މި ސިލްސިލާގައި ހުށަހަޅައިދޭން ޤަޞްދުކުރަނީ މަޤާމްމަތީ މީހުންނާ މުއްސަނދިންގެ ވާހަކަތަކެއް ނޫނެވެ. ފައިދާ ހުރި ގޮތުގައި ރޯދަ ހިފާކަމަށް ފާހަގަކުރެވޭ ބޭފުޅުންގެ މައުލޫމާތެވެ. އެ މައުލޫމާތުގެ ސަބަބުން އެހެން ބޭފުޅުންނަށް ހިތްވަރު އިތުރުވެ ފައިދާ ކޮށްފާނެ ކަމަށްޓަކައެވެ.
ފެށުމެއްގެ ގޮތުން މިގެނެސްދެނީ ހިތަވްރުގަދަ "ދޮން ކަމަނަ"ގެ ވާހަކައެވެ. ދޮންކަމަނަ ރަމަޟާން މަހުގެ ދުވަސްތައް ހޭދަކުރާ ގޮތުގެ ވާހަކައެވެ.
ދޮންކަމަނަގެ އުމުރަކީ 45 އަހަރެވެ. ޢާންމުކޮށް ރަމަޟާން މަހު ނިދައި ހޭލަނީ 3.30 އާއި 3.45 އާއި ދެމެދުގައެވެ. ހޭލެވުމާއިއެކު އަނގަ ދޮވެލައިގެން ދަނީ ހާރުކާށެވެ. ހާރަށް ކަނީ ވަރަށް ލުއި އެއްޗެކެވެ. ބައެއް ފަހަރު ސޭންޑްވިޗް ފަޅިއެއް (ކުރިން ހަދާފައި އޮންނަ)، ހައަކަ އޮށް ކަދުރުވެސް ބޭނުން ކުރެއެވެ.
ހާރުކެއުން އެހައި ލުއިކުރަނީ ދަމު ނަމާދަށް ވަގުތު އިތުރުކުރުމަށެވެ. ދޮންކަމަނަ ބުނަނީ އޭނާގެ ތަޖުރިބާއިން އެނގުނު ގޮތުގައި ހާރަށް މާ ގިނަ އެއްޗެތިތަކެއް ނުކެއި ނަމަވެސް ގައިގެ ބާރު ހަމަ ބަރާބަރަށް ހުރެއެވެ. ސުންނަތް ހާޞިލުކުރުމަށްޓައި ހާރުކާން ޖެހޭތީ ކާ މަދު އެދިކޮޅުގެ ބަރަކާތް ވަރަށް ގިނައެވެ. އެހެންކަމުން ބަނޑުހައިވެ ކަންބޮޑުވެގެން އުޅޭކަށް ނުޖެހެއެވެ.
ހާރު ކެއުމަށްފަހު ވުޟޫކޮށްގެން ފަށަނީ ދަމުނަމާދުކުރާށެވެ. ދޮންކަމަނަ އަށް ކުރެވެނީ ދަމު ނަމާދުގެ ހަތަރު ރަކްއަތާއި ވިތުރިގެ 3 ރަކްޢަތެވެ. އޮންނަނީ ފަތިސް ނަމާދަށް ބަންގި ގޮވައިފައެވެ. ދެން ފަތިސް ނަމާދުކުރަނީ އެވެ. ގަދަވެ ސަލާމަތުން ހުރިނަމަ ދުވަހަކުވެސް ފަތިސް ނަމާދުގެ އިހު ސުންނަތް ދޫކޮށެއް ނުލައެވެ.
ފަތިސް ނަމާދު ނިމިގެން ކީރިތި ޤްރްއާން ކިޔަވަން އިންނަނީއެވެ. ވަރުބަލިވުމުން ގަޑިއެއް ހައި އިރަށް ނިދައިލުމަށްފަހު 7 ޖަހައި އެހާ ކަންހާއިރު ހޭލައެވެ. ހޭލެވުނީންސުރެ އުޅެނީ ގޭތެރޭގެ މަސައްކަތުގައެވެ. ނަމަވެސް 9 ޖަހައިލުމުން ޟުޙާ ނަމާދުކުރެއެވެ. ބަދިގެއާއި ގޭތެރޭގެ މަސައްކަތް ކިތަންމެ ބުރަ ނަމަވެސް ރަވާތިބު ސުންނަތާއިއެކު މެންދުރު ނަމާދު ކުރެއެވެ. އަދި ޢަޞްރު ނަމާދުވެސް ކުރެއެވެ.
ދޮންކަމަނަގެ ރަސްމީ ޑިޔުޓީއަށް ފެށެނީ އިރު އޮއްސުމުންނެވެ. ރޯދަ ވީއްލުމާއިއެކު އަވަސްވެ ގަންނަނީ މަޣްރިބް ނަމާދަށެވެ. މަޣްރިބް ނަމާދުކުރަން މުސައްލަ މަތީގައި އިށީންނަ ގޮތަށް ތެދުވަނީ ޢިޝާ ނަމާދާއި ތަރާވީޙް ނަމާދުވެސް ކޮށްގެންނެވެ. އަދި ވަރުބަލިވަންދެން ޤްރްއާން ވެސް ކިޔެވުމަށްފަހުގައެވެ.
ދޮންކަމަނަ ބުނާ ގޮތުން އެ ހިސާބުން ހުންނަނީ ވަރުބަލިވެފައެވެ. އެއްބަނޑު މީހުންނަށް ފޯނުކޮށް ޙާލުބަލައިލުމަށްފަހު އަވަހަށް ނިދަނީއެވެ. ފަތިހު ހޭލުމުގެ އުންމީދުގައެވެ. ނިދަނީ ވުޟޫކޮށްގެންނެވެ.
ދޮންކަމަނަ ބުނާ ގޮތުން ޓީވީ ބެލުމަކީ އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އަބަދު ސިޔާސީ ވާހަކަ ދައްކައި އިންސާނުންގެ މުޅަމަސް ކާން ފެށި ހިސާބުން ޓީވީ ބެލުމަކަށް އެއްވެސް ޝައުޤުވެރިކަމެއް ނުހުރެއެވެ. އަދި ޓީވީ ހުޅުވާތަނުން އެފަދަ ވާހަކައެއްގެ އަޑު ކަންފަތަށް އިވިދާނެތީ ވެސް ދޮންކަމަނަ ބިރުގަނެއެވެ.
އެޑިޓަރުގެ ނޯޓު:
މި ސިލްސިލާ ކުރިއަށް ގެންދިއުމަށްޓަކައި ކިޔުންތެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ވާހަކަ ދަންނަވަމެވެ. މައުލޫމާތު ދެއްވާ ފަރާތް ހާމަ އެއް ނުކުރާނަމެވެ. ނަމަވެސް ތިބޭފުޅާ ދުވަސް ހޭދަކުރައްވާ ގޮތުން އެހެން މީހަކަށް ނުވަތަ ބައަކަށް ވަރަށް ބޮޑަށް ފައިދާކޮށްފާނެއެވެ.
އެކި ގޮތްގޮތުން ކުރި މަސައްކަތުން އަދި މިހައި ތަނަށް ލިބިފައިވަނީ 3 ބޭފުޅެއްގެ ވާހަކައެވެ. އެއީ އަންހެން 2 ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. އުންމީދަކީ ވީހައި ގިނަ ބޭފުޅުން މިކަމުގައި އެހީތެރިވެދެއްވުމެވެ.
ލިޔުއްވާލައްވާފައި ފޮނުއްވައިލަ ދެއްވުމުން ވެސް ފުދުނީއެވެ. 7788020 އަށް ގުޅުއްވައި މައުލޫމާތު ދެއްވި ނަމަވެސް ފުދުނީއެވެ.