ރޯދަވެރިޔާ ރޯދަ ވީއްލާ ވަގުތު ކުރާ ދުޢާ އިޖާބަ ކުރައްވަވާނެ - ގަރަންޓީ ކަމެއް! އިން ޝާ ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ރޯދަވެރިޔާ ރޯދަ ވީއްލާ ވަގުތު ކުރާ ދުޢާ އިޖާބަ ކުރައްވަވާނެ - ގަރަންޓީ ކަމެއް! އިން ޝާ ﷲ!

ކުރިމަތި މިލަނީ ދުޢާ އިޖާބަ ކުރެއްވެވުމުގެ މޫސުމަކާއިއެވެ. އެ މޫސުމުގެ ބޭނުން ވީހައި ރަނގަޅު ގޮތުގައި ހިފުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ރޯދަވެރިޔާ ރޯދަ ވީއްލާ ވަގުތު ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެތެވެ. 

ވީމާ އިރުއޮއްސެން ގާތްވުމުން ޓީވީ ބެލުން، ގޭމް ކުޅުން ނުވަތަ އެނޫންވެސް އެފަދަ ކަންކަމުގައި އިނދެފައި ބަންގި ގޮވުމުން ފުންމައިގެން ތެދުވެ ރޯދަ ވީއްލުމުގެ ބަދަލުގައި އިރުއޮއްސެން ގާތްވުމުން އިންނަންވީ ކީރިތި ޤްރްއާން ކިޔެވުމުގައެވެ. ރޯދަ ވީއްލާ ވަގުތު ކުޑަތަންވުމުން އެމީހަކު އެދޭ ކަމަކުން ދުޢާކުރަން ފަށަންވީއެވެ. ބަނގި ގޮވުމުން އަވަހަށް ރޯދަ ވީއްލަންވީއެވެ. 

މިއީ ރޯދަ ވީއްލަވަމުން ރަސޫލް (ޞޢވ) ކުރެއްވެވި ދުޢާއެއް ކަމަށް ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތް ދުޢާއެވެ. 

(ކަރުހިއްކުން ފިލައްޖެއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި މާތްﷲގެ އިރާދަފުޅުން އަޖުރު ޘާބިތުވެއްޖެއެވެ.)

ދުޢާ ކުރުމުގެ ވަގުތާއިބެހޭ ގޮތުން ދީނީ ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ ރޯދަވީއްލާ ވަގުތު ގާތްވެގެން އަންނަ ހިނދު، ރޯދަ ވީއްލުމުގެ ކުރިން ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ލުއި ގޮތަކަށް ރޯދަ ވީއްލައިލުމަށްފަހު ނުކައި ހުރެ ދުޢާ ކުރުމުން ވެސް އިޖާބަ ކުރައްވަވާނެ ކަމަށެވެ.  

މިވަގުތު މިހައި މުހިންމު ވަގުތަކަށް ވެގެންދަނީ ވަރަށް މުހިންމު ސަބަބެއް އޮތުމުންނެވެ. އެހެނީ އެދުވަހު ނުކައި ނުބޮއި ހުރުމުން ކޮންމެ މީހަކަށް ވެސް ރޯދަ ވީއްލާ ވަގުތަށް އިންތިޒާރު ކުރެވޭނެ އެވެ. ކައިބޮއި ހަދަން އަވަސްވެގަންނަން ބޭނުންވާނެއެވެ. އެ ހާލަތުގައިވެސް ކެއުން ބުއިމަށް އަވަސްވެ ނުގަނެ ﷲ ތަޢާލާ މަތިން ހަނދުމަކޮށް ޛިކުރުކޮށް ދުޢާ ކުރުމުން އެކަން އެހައި މަތިވެރިކަމަކަށް ވެގެންދަނީއެވެ. 

ޥީމާ މި ރަނުގެ ފުރުޞަތު ހަމަ އެއްވެސް މީހަކު ނަގާލައިގެން ނުވާނެއެވެ. ފުރުޞަތުގެ ބޭނުން ހިފައި އެމީހަކު އެދޭކަންކަމުން ދުޢާ ކުރާށެވެ. ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެ ކަމުގެ ޔަޤީންކަމާއިއެކު ދުޢާ ކުރާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން