ދަރިން އިޞްލާޙްނުވި ކަމަށް ބަލައި ނަޞޭޙަތް ދިނުން ހުއްޓާލައިގެން ނުވާނެ!: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދަރިން އިޞްލާޙްނުވި ކަމަށް ބަލައި ނަޞޭޙަތް ދިނުން ހުއްޓާލައިގެން ނުވާނެ!: ޝައިޚް ނިމާލް

ކަމެއް ކުރުމަށް ނުވަތަ ކަމެއް އިޞްލާހް ކުރުމަށް ދަރިންނަށް މަހެއްހައި ދުވަހު ނަޞޭޙަތް ދިނުމުންވެސް އިޞްލާހް ނުވާނަމަ ދަރިން އިޞްލާޙް ނުވީކަމަށް ބަލައި ބައެއް މައިން ބަފައިން އެހިސާބުން އެކަން އެބަހުއްޓައިލައެވެ. ނަޞޭޙަތް ދިނުން އެބަ ހުއްޓާލައެވެ. ނަމާދަށް ދާން ބުނުން ވެސް އެބަ ހުއްޓާލައެވެ. 

ނަމަވެސް މިއީ އެއްގޮތަކަށްވެސް އެކަން ކޮށްގެންވާނެ ގޮތެއް ނޫނެވެ. ނަމާދަށް ނުދާނަމަ ނުވަތަ އެހެން ކަމެއް އިޞްލާޙްކުރަން ނަމަވެސް ދޭންޖެހޭ ނަޞޭޙަތް ދިނުން ހުއްޓާލުމަކީ މައިންބަފައިންނަށާއި އެދުރުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ތަކުރާރުކޮށް ކޮންމެ ދުވަހަކު ނަޞޭޙަތް ދޭން ޖެހުނު ނަމަވެސް އެއީ ތަކްލީފެއް ކަމަށް ނުދެކޭށެވެ. ހަމަ ލޯބިން ގޮވާލައި ގެނުވާށެވެ. ކައިރީގައި ބެއިންދުމަށްފަހު އިޚްލާޞްތެރިކަމާއިއެކު ނަޞޭޙަތްދޭށެވެ. ފިރުމަމުން ނަޞޭހަތްދޭށެވެ. 

ނަބަވީ އިރުޝާދުގައި އޮތީ މިފަދައިން އަމަލުކުރުމަށެވެ. ރަސޫލް (ޞޢވ) އުންމަތަށް ނަމޫނާ ދައްކަވައި ބަޔާންކޮށްދެއްވަވާފައިވަނީ މިފަދައިން އަމަލުކުރުމަށެވެ. ދަރިއަކަށް ނުބައި ބަހެއް ބުނެވުނު ނަމަވެސް މީސްތަކުންގެ ތެރޭގައި ހުއްޓާ ފަޟީޙަތް ނުކުރާށެވެ. އެކަމަށް ރަނގަޅު ވަގުތު ހޯދައިގެން ނަޞޭޙަތްތެރިވާށެވެ. ދަރިން އިޞްލާޙް ކުރަން ކުރަން ޖެހޭ މަސައްކަތް ކުރުމުގައި މައިން ބަފައިން އެއްވެސް ޙާލެއްގައި މާޔޫސްވެގެން ނުވާނެއެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއިއެކު ދުޢާކުރުންމަތީގައި ދެމިތިބޭށެވެ. ﷲ ތަޢާލާ މަގު ދައްކަވާނެތެވެ. 

- ޝައިޚް ނިމާލް މުޙައްމަދު މިއަދު ފުރުޤާން މިސްކިތުގައި ދެއްވި ދަރުސުން

މިއަދު އޮންލައިން