ހިފާ ރޯދަ ރޯދައަކަށް ހެދުމަށްޓަކައި ރޯދައަށް ހުރެ ކުރަން ވާނީ ރޯދައަށް ފައިދާ ކުރާނެ ކަންކަން ކަމަށާއި ރޯދައަށް ހުންނައިރު ރޯދައަށް ފައިދާ ނުކުރާނެ ކަންކަމާއި ދުރުހެލިވާން ޖެހޭނެ ކަމަށް ޝައިޚް ނިމާލް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ޖަމީލްގައި ދީނީ ނަޞޭޙަތް ދެއްވަމުން ޝައިޚް ނިމާލް ވިދާޅުވީ ކުޅިވަރު ކުޅުމަކީ ރޯދައަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށްވާއިރު ރޯދައަށް ހުރެ ކުޅިވަރު ކުޅުން ފަދަ ކަންކަމާއި ދުރުހެލިވާންވާނެ ކަމަށެވެ. ޚާއްސަކޮށް ފަހު ދިހައިގެ ދުވަސްތަކުގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.
ޝައިޚް ނިމާލް ވިދާޅުވީ ފުޓްބޯޅަ އަދި އެނޫންވެސް އެފަދަ ކުޅިވަރުތައް ކުޅުމަކީ އެއިގެ ޒާތުގައި ކުރަން ރަނގަޅު ކަމެއް ނަމަވެސް ރަމަޟާން މަހަކީ ކުޅިވަރު ކުޅުމުގެ މޫސުމެއް ނޫން ކަމަށެވެ. އެހެންކަމުން ކުޅިވަރު ކުޅުން، ކުޅިވަރު މުބާރާތް ބޭއްވުން ފަދަ ކަންކަން ކުރަންވާނީ ރޯދަމަސް ނިމި ޢީދު އައުމުން ޢީދުގައި ކަމަށެވެ.
ޝައިޚް ނިމާލް ވިދާޅުވީ ކަން މިހެން އޮތް ނަމަވެސް އެކަމަށް ބެލުމެއް ނެތި ފަހު ދިހައިގެ ތެރޭގައިވެސް ކުޅިވަރު ކުޅޭ ކަމަށާއި މުބާރާތްތައްވެސް ބާއްވާ ކަމަށެވެ. ނަމަވެސް އެއީ އެކަން ކުރަން އޮތް ގޮތް ނޫން ކަމަށެވެ.
ޝައިޚް ނިމާލް ވިދާޅުވީ ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ރޯދައަކީ ހަމައެކަނި ބަނޑުން (ނުކައި ހުރެގެން) ކުރާ ކަމަކަށް ހަދައިގެން ނުވާނެއެވެ. ރޯދަ ހަދަން ޖެހޭނީ އަދި ފުރިހަމައަށް ރޯދަ ހިފޭނީ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކުން ރޯދަ ހިފުމުން ކަމަށެވެ. އަދި އެއިގެ މާނައަކީ ރޯދައަށް ހުންނައިރު ހަށިގަނޑުގެ ހުރިހާ ގުނަވަންތަކުންވެސް ކުރަންޖެހޭނީ ރޯދައަށް ފައިދާކުރާނެ ކަންކަން ކަމަށެވެ. އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.