ގާތުން ކިރުދޭ މައަކަށް ރޯދަ ދޫކުރެވޭނީ ދެ ޙާލަތެއް މެދުވެރިވެގެން! ޙާލަތު މެދުވެރިނުވެ ރޯދަ ނުހިފި އަންހެނެއްގެ 2 އުރަމަތި ނަގަން ޖެހުނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 28ސ
ގާތުން ކިރުދޭ މައަކަށް ރޯދަ ދޫކުރެވޭނީ ދެ ޙާލަތެއް މެދުވެރިވެގެން! ޙާލަތު މެދުވެރިނުވެ ރޯދަ ނުހިފި އަންހެނެއްގެ 2 އުރަމަތި ނަގަން ޖެހުނު!

ގާތުން ކިރުދޭ މައަކު ރޯދަ ދޫކުރަން ޖެހޭނީ ޖެހޭނީ 2 ޙާލަތެއް މެދުވެރިވެގެންނެވެ. ފުރަތަމަ ޙާލަތަކީ ކިރުދެމުން ރޯދަ ހިފާތީ އޭނާއަށް ތަކްލީފްތަކެއް އުފުލަން ޖެހުމެވެ. 2 ވަނަ ޙާލަތަކީ ރޯދަ ހިފުމުގެ ސަބަބުން ގާތަށް ކިރު އެރުން މަދުވެ ދަރިފުޅަށް ބޭނުންވާ ކިރި ނުލިބުމެވެ. މިއިން ޙާލަތެއް މެދުވެރިނުވާ، ކިރު ދިނުމުން އެއްވެސް ތަކްލީފެއް ކުރިމަތި ނުވާ މައަކު ރޯދަ ދޫކުރުމެއް ނެތެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

ގާތުން ކިރުދެމުންދާއިރުވެސް އެއްވެސް ތަކުލީފެއް ކުރިމަތިނުވުމާއި ދަރިފުޅަށް ބޭނުންވާ ވަރަށް ކިރު އަރާނަމަ އެއީ ﷲ ތަޢާލާ އެމީހަކަށް ދެއްވަވާ ވަރަށް ބޮޑު ނިޢްމަތެކެވެ. ވީމާ އެނީޢްމަތަށް ޝުކުރުވެރިވެ ރޯދަ ހިފުމަކީ އެންމެ މޮޅު އިތުރުވެގެންވާ ގޮތެވެ. ނިޢްމަތަށް ޝުކުރުވެރިނުވާނަމަ ނިޢްމަތްތައް އަނބުރައި ގެންދަވަތެވެ. އަދި އިތުރު ތަކްލީފްތައްވެސް މިންވަރު ކުރައްވަވަތެވެ. 

ތިރީގައި މިވަނީ މިފަދަ ހާދިސާއެއްގެ މައްޗަށް ކުރިން ލިޔެފައިވާ ލިޔުމެކެވެ. 

 

ދަރިފުޅަށް ގާތުން ދޭތީކަމަށް ބުނެ ރޯދަ ނުހިފި އުޝާގެ 2 އުރަމަތި ނަގައިފި- ދެން ރޯދަ ނުހިފާ ހުންނާކަށް ނުޖެހޭނެ!

 

ޢަބްދުއްލަޠީފް 

އުޝާ އަކީ އިންޑިއާގެ ހައިދަރު އާބާދަށް ނިޞްބަތްވާ އުމުރުން 29 އަހަރުގެ އަންހެނެކެވެ. އުމުރުން 29 އަހަރުވީއިރު ކައިވެންޏަށް 7 އަހަރެވެ. 7 އަހަރުގެތެރޭގައި މާތްﷲ ވަނީ 2 ދަރިން މިންވަރު ކުރައްވަވައިފައެވެ. 

ކޮންމެ ކުއްޖަކަށް ވެސް 2 އަހަރު ވަންދެން ގާތުން ދިނެވެ. އެހެންކަމުން ކައިވެނީގެ 7 އަހަރު ތެރެއިން 4 އަހަރު އޫޝާ ވަނީ ގާތުންދީފައެވެ. މިއިން އެއްވެސް އަހަރަކު އުޝާ ރޯދައެއް ނުހިފައެވެ. އުޒުރަކަށް ދައްކަނީ ގާތުން ދެމުން ރޯދަހިފުމުން ވަރުބަލިވުމެވެ. 

ދެވަނަ ދަރިފުޅަށް ގާތުން ދިނުން ހުއްޓައިލިތަނާ މާގިނަ ދުވަސްތަކެއް ނުވަނީސް އުޝާގެ އުރަމަތީގައި ގަނޑުލާހެން ހީވާން ފެށިއެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދައެވެ. ޑޮކްޓަރަށް ދެއްކުމުންވެސް ބުނީ އެވާނީ ގާތުން ދިނުން ހުއްޓައިލުމާއި ގުޅުންހުރި ކަމަކަށް ކަމަށެވެ. ނަމަވެސް ފަރުވާ ބަހައްޓައިގެން ބަލަމުން ގެންދިއުން ރަނގަޅުވާނެ ކަމަށެވެ.

ގަނޑުތައް އައީ ބޮޑެތިވަމުންނެވެ. ރިހުންވެސް އައީ ގަދަވަމުންނެވެ. ކެތް ނުކުރެވޭވަރުވުމުން އަނެއްކާވެސް ޑޮކްޓަރަށް ދެއްކިއެވެ. ހަދަންޖެހޭ ޓެސްޓްތައް ހެދުމަށްފަހު އެންގީ އަވަހަށް ކެންސަރު ސްޕެޝަލިސްޓަކަށް ދެއްކުމަށެވެ. 

ކެންސަރަށް ޚާއްޞަ 4 ޑޮކްޓަރުންނަށް ދެއްކުމުން ވެސް ބުނީ ފުރާނަ ސަލާމަތްކުރަން ބޭނުންނަމަ ޖެހޭނީ ދެ އުރަމަތިވެސް ނަގަން ކަމަށެވެ. ސަލާމަތްކުރެވޭނެ އިތުރު އެއްވެސް ގޮތެއް ނެތް ކަމަށެވެ. 

މާތްﷲ ވާގިފުޅާއިއެކު އޮޕަރޭޝަން ކާމިޔާބެވެ. ޑޮކްޓަރުން ދޫކޮށްލުމުން ގެއަށް އައިސް އުޅެންފެށިފަހުން ފުރަތަމަ ހުކުރު ދުވަހު އުޝާގެ ބޮޑު ބޭބެ އުޝާ ދެކެލަން ދިއައެވެ.

ޙާލު އަހުވާލު އަހައި އޮޅުންފިލުވުމަށްފަހު ބުންޏެވެ. "ދަރިފުޅާ އުޝާއެވެ! ދެން ހަމަގައިމުވެސް ގާތުން ދޭންވެގެން ކަމަށް ބުނެ އެކަން އުޒުރަކަށް ހަދައި ރޯދަ ނުހިފައި ހުންނާކަށް ދަރިފުޅަކަށް ނުޖެހޭނެއެވެ. 

ދަރިފުޅުމެން ހީކުރަނީ ހަމަ ބަހަނާއެއް ދައްލާފައި ކުރަން ބޭނުން ކޮންމެ ކަމެއް ކޮށްލުމުން ނިމުނީ ކަމަށެވެ. ހިތުގެ އެންމެ ހިމަ ނާރުގައި ޖަހާ ވިންދުވެސް ދެކެ ދެނެވޮޑިގެންވާ މަތިވެރި އިލާހު 7 އުޑުގެ މަތިން ކަންކަން ބައްލަވައިވޮޑިގެންވާކަމެއް ޤަބޫލެއް ނުކުރެވެއެވެ.

ދަރިފުޅުގެ އޮޕަރޭޝަނަށް ހުރިހާ ޚަރަދެއް ކޮށްދީފައިވެސް ޙާލުބަލަން ހޮސްޕިޓަލަށް ނުދިއައީ ދަރިފުޅަކީ ﷲގެ ކޯފާލެއްވުމެއްގައި އޮތް ދަރިއެއް ކަމަށް ބޮޑުބޭބެއަށް ޤަބޫލުކުރެވޭތީއެވެ.

ދަރިފުޅާއެވެ. މާތްﷲ ދަރިފުޅާއިމެދު ކިތަންމެހައިވެސް އޯގާތެރިވަންތައެވެ. 2 ގުނަވެނެއް ދޫކޮށްލަން ޖެހުނު ނަމަވެސް ދަރިފުޅުގެ ފުރާނަ ސަލާމަތް ކޮށްދެއްވަވައިފިއެވެ. އެންމެ ބޮޑު ނިއުމަތަކީ އެއީ ނޫން ހެއްޔެވެ؟ ދެންވެސް ވިސްނައި ބިރުވެތިވާށެވެ! 

ތިއަ ދަރިން މިހާރު ތިއަތިބީ މާ ބޮޑެތިވެފައެވެ. މާގިނަ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެވެ. މިހާރުވެސް މިދެއްކުނީ ވަރަށް ބައިވަރު ވާހަކަތަކެވެ. ކުރިއަށް އޮތްތަނުގައިވެސް މި ދެއްކި ވާހަކަތަކަށް ވިސްނައިގެން އަމަލުކުރާށެވެ!" 

ބޮޑުބޭބެ ދިއުމުން އޫޝާ ވިސްނައިލިއެވެ. ބޮޑުބޭބެ އެދެއްކީ ހަމަ ތެދުވާހަކަތަކެކެވެ. އެ 4 އަހަރުގެ ރޯދަ މަހު ރޯދަ ނުހިފައި ހުރީ ހަމައެއްވެސް ސަބަބެއް އޮވެގެނެއް ނޫނެވެ. އުޒުރެއް ދެއްކެން އޮތީތީ އުޒުރެއް ދައްކައި ރޯދަ ނުހިފީއެވެ. އެކަން ކުރަމުން ދިއައިރު މިހެން ވެދާނެކަން ނުވިސްނުނުކަމާއިމެދު ހާދަ ހިތާމައެއް ކުރަމެވެ. އިރާދަ ކުރެއްވިއްޔާ ދޫކޮށްލެވުނު ކޮންމެ ރޯދައަކަށް 3 ރޯދަ ހިފާނަމަވެ.

މިއަދު އޮންލައިން