މިސްކިތަށް ޢާންމުކޮށް ނަމާދަށް އައިސް އުޅޭ އުމުރުން 10 ވަރަކަށް އަހަރުގެ ކުއްޖަކު ނަމާދުކުރާއިރު ނަމާދަށް ވަރަށް ބޮޑަށް ސަމާލުކަންދޭކަން އިމާމަށް ފާހަގަކުރެވެން ފެށިއެވެ. އެހެންވެ އެއްދުވަހަކު އެ ކުއްޖާއަށް ގޮވާލެއްވުމަށްފަހު ތިއައީ ކާކުގެ ދަރިއެއްތޯ ސުވާލު ކުރެއްވިއެވެ. ކުއްޖާ ބުނީ އޭނާ އަކީ މަންމަ އާއި ބައްޕަ ވެސް މަރުވެފައިވާ އެކަނިވެރި ކުއްޖެއް ކަމަށެވެ. 

ކުއްޖާގެ ޖަވާބާއި ގުޅިގެން އިމާމުގެ ބެލެނިވެރިކަމުގެ ދަށުގައި ހުރެދީފާނަންތޯ އިމާމް ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ކުއްޖާ ދެންނެވީ އޭނާގެ 5 ސުވާލަކަށް ޖަވާބު ދެއްވުމުން ޖަވާބު ދޭނެ ކަމަށެވެ. 

1 ކުއްޖާ: ބަނޑުހައިވުމުން ކާން ދެއްވާނަންތޯ؟

އިމާމް: ބަނޑު ފުރެންދެން ކާންދޭނަމެވެ.

2 ފެންބޮވައިގަތުމުން ބޯނެފެން ދެއްވާނަންތޯ؟

އިމާމް: ބޭނުން ވަރަކަށް ބޯނެ ފެން ދޭނަމެވެ.

3 އަންނައުނު ބައުވުމުން ލާނެ ހެދުން ދެއްވާނަންތޯ؟

އިމާމް: ލާނެ ފޭރާން ދޭނަމެވެ. ބައުވިއަ ނުދީ އައުކޮށްދޭނަމެވެ.

4 ބަލިވުމުން ފަސޭހަކޮށްދޭނަންތޯ؟

އިމާމް: ބަލިވެއްޖެ ނަމަ ބޭސް ފަރުވާ ކޮށްދޭނަމެވެ. ނަމަވެސް ޝިފާ ދެއްވެވުމަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެކެވެ.

5 މަރުވެއްޖެ ނަމަ އަލުން ދިރުވައިދޭނަންތޯ؟

އިމާމް: އެކަމެއް ނުކުރެވޭނެއެވެ. މަރުވުމާއި ދިރުއްވެވުމަކީ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަންކަމެވެ. އެކަން ކުރުމުގެ ބާރު އެއްވެސް ދެވަނަ ފަރާތަކަށް ލިބިގެނެއް ނުވެއެވެ. 

ކުއްޖާ ދެންނެވިއެވެ. އަޅުގަނޑުގެ ބެލެނިވެރި ފަރާތަކީ ބަނޑުހައިވުމުން ރިޒްޤް ދެއްވަވާ، ފެނަށް ބޭނުންވުމުން ފެންދެއްވަވާ، ފޭރާންވެސް ދެއްވަވާ އަދި ބަލިވުމުން ޝިފާވެސް ދެއްވަވާ އަދި މަރުވުމުން އަޅުގަނޑު އަލުން ދިރުއްވަވާނެ ފަރާތެވެ. އެއީ ﷲ ތަޢާލާއެވެ. އެހެންވީމާ މިކަންކަން ކޮށް ނުދެވޭނެ ފަރާތަކާއި ބެލެނިވެރިކަން ހަވާލުކުރެވޭކަށް ނެތެވެ. ނަމަވެސް އިމާމް ބޭނުންފުޅު ނަމަ އަޅުގަނޑަށް އެހީތެރިވެދެއްވެވިދާނެއެވެ. 

އިމާމަށް ލިބިވަޑައިގަތީ ވަރަށް ބޮޑު ސިހުމެކެވެ. އެހެނީ އެ ޖަވާބަކީ ވަރަށް ބޮޑު ތަޤްވާވެރިއަކަށް ނޫނީ ދެވޭނެ ޖަވާބަކަށް ނުވާތީއެވެ. އަދި އެމީހެއްގެ ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލުކޮށްގެން ހުރި މީހަކަށް ނޫނީ ދެވޭނެ ޖަވާބެއްވެސް ނޫނެވެ. އެހެންކަމުން ވިދާޅުވާނެ އެއްޗަކާއިމެދު ވިސްނަވައިލައްވަން ހުންނެވުމަށްފަހު އިމާމް ވިދާޅުވިއެވެ. 

"ކޮއްކޮ ބޭނުންނަމަ މި މިސްކިތުގައި އަހަރެންނާއިއެކު އުޅޭށެވެ. އަހަރެންގެ ގޭގައި ކޮއްކޮއަށް ކޮޓަރިއެއް ބަހައްޓާނަމެވެ. އެކޮޓަރީގައި ދިރިއުޅޭށެވެ. ގެއިން އަހަރެންނާއި އެއްފަދައިން ކައި ބޮއި ހަދާށެވެ. ކޮއްކޮގެ ބެލެނިވެރިކަން ބޭނުމެއް ނޫނެވެ. މިވަގުތުން ފެށިގެން ކޮއްކޮއަށް މިދިނީ އަހަރެންގެ އަމިއްލަ ދަރިއެއްގެ މަޤާމެވެ." 

މިކިޔައިދިން ވާހަކައިން ޙާޞިލުކުރަންވީ ޢިބްރަތަކީ ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެ، އެކަލާނގެ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވެގެން އަދި ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލުކޮށްގެން ހުންނަ މީހަކު އެކަމުގައި ސާބިތުވެ ހުންނަ ނަމަ އެމީހަކަށް ބޭނުންވާނެ ހުރިހާ ނިޢްމަތްތަކެއް ﷲ ތަޢާލާ ފުރިހަމަ ކޮށްދެއްވަވާނެ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން