ރަމަޟާން މަސް ނިމުމުގެ ކުރިން ކޮންމެ މީހަކު ވެސް އިތުރު މީހަކު ސުވަރުގެ ވެއްދޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރަމަޟާން މަސް ނިމުމުގެ ކުރިން ކޮންމެ މީހަކު ވެސް އިތުރު މީހަކު ސުވަރުގެ ވެއްދޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ!

އެންމެ ބޮޑު ނަޞީބުވެރިއަކީ ރަމަޟާން މަހު އިތުރު މީހަކު ސުވަރުގެ ވެއްދިއްޖެ މީހާއެވެ! އެފަދަ މީހުން ވެގެންދާނީ އެންމެ ބޮޑެތި ނަޞީބުވެރިންނަށެވެ. ދެދުނިޔެ ކާމިޔާބު ކުރެވޭ މީހަކަށެވެ. 

މީސްތަކުން ސުވަރުގެ ވައްދަވާނީ ﷲ ތައާލާއެވެ. ނަރަކައަށް ފޮނުއްވަވާނީވެސް ހަމަ ﷲ ތަޢާލާއެވެ. ﷲ ތަޢާލާގެ އެ ނިންމެވުން ބިނާވެފައި އޮންނާނީ އެމީހަކު ދުނިޔޭގައި ހުރެ ކުޅަ އަމަލުތަކުގެ މައްޗަށެވެ. ވީމާ ފަށަމުން މިބުނި ބަހުގެ މާނަ އޮޅުވައިނުލާށެވެ! 

މީހަކު ސުވަރުގެ ވެއްދުމެވެ މިބުނި ބަހުގެ މާނައަކީ ރަމަޟާން މަހުން ލިބެންޖެހޭ ސަވާބާއި ދަރުމަ ހޯދަން މަސައްކަތްކުރުމުގައި ކަންނެތްވެފައި ހުރި މީހަކު ހޭލުންތެރިކުރުވުމެވެ. އެމީހަކަށް ވިސްނައިދީގެން ހީވާގިކުރުވުމެވެ. އެމީހަކު ލައްވައި ހެޔޮ އަމަލުތައް ކުރުވަން މަސައްކަތް ކުރުމެވެ. ރަމަޟާން މަސް ނިމޭއިރު އެމީހާއަކީވެސް ތިބާ ފަދަ ތަޤްވާވެރިއަކު ކަމުގައި ހެދޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ. 

މީސްތަކުންނަށް ރަނގަޅު މަގު ދައްކައިދިނުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަން ނުކުރުމުގެ ސަބަބުން އިސްވެ ދިއަ ޤައުމުތައް ﷲ ތަޢާލާ ފަނާ ކުރައްވަވާފައިވެސް އެބަހުރިކަން ކީރިތި ޤްރުއާނުން ސާބިތުވެއެވެ. 

މިކަމުގައި މާދުރަށް ދިއުމުގެ ބޭނުމެއް ނެތެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ރައްޓެހިންނަށާއި ގާތް އެކުވެރިންނަށް ވިސްނައިލާށެވެ. ކުރިން މިބުނި ފަދައިން ކަންނެތްވެފައި ތިބި މީހުން ފެންނާނެއެވެ. އެމީހުންނާއި ރިވެތި ގޮތުގައި ވާހަކަ ދައްކާށެވެ. ހެޔޮ ނަޞޭޙަތްދޭށެވެ. އެއިގެ ތެރެއިން ހަމައެކަކު ނަމަވެސް ތިބާގެ ސަބަބުން އިޞްލާޙްވެއްޖެ ނަމަ އެކުރެވުނީ ހާދަހައިވާ މަތިވެރި ކަމެކެވެ. އެކަމަށްޓަކައި އެމީހަކަށް ﷲ ތައާލާ ދެއްވަވާނެ މަތިވެރި ނިޢްމަތްތަކުގެ މަތިވެރިކަން ބޮޑުކަމާއެވެ! ވީމާ ހަމަ ކޮންމެ މީހަކުވެސް މިކަމަށް ސަމާލުކަން ދޭށެވެ! ﷲ ތައާލާގެ ދީނަށް ނަޞްރުދިނުމަކީ އެއީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން