މައްސަލަތައް ޖެހެމުން މިދަނީ އަމިއްލަ ޢާއިލާގެ ޙާލު ނުބެލޭއިރުގަ ވެސް ދުނިޔޭގަ ހިނގާ ހުރިހާ ކަމެއް ބަލަން މަސައްކަތްކުރާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މައްސަލަތައް ޖެހެމުން މިދަނީ އަމިއްލަ ޢާއިލާގެ ޙާލު ނުބެލޭއިރުގަ ވެސް ދުނިޔޭގަ ހިނގާ ހުރިހާ ކަމެއް ބަލަން މަސައްކަތްކުރާތީ!

ގިނަ ބައަކު "ބިޒީ"ކަމުން އެމީހުންގެ އަމިއްލަ ޢާއިލާގެ ކަންކަން ބަލައިލާނެ ވަގުތެއް ނުވެއެވެ. ނަމަވެސް ދުނިޔޭގައި ހިނގާ ހުރިހާ ކަންކަން ބަލަން މަސައްކަތް ކުރެއެވެ. ނަތީޖާއަކަށް ވަނީ އެއްވެސް ކަމެއް އެނގެންވާވަރަށް ނުއެނގުމެވެ. މިއީ މިއަދު ވަރަށް ގިނަ ބައަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.  

އިސްލާމް ދީނުގެ ކަންކަމުގައިވެސް ވަނީ މިފަދަ ގޮތެކެވެ. ތިމާ އާއި އެންމެ ކައިރިއަށް ހުރި މިސްކިތްތަކުގައި ދޭ ދަރުސްތައް އަޑެއް ނުއަހައެވެ. މިސްކިތުގައި ވަގުތު ކޮޅެއް ހޭދަކޮށްލާނެ ވަގުތު އެއްވެސް ވަރަކަށް ލިބޭ ކަމަކަށް ނުވެއެވެ. ނަމަވެސް ތަފާތު ވެބްސައިޓުތައް ބަލައި މައުލޫމާތު ހޯދައެވެ.  

ކޮންމެ ދަރުސެއްގައި ދޭ ހުރިހާ މައުލޫމާތެއް ދީފައި ހުންނާނީ އެއިގެ އެންމެހައި ތަފްޞީލުތަކާއިއެކަކު ނޫނެވެ. ދަރުސް ދޭއިރު އަބަދުވެސް ބަލާނީ މައިގަނޑު އެއް މަޢްޟޫއަކަށެވެ. އެ މަޢްޟޫއަކަށް ވާހަކަ ދައްކާއިރު މައުޟޫޢުގެ އަރިމަތިންވެސް ވަރަށް ގިނަ ވާހަކަތައް ދެކެވިފައި ހުންނާނެއެވެ. އެފަދަ ވާހަކަތައް ދެއްކިފައި ހުންނާނީ ހުރިހާ ތަފްޞީލާއިއެކުގައެއް ނޫނެވެ. އެހެންކަމުން އެގޮތަށް ދެކެވިފައި ހުންނަ ވާހައަކުން ތަންކޮޅެއް ނަގައިގެން ބޭނުންކުރަން އުޅެފިނަމަ ކުރާ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވެދާނެއެވެ. 

ހަޤީޤަތުގައި އެންމެ ބޮޑަށް ފައިދާ ކުރާނީ ސުވާލުކުރަން ފުރުޞަތު ލިބޭ ދަރުސްތައް އަޑުއެހުމުންނެވެ. އެއިރުން ރަނގަޅަށް އޮޅުން ނުފިލާ ކަންކަން އޮޅުންފިލުވޭނެއެވެ. ޝައްކެއް ނެތް ވަރަށް ކަންކަން ޔަޤީންކުރެވޭނެއެވެ. އިތުބާރުކުރެވޭ ވެބްސައިޓުތަކުން މައުލޫމާތު ހޯދުމަކީވެސް ހަމަ ކުރަން ރަނގަޅު ކަމެކެވެ. އެގޮތަށް ހޯދާ މައުލޫމާތެއްގައިވެސް ޝައްކެއް އުފެދޭ ކަމެއް ފެނިއްޖެ ނަމަ އިތުބާރު ހުރި ޢިލްމުވެރިއެއްގެ ބަސް ހޯދައި ޔަޤީންކުރަންވާނެއެވެ. 

މިއަދު އިސްލާމީ އުންމަތުގައި މައްސަލަތައް އިތުރުވަމުން މިދަނީ ކަންކަން ޔަޤީން ނުކުރާތީއެވެ. އިވޭ އަޑުތަކުގެ ތެރެއިން އެމީހަކު ޤަބޫލުކުރަން ބޭނުންވާ ކަމަކާއި ގުޅޭގޮތުން އިވޭ ހުރިހާ އަޑުތަކެއް އެއީ ޞައްހަ މައުލޫމާތު ކަމުގައި ބަލައިގަނެވޭތީއެވެ. ވީމާ އިސްލާމް ދީނަސް އަމަލުކުރަން ބޭނުންވާ ނަމަ މިބުނި ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން