ތަޤްވާވެރިކަމުގެ މާނައަކީ ކޮންމެ ވަގުތަކު ކޮންމެ އަމަލެއް ކުރި ނަމަވެސް އެމީހަކު ކުރާ އަމަލު ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކުރުމުގައި ދެމިހުރުމެވެ. އެގޮތުން ރޯދައަކީވެސް ﷲ ތަޢާލާ އާއި އެމީހަކާއި ދެމެދުގައި އޮތް ސިއްރެކެވެ. ނަމާދުކުރުމާއި ޙައްޖުގެ އަޅުކަން އަދާކުރުމާއި އެހެނިހެން އަޅުކަންތައްތައް ކުރާއިރު މީސްތަކުންނަށް އެމީހާ އެކަންކަން ކުރާތަން ފެނެއެވެ. ނަމަވެސް ރޯދަވެރިއަކު ރޯދައަށް ހުންނައިރު އެކަން އެހެން މީހަކަށް އެނގޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެ ސިއްރު ދަމަހައްޓަނީ އެމީހެއްގެ ހިތުގައިވާ ތަޤްވާވެރިކަމުގެ ސަބަބުންނެވެ.
ރޯދަ ގެއްލޭ ކަންކަމަކީ އެކަންކަން ކުރަން އިންސާނާގެ ނަފްސް ދަހިވެތިވާ ކަންކަމެވެ. އެހެންކަމާއިއެކުވެސް ސިއްރިޔާތުގައިވެސް އެފަދަ ކަމެއް ނުކޮށް އަޅުގަނޑުމެން ތިބެނީ އެފަދަ ކަމެއް ކޮށްފިނަމަ ރޯދަ ގެއްލޭނެކަން އަޅުގަނޑުމެން ޤަބޫލުކުރާތީއެވެ. ރޯދަ ގެއްލޭނެ އެއްވެސް ކަމެއް ނުކުރަނީ އެމީހަކު ﷲ ތަޢާލާއަށް ބިރުވެތިވާތީއެވެ.
މީހާ ހުރީ ކިތަންމެ އެކަހެރި އަދި އަނދިރިތަނެއްގައި ނަމަވެސް ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަމަކަށް އަރައިގަންނައިރު ލަދުވެތިވާނެޖެހެއެވެ. އެހެނީ ކިތަންމެ އެކަހެރި ތަނެއްގައި، ކިތަންމެ އަނދިރި ތަނެއްގައި ކަމެއް ކުރި ނަމަވެސް އެކަން ﷲ ތަޢާލާ ވަގުތުން ބައްލަވައި ވޮޑިގެންވެއެވެ. ވީމާ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަމަކަށް އެއްވެސް ތަނެއްގައި ހުރެ އަރައި ނުގަތުމަކީ ތަޤްވާވެރިކަމެވެ.
ކިތަންމެ ދުރުގައި އޮތް ޤައުމަކަށް ދަތުރުކުރެވިދާނެއެވެ. ކޮޓަރި ތަޅުވެސް ލެވިދާނެއެވެ. ބޭރުގައި ފާރަވެރިއަކުވެސް ބެހެއްޓިދާނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެވޭނެއެވެ. ތަޤްވާވެރިކަމަކީ އެކަން ޤަބޫލުކޮށް ޢަމަލުކުރުމެވެ. ތަޤްވާވެރިވުމަކީ އެމީހާ ވީ ކޮންމެ ތަނެއްގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވުމެވެ.
ރޯދަ އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އެކަމެވެ. ﷲ ތައާލާއަށް ބިރުވެތިވުމެވެ. ކިތަންމެ ސިއްރުން ނަމަވެސް ރޯދަ ގެއްލޭނެ އެއްވެސް ކަމެއް ނުކުރުމެވެ. އެހެންކަމުން މީސްތަކުންގެ ކުރިމަތީގައި ތަގްވާވެރިކަމުގެ ސިފަތައް ދައްކަމުން ސިއްރިޔާތުގައި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަމަށް އަރައިގަންނަމުންދާ ނަމަ އެމީހަކު ކުރާ އެއްވެސް އަމަލަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ބުރަދަނެއް ހުރި އަމަލެއް ނޫން ކަމަށް ރަސޫލް (ޞޢވ) ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.
- ޝައިޚް އަހްމަދު ސަމީރުގެ ދަރުސަކުން