ރޯދަމަހަށް އެމްޕީއެލްގެ ގްރޭޓަރ މާލޭ ރީޖަންގެ ބަސް ދަތުރުތައް ފަށާ ގަޑި ލަސްކޮށް، ރޭގަނޑުގެ ވަގުތުތަކުގައި ބަސް ދަތުރުކުރާ ގަޑިތައް އިތުރުކޮށްފިއެވެ.
އެމްޕީއެލްއިން ބުނެފައިވަނީ ރޯދަމަހުގެ ބަސްދަތުރުތައް ފެށުން ލަސްކޮށްފައިވަނީ ރޯދަމަހަކީ އޮފީސްތަކާއި، ސްކޫލްތަ ފަށާ ގަޑިވެސް ލަސް މަހަކަށްވާތީ ކަމަށެވެ. 5:40 ގައި ފަށާ ބަސް ދަތުރުތައް ރޯދަމަހު ފަށާނީ ހެނދުނު 7 ޖަހާއިރުއެވެ. އަދި ރޭގަނޑު ބަހުގެ ޚިދުމަތްދޭ ގަޑި އިތުރުކޮށްފައިވާއިރު ރޯދަމަހު ބަހުގެ ޚިދުމަތް މެންދަމު 2 ޖެހުމާހަމައަށް އޮންނާނެކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. ރޯދަމަސް ނޫން މަސްމަހު މާލޭއިން ހުޅުމާލެއަށް ދަތުރުކުރާ އެންމެ ފަހު ބަސް އޮންނަނީ މެންދަމު 1 ޖަހާއިރުއެވެ.
7:30 އިން ފެށިގެން، މީހުން އިތުރުވާ ގަޑިތަކުގައި ކޮންމެ 10 މިނެޓަކުން ބަސް ދަތުރުތައް ކުރާއިރު އެހެނިހެން ގަޑިތަކުގައި ބަސް ދަތުރުތައް އޮންނާނީ ކޮންމެ 15 މިނެޓަކުންނެވެ.
ރޯދަމަހު ބަހުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފައިވަނީ، ޢާއްމުކޮށް މީހުން ބަހުގެ ޚިދުމަތްތައް ބޭނުންކުރާ ގަޑިތަކާއި ބޭނުންތަކަށް ބަލައިގެންކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.