ނިދުމަކީ އިންސާނާއަށް ކޮންމެހެން ބޭނުނަވާ ކަމެކެވެ. ފުރިހަމައަށް ނިދި ނުލިބޭނަމަ ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. ބޮލުގައި ރިހުމާއި ކަންނެތްވުމާއި މިނޫންވެސް ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. އެހެންކަމުން ރަސޫލް (ޞޢވ) ވަނީ ނިދުމުގައި އަމަލުކުރަން ޖެހޭ ގޮތް ވެސް ބަޔާންކޮށް ދެއްވަވައިފައެވެ. އެހެންކަމުން ރަސޫލް (ޞޢވ)ގެ ސުންނަތުން ފެންނަން ހުރި ބައެއް ކަންކަން މިތަނުގައި ހާމަކޮށްލާނަމެވެ.
ފުރަތަމަ ކަމަކީ ޢިޝާ ނަމާދުގެ ކުރިން ނިދުމާއި ޢިޝާ ނަމާދަށްފަހު ވީ އެންމެ އަވަހަކަށް ނިދުމެވެ. މިސުންނަތަށް މިއަދުގެ ސައިންސްވެރިންނާއި ޑޮކްޓަރުންވެސް ތާއީދުކުރެއެވެ. އެމީހުންވެސް އެކަން ޤަބޫލުކުރެއެވެ. "އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ" ކަމެއް ކަމަށް ބުނެވެނީ މި ސުންނަތަށް އަމަލުކުރުމުން ލިބޭ ފައިދާތައް ގިނަކަމުންނެވެ. މި ޢިބާރާތް އެންމެ ފުރިހަމަވާނީ ""އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ، އިޖުތިމާޢީ ގުޅުން ބަދަހިވެ ދިރިއުޅުން އުފާވެރިވާ، އަދި ތަޤްވާވެރިކަން އިތުރުވާ" ވެސް އިބާރާތުގައި އޮތުމުންނެވެ.
ޢިޝާ ނަމާދުކޮށް، ރޭގަނޑު ކެއުމަށްފަހު އަވަހަށް ނިދާނަމަ އިޖުތިމާޢީ ގުޅުން ބަދަހިވެ ދިރިއުޅުން އުފާވެރިވާކަން އެއީ އެނެގެން އޮތް ކަމެކެވެ. ޢާންމު ދިރިއުޅުމަށް ބަލައިފިނަމަ ރޭގަނޑޫ ކައިގެން ނުނިދައި ގެއިން ބޭރުގައި ނުއުޅޭނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައް މަދުވާނެއެވެ. މައްސަލަ ޖެހެނީ، ކައިވެނިތައް ރޫޅެނީ ތަންތަނަށް ގޮސް ވަގުތު ބޭކާރުކުރާތީއެވެ. އެގޮތަށް ގޮސް ތިބޭ ތިބުމުގައި ގުޅުން އުފައްދަން ނުޖެހޭ މީހުންނާއިއެކު އުފައްދާ ގުޅުންތަކުގެ ސަބަބުންނެވެ. ވީމާ އެގޮތަށް ނުތިބޭނަމަ އެފަދަ ކަންކަން ހިނގުން މަދުވާނެއެވެ.
އިސްލާމް ދީނުގައި އެންމެ ބޮޑަށް ބާރުއަޅާފައިވަނީ ކުށެއް ކުރެވިދާނެ އެންމެހައި ކަންކަމުން ދުރުހެލިވުމަށެވެ. ވީމާ އަވަހަށް ނިދުމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިއެވަނީ އެފަދަ ހުރިހާ މައްސަލަތަކުން މީސްތަކުން ސަލާމަތްކޮށްދެއްވެވުމަށްޓަކައެވެ. ޢާއިލީ ގުޅުންތައް ބަދަހިވެފައި އޮތުމަށް މަގުފަހިކޮށްދެއްވެވުމުގެ ގޮތުންނެވެ. ހަމައެއާއިއެކު އިސްލާމް ދީނަށް އަމަލުކުރުމަށް މަގުފަހިކޮށް ދެއްވެވުމަށެވެ.
ދަމުނަމާދަށާއި ފަތިސް ނަމާދަށް ހޭލުމަށް މަގުފަހިކޮށްދެއްވެވުމަށެވެ. އައު ދުވަހުގެ މަސައްކަތް ތާޒާކަމާއިއެކު ފެށުމަށް މަގުފަހިކޮށްދެއްވެވުމަށެވެ. އިސްލާމް ދީނުގައި އަޅުކަމެވެ ބުނެވޭ ބަހުގެ މާނައަކީ ހަމައެކަނި ފަރުޟު ކުރެއްވެވި ކަންކަން ކުރުމެއް ނޫނެވެ. ދެމަފިރިން އުފަލުގައި ލޯބިން ދިރިއުޅުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީވެސް އަޅުކަމެކެވެ.
ދެމަފިރިން ގުޅިގެން އުފަލުގައި ދިރިއުޅުމަކީވެސް ހަމަ އަޅުކަމެކެވެ. ހަމަ ސަވާބު ދެއްވަވާނެ އަޅުކަމެކެވެ. ކައިވެނި ކުރުމަށްފަހު ދެމަފިރިން އެކުވެރިކަމާއިއެކު ލޯބިން ދިރިއުޅުމަށް ރަސޫލް (ޞޢވ) ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަވައިފައެވެ. ވީމާ އެމަތިވެރި ސުންނަތް އަދާކުރުމަކީ އާޚިރަތުގައިވެސް އެކަމުން ފައިދާކުރާނެ ކަމެކެވެ.
ވީމާ އަހަރެމެންގެ ކައިވެނި އުފާވެރިކަމާއިއެކު ދެމެހެއްޓުމަށްޓަކައިވެސް އަވަހަށް ނިދާބައަކަށްވާނެ އެބަޖެހެއެވެ. ޔަޤީންކުރާށެވެ! އިސްލާމް ދީނުގައި އެއްވެސް ކަމެއް ކުރުމަށް ބަޔާން ވެގެންވާނަމަ އެކަމެއް ބަޔާންވެގެންވާނީ އިންސާނުންނަށް އެކަމަކުން ފައިދާ ކުރާނެތީއެވެ. ދުނިޔެއާއި ޢާޚިރަތުގައިވެސް ފައިދާ ނުކުރާނެ އެއްވެސް ކަމެއް އިސްލާމް ދިނުގައި ބަޔާންވެގެނެއް ނުވެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން