"ﷲ ތަޢާލާ އަށް ނުވަތަ އިސްލާމް ދީނަށް ޚިދުމަތްކުރާ ހަމައެކަނި މީހަކީ ތިމާކަމަށް ހަމައެކަކުވެސް ޤަބޫލުކޮށްގެން ނުވާނެއެވެ. އެތައް މިލިއަން މުސްލިމުން ހަމަ އެ މަސައްކަތްކުރަމުން ގެންދާކަން ޤަބޫލުކުރަންވާނެއެވެ.
އިސްލާމް ދީން މަތިވެރިކުރަން އެހެން މީހުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރާނެއެވެ. އަދި އެހެން މީހުން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވާންވެސް ވާނެއެވެ. އެހެނީ އަމިއްލައަށް މަސައްކަތްކުރުމުގެ އިތުރުން އެހެން މީހުން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުމަކީވެސް ހަމަ މަތިވެރި އަޅުކަމެކެވެ. ލިޔުއްވަވާނީ ހަމަ ﷲ ތަޢާގެ ދީން މަތިވެރި ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. އެކަމުގައި ބައިވެރިވެ އެހީތެރިވި ކަމަށެވެ.
މީހަކު ކަމެއް އޮޅުންފިލުވަން ވެގެން ސުވާލުކޮށްފާނެއެވެ. މިވަގުތު ފޮތެއް ލިޔާތީ ވަގުތު ދެވެން ނެތް ކަމަށް ނުބުނާށެވެ! އޭނާއަށްވެސް ވަގުތު ދޭށެވެ. ފޮތްވެސް ލިޔާށެވެ. އަދި އެހެން މީހުން ލިޔެފައި ހުންނަ ފޮތްތަކުގެ އަގުވެސް ވަޒަންކުރާށެވެ. ހަމަ އެކަނި ރަނގަޅު ވާހަކަތައް ލިޔެވޭ މީހަކީ ތިމާކަމަށް ހީނުކުރާށެވެ. މީހަކު ލިޔާ ފޮތެއްގައި ނުވަތަ ދޭ ފަތުވާއަކުން ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ އެކަން ޢާންމުކުރުމުގެ ބަދަލުގައި ފުރަތަމަ އެމީހަކާއި މަޝްވަރާކުރާށެވެ. ގުޅިގެން މަސައްކަތްކުރުމުން ލިބޭ ކުރިއެރުން އިތުރުވާނެއެވެ."
--މުފްތީ މެންކުގެ ދަރުސަކުން