މަތީ މަޤާމެއް ލިބުމުން ނުވަތަ ތަނަވަސްކަމެއް ލިބުމުން ބައެއް މީހުންނަށް ހީކުރެވެނީ އެ ހިސާބުން ދެން އެމީހުންނަށް ޖަމާއަތުގައި ނަމާދުކުރަންވެސް ނުޖެހޭނެ ކަމަށެވެ. ގޭގައި އެކަނި ކޮށްލުމުން ފުދޭނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެކެވެ. އެހެނީ ހަނގުރާމައިގެ ވަގުތުގައި ވެސް އޮތީ ޖަމާއަތުގައި ނަމާދުކުރުމެވެ.

ޖަމާޢަތަށް ނަމާދަށް ނުދެވޭނެ ފަދަ އުޒުރެއް ދިމާވެއްޖެނަމަ އެ ނަމާދަކަށް ޖަމާއަތަށް ނުދެވުނު ނަމަވެސް އެއީ އާދައަކަށް ނުހަދާށެވެ. ފަރުޟު ނަމާދު ޖަމާއަތުގައި ކުރުމުން އެތައް ގުނައަކަށް ސަވާބު އިތުރުވެގެންދާކަން އެބަ އެނގެއެވެ. ކިތަންމެ އިއްޒަތްތެރި މީހަކު ނަމަވެސް އަދި ކިތަންމެ ބޮޑު މަހުޖަނަކު ނަމަވެސް ގޭގައި ހުރެ ނަމާދުކޮށްގެން ޖަމާއަތުގައި ބައިވެރިވެ ނަމާދުކުރުމުން ލިބޭ ސަވާބެއް ނުލިބޭނެއެވެ.
ހަމަ އެއާއިއެކު މި ޙަދީޘްފުޅަށް ވިސްނައިލުން ރަނގަޅުވާނެއެވެ. މީސްތަކުންގެ މައްޗަށް އެންމެ އޯގާތެރި އިންސާނާ، ރަސޫލް (ޞޢވ) އެ ޙަދީޘްފުޅު ކުރައްވަވަނީ އިތުރު މާތް ޞާޙިބާ (ޞޢވ)ގެ އަތްޕުޅުން ޖަމާއަތުގައި ބައިވެރިވެ ނަމާދު ނުކުރާ މީހުންގެ ގެތައް އަނދަވައިލައްވަން ހިތްޕުޅަށް އަރާ ވާހަކައެވެ.

ދެން ނިކަން ބުނެބަލާށެވެ. ނަމާދުގެ ޖަމާއަތަށް މިސްކިތަށް ގޮސް ޖަމާއަތުގައި ބައިވެރި ނުވުމަށް ދެއްކޭނީ ކޮން އުޒުރެއް ހެއްޔެވެ؟ މިއީ އައު ވާހަކަތަކެއް ނޫންކަންވެސް އެނގެއެވެ. ނަމަވެސް އަހަރު ތެރޭގައި އަންނާނެ އެންމެ ބަރަކާތްތެރި ދުވަސްތައް އަޅުގަނޑުމެންނާއި ބައްދަލުކޮށް ފާއިތުވަމުންދާއިރު ހަނދުމަކޮށް ދިނުމަކީ ކުރަން ޖެހޭ ކަމަކަށްވާތީ ހަނދާން އައުކޮށްދިނީއެވެ.
ނިކަން ވިސްނައިލަބަލާށެވެ! ލޮލަސް ނުފެންނަ މީހަކު ނަމަވެސް ބަންގީގެ އަޑު އިވޭނަމަ އޮތީ ޖަމާއަތަށް ދިއުމެވެ. މިޙަދީޘްފުޅުން މިއޮތީ އެކަން އެނގި ހާމަވާށެވެ.

ފަށަމުންވެސް ބުނި ފަދައިން ފަރުޟު ނަމާދަށް މިސްކިތަށް ގޮސް ޖަމާއަތުގައި ބައިވެރި ނުވާ މީހުންނަކީ އެއްވެސް އަގެއް ހުރި ބައެއް ނޫނެވެ. އެހެނީ އެމީހުން ބޮޑާކަމާއި ކިބުރުވެރިކަންމަތީގައި ގޭގައި އެތިބެނީ ﷲ ތަޢާލާއަށް ގޮންޖަހާފައެވެ. އެފަދަ މީހުންގެ އޮންނާނީ ކޮން ޤަދަރެއް ހެއްޔެވެ؟ އެފަދަ މީހުންނަކީ ކިތަންމެ މޮޅަށް އިސްލާމް ދީން އެނގިގެން ތިބި މީހުން ނަމަވެސް އިސްލާމް ދީނުގެ ނަމުގައި ދައްކާނެ އެއްވެސް ވާހަކައެއް އޮންނާނެ ކަމަކަށްވެސް އަހަރެން ޤަބޫލެއް ނުކުރަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންނަށް ބަލާއިރު ޝައިޚް މުޙައްމަދު ޖަމީލް އަކީ ޤައުމު ދެކެފައިވާ ލާމަސީލު ނަމޫނާއެކެވެ. މުސްކުޅިފުޅުވެ ގެއިން ނުކުމެވަޑައިނުގެންނެވޭވަރު ވަންދެން މިސްކިތަށް ޖަމާއަތަށް ނަމާދަށް ވަޑައިގެންނެވިއެވެ. ރާއްޖޭގައި މިހާރު ތިއްބެވި ދީނީ ޢިލްމުވެރިންނަށް ބެލި ނަމަވެސް ވަރަށް ގިނަ ބޭފުޅުން މިސްކިތްތަކުން ފެނެއެވެ.