ދުނިޔޭގެ އެންމެން ބަރަހަނާ ހާލުގައި ތިބޭއިރު ބަލަން ޝައުޤުވެރި ނުވާނެ ދުވަހަށް ބިރުވެތި ނުވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދުނިޔޭގެ އެންމެން ބަރަހަނާ ހާލުގައި ތިބޭއިރު ބަލަން ޝައުޤުވެރި ނުވާނެ ދުވަހަށް ބިރުވެތި ނުވަނީ ކީއްވެ؟

ދުނިޔޭގައި އުޅެމުން މިދާއިރު އެންމެ ގިނަ ބައަކު ބަލަން އެންމެ ބޮޑަށް ޝައުޤުވެރިވަނީ ބަރަހަނާ މަންޒަރުތަކަށެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިއަދު އެކަން އޮތް ގޮތެވެ. އެންމެ ގިނަ ބައަކު އިންޓަރނެޓް ބޭނުންކުރަނީ ވެސް އެފަދަ މަންޒަރުތައް ބެލުމަށެވެ.  

ކަން މިހެން އޮތްއިރު އާޚިރަތް ދުވަހު މީސްތަކުން މަޙްޝަރު ކުރައްވަވާނީ ދުނިޔެއަށް އުފަން ކުރެއްވެވި ގޮތަށެވެ. ވީމާ ދުނިޔެ ފެށުނީންސުރެ ނިމެންދެން ދުނިޔޭގައި އުޅުނު އެންމެން މަޙްޝަރު މައިދާނުގައި ތިބޭނީ ދުނިޔެއަށް އުފަން ކުރެއްވެވި ގޮތަށެވެ. އެއްވެސް ފޭރާމެއް ނެތިއެވެ.  

އެހެންކަމާއިއެކުގައިވެސް އެއްވެސް މީހަކު އަނެކާގެ އައުރައަށް އެދުވަހަކު ނުބަލާނެއެވެ. ތިމާ އާއިމެދު ކަންތައް ވެދާނެ ގޮތަކާއި މެދު ގަނެފައި ތިބޭ ބިރު ބޮޑުކަމުން އެއްވެސް މީހެއްގެ ކިބައިގައި އެކަމަށް އެއްވެސް ޝައުޤްވެރިކަމެއް ނުހުންނާނެއެވެ. ކޮންމެ މީހަކުވެސް ހުންނާނީ ބިރުން ވިރިވިރިއެވެ. ތިމާގެ ހިސާބު ބެއްލެވުމުން ވާނެ ގޮތެއް ނުއެނގޭތީ އެވެ. ވަންނަން ޖެހޭނީ ނަރަކައަށް ނޫން ކަމާއިމެދު ގަނެފައިތިބޭ ބިރުގެ ބޮޑުކަމުންނެވެ. ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންވެސް ތިއްބަވާނީ ހަމަ އެބިރުވެރިކަމުގައެވެ.  

އެދުވަހަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގެންވާ ދުވަސްކަމުގައި އެބޭކަލުންނަށް އެނގިވަޑައިގަންނަވާތީ އެވެ. ހިސާބު ބެއްލެވުން ލަސްވެ މީސްތަކުން އާދަމްގެފާނާއި ނޫޙުގެފާނާއި އިބްރާހީމްގެފާނާއި ޢީސާގެފާނުގެ އަރިއަހަށް ދިއުމުން "ނަފްސީ ނަފްސީ" އެވެ ވިދާޅުވެ ދެއްވަވާ ޖަވާބުން މިކަން އެނގިގެންދާނެއެވެ. 

ވީމާ މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! ބެލުންތައް ތިރިކުރާށެވެ! ފާފަވެރިނުވާށެވެ! ލޮލުން ކުރެވޭ ޒިނޭތައް ކުރުން އަވަހަށް ހުއްޓައިލާށެވެ! މިއީ ބަރަކާތްތެރި ރަމަޟާންމަހެވެ. ކުރެވިފައިވާ މިފަދަ ބޮޑެތި ފާފަތަކުން ތައުބާވުމުގެ މަހެވެ. ޢާޚިރަތް ދުވަހުގެ ބިރުވެރިކަމަށް ހޭލުންތެރިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން