ރަމަޟާން މަހު ޢުމުރާއަށް ދާ އެންމެންވެސް މިކަމަށް ސަމާލުކަން ދެއްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ރަމަޟާން މަހު ޢުމުރާއަށް ދާ އެންމެންވެސް މިކަމަށް ސަމާލުކަން ދެއްވާށެވެ!

- ފުރަނީ ތިމާގެ ހުރިހާ ކަމެއް ﷲ އާއި ހަވާލުކޮށްފަ - ގޮސް ހަރަމްފުޅުގަ އިންނަ އިރު އަބަދު ފޯނުކުރީމަ ކުރި ދުޢާ ދިމައެއް ނުވޭ!

 

ރަމަޟާން މަސް ފެށުމާއިއެކު ގިނަ ބައަކު ޢުމުރާވުމަސް ފުރާނެއެވެ. އެހެން މަސްމަހަސްވުރެ ބޮޑު ޚަރަދުވެސް ކޮށްފައެވެ. ވީމާ ޝައިޚް ޖައްފަރު ފާއިޒް ވިދާޅުވެފައިވާ ނަޞޭޙަތުގެ މި ބަސްކޮޅަށް ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދެއްވުން ކީއްތޯއެވެ! 

އަޅުގަނޑުމެން ހައްޖަށް ނުވަތަ އުމުރާއަށް ދިއުމަށް ފުރަނީ އެމީހެއްގެ ހުރިހައި ކަމެއް މާތް ﷲ އާއި ހަވާލުކޮށްފައިކަމަށް ދަންނަވައި ދުޢާ ދަންނަވައިފައެވެ. އަނބިދަރިންނާއި ވިޔަފާރިތަކާއި މިހެން ގޮސް ތިމާގެ ހުރިނަމަ ހުރި ހުރިހައި ކަމެކެވެ. 

އެކަން އެގޮތަށް ކުރަންޖެހެނީ ވެސް ސަބަބުތަކެއް ހުރމުންނެވެ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އުނިކަންތައްތަކެއް ހުރި ނުކުޅެދުންތެރިއެކެވެ. ހުރިހައި ކަމެއް ފުރިހަމަ ފަރާތަކީ ހަމަ އެކަނި މާތް ﷲ އެވެ. އަދި މާތް ﷲ އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ކަންކަން ހާޞިލުކުރުމަށް ސަބަބުގައި ހިފައިގެން ތިބެ ގަދައަޅައި މަސައްކަތްކުރުމަށެވެ. އަދި އެކަލާނގެއަށް ވަކީލު ކުރުމަށެވެ. 

ތިމާގެ ހުރިހާ ކަންކަން މާތް ﷲ އަށް ވަކީލުކުރުމަށްފަހު ފުރައިގެން މައްކާއަށް މިދަނީ މުހިންމު އަޅުކަމެއް އަދާކުރުމަށެވެ. އެހެންކަމަށްވާއިރު އެ އަޅުކަން އަދާކުރުމަށް ގޮސް ހަރަމްފުޅުގައި ތިބާއިރުގައާއި މިސްކިތްތަކުގައި ތިބޭ ވަގުތުތަކުގައި ފޯނުން އަތް ދޫކޮށްނުލެވެނަމަ، އަވަދި ނެތި އުޅެންޖެހެނީ ވިޔަފާރިތަކާއި ގޭގެ ހާލަތު ބެލުން ފަދަ ކަންކަމުގައި ކަމަށްވާނަމަ ތިމާ ފުރަމުން މާތްﷲއަށް ވަކީލުކުރީ ކޮން ކަމަކަށްކަމާއިމެދު ސުވާލުއުފެދެއެވެ. 

ތިމާގެ ހުރިހައި ކަންކަން މާތް ﷲ އަށް ވަކީލްކޮށް އެކަލާނގެއާއި ހަވާލުކުރުމަށް މާތް ﷲ ވަނީ ވަހީ ކުރައްވަވައިފައެވެ. އަޅުގަނޑުމެންގެ ކަންކަން އެންމެ މޮޅަށް ދެކެދެނެވޮޑިގެންވަނީ މާތްﷲއެވެ. އަދި އެންމެ ފުރިހަމައަށް ޙިމާޔަތް ކޮށްދެއްވެވޭނީ ވެސް މާތް ﷲ ގެ ޙަޟްރަތުންނެވެ.

ނަމަވެސް މި މަޤްޞަދު ތިމާއަށް ޙާޞިލުކުރެވޭނީ ތިމާއަށް އެކަން ފުރިހަމައަށް ޤަބޫލުކުރެވިގެންނެވެ. މާތް ﷲ ގެ މަތިވެރިކަމާއި އެންމެހައި ބާރުތައް ލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ މާތް ﷲ ކަމަށް ހިތުގެ އަޑިން ޤަބޫލުކުރެވިގެންނެވެ. 

މާތް ﷲ ވަޙީ ކުރައްވަވާފައިވަނީ "މާތް ﷲ އަށް ވަކީލުކުރާމީހާ ދަންނާށޭ. އޭނާގެ ހުރިހާ ކަމަކަށް ތިމަން ﷲ ފުދެއެވެ."

އެހެންކަމަށްވާއިރު އެކަން ޤަބޫލުކުރާ މީހާ، އެކަން ޤަބޫލުކުރިކަމަށްވާނީ ހިތުގެ އަޑީން އެކަން ޤަބޫލުކޮށް އަމަލުތަކުންވެސް އެކަން ދެއްކުމުންނެވެ. އެފަދަ މީހުން ހަރަމްފުޅާއި މިސްކިތްތަކުގައި ތިބެގެން އަބަދު ގޭގެ ހާލު ބަލާކަށް ނުގުޅާނެއެވެ! ވިޔަފާރީގެ މައުލޫމާތު ހޯދާކަށް ނުއުޅޭނެއެވެ. ސޯޝަލް މީޑިއާ ބަލައެއް ނުހަދާނެއެވެ. މަސައްކަތްކުރާނީ ވީހައި ގިނަ އަޅުކަން ކުރުމަށެވެ. ވީހައި ގިނަ ނަމާދުކުރުމަށެވެ. ވީހައި ގިނައިން ކީރިތި ޤްްރުއާން ކިޔެވުމަށެވެ. 

- އައްޝައިޚް ޖައުފަރު ފާއިޒް ދެއްވި ދަރުސެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެއް

މިއަދު އޮންލައިން