ރޯދަމަސް މެދަށް ދާއިރު ތައުބާ ޤަބޫލުކުރެއްވެވިކަމާއިމެދު ކަންބޮޑުވޭހެއްޔެވެ؟ ހައްލު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
ރޯދަމަސް މެދަށް ދާއިރު ތައުބާ ޤަބޫލުކުރެއްވެވިކަމާއިމެދު ކަންބޮޑުވޭހެއްޔެވެ؟ ހައްލު މިއޮތީ!

މިއަހަރުގެ ރަމަޟާން މަސް ވެސް މެދާއި ދާދި ކައިރިވީއެވެ. ފުރަތަމަ 10 ނިމި ދެވަނަ ދިހައެއް ފެށިގެން ކުރިއަށް ދަނީއެވެ. ގިނަ ބައަކު ކުރާ ސުވާލަކީ އަހަރެން މިހައި ގިނަ މަސައްކަތް ކޮށްފީނެވެ. އަހަރެންގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ 

ބަރަކާތްތެރި ރަމަޟާން މަސް ފެށުމުން ކޮންމެ މީހެއްގެވެސް އެންމެ ބޮޑު އުންމީދަކަށްވާނީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުމެވެ. ވީމާ މިފަދަ ސުވާލުތައް ހިތުގައި އުފެދޭނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެހެންކަމުން ފުރަތަމަ ބަލައިލަން ޖެހޭނީ ތިމާގެ އީމާންކަން ފުރިހަމަވެއްޖެތޯއެވެ؟ އީމާންކަން ފުރިހަމަ ވެއްޖެކަން ބަލައިލެވޭނެ ދެ ކަމެއް އެބައޮތެވެ. 

ފުރަތަމަ ކަމަކީ ތިބާއަށް ހެޔޮ އަމަލެއް ކުރެވުމުން އުފާވުމެވެ. ހިތްހަމަޖެހުން ލިބުމެވެ. ދެވަނަ ކަމަކީ ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރެވިއްޖެނަމަ އެކަމަކާއިމެދު ދެރަވެ ހިތާމަކުރަންޖެހުމެވެ. ހިތަށް މޮޅިވެރިކަން އިޙްޞާޞްކުރެވި ބިރުގަތުމެވެ. ތައުބާވުމަށް އަވަސްވެގަތުމެވެ. 

ފުރިހަމައަށް އީމާންވެގެން ހުންނަ މީހަކަށް ކިތަންމެ ކުޑަކުޑަ ނަމަވެސް ކުށެއް ކުރެވިއްޖެނަމަ އެކަމަކަށް ބިރުގަނެ ތުރުތުރުއަޅާނެއެވެ. ﷲ ތަޢާލާ ތިމާއަށް މިންވަރު ކުރައްވަވާނީ ކޮންފަދަ ޙާލަތެއްކަމާއިމެދު ވިސްނައި ދެރަވާނެއެވެ. އެކަމާއި ހިތާމަކޮށް ލޮލުން ކަރުނަ އޮހޮރޭނެއެވެ. އެކަމަކުން ތައުބާނުވެ އެންމެ ހިނދުކޮޅަކުވެސް މަޑެއް ނުކުރާނެއެވެ.  

މި ދެ ސިފަ ތިބާގެ ކިބައިގައި ހުރިނަމަ އީމާންކަން އެވަނީ ފުރިހަމަވެފައެވެ. ތިމާގެ ފާފަ ފުއްސަވައިފިކަމާއިމެދު ހިތުގައި ކަންބޮޑުވުން އުފެދުމަކީ ވެސް ހެޔޮފާލެކެވެ. އެއިގެ މާނައަކީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން އުފެދެން ފަށައިފިކަމެވެ. ނަރަކައަށް ބިރުވެތިކަން އުފެދެން ފަށައިފިކަމެވެ. ސުވަރުގެ ދިއުމަށް ބޭނުންވާން ފަށައިފިކަމެވެ. 

ފާފަތައް ފުއްސެވުމަށް އެދޭ މީހާ ކުރަން މިޖެހެނީ ދެ ކަމެކެވެ. އެއީ އިސްތިޣްފާރުކުރުމާއި ތައުބާވުމެވެ. ބައެއް މީހުން މިއީ އެއްކަމެއް ކަމަށްވެސް ބުނެފާނެއެވެ. ނަމަވެސް އެއީ ތަފާތު ދެކަމެކެވެ. އެހެނީ އިސްތިޣްފާރުކުރުމަކީ ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދެންނެވުމެވެ. ތައުބާވުމަކީ އިތުރަށް އެއްވެސް ފާފައެއް ނުކުރާނެ ކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ވައުދުވެ އެކަމަށް ބައިތު ހިފުމެވެ. ވީމާ ތިބާގެ ހިތުގައި މި ދެ ކަންތައް ފުރިހަމައަށް ގުޅުވައި ލެވިއްޖެނަމަ ތިބާއަށް އެވަނީ ތައުބާވެވިފައެވެ. 

ފާފަ ފުއްސަވައިފިކަން އެނގޭނެ ސީދާ އެއްވެސް ގޮތެއް ނެތެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ފާފަތައް ނުފޮހެވި ހުންނަ މީހާ، ތައުބާ ނުވެ ހުންނަ މީހާ، އަބަދުވެސް ހުންނާނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. ކިތަންމެ ކުޑަކުޑަ ކަމަކާއިމެދުވެސް އިންތިހާއަށް ކަންބޮޑުވާނެއެވެ. ނަމަވެސް ތައުބާވެގެން ހުންނަ މީހާ، ދުނިޔޭގެ އެއްވެސް ކަމަކާއި ހުރެ ކަންބޮޑެއް ނުވާނެއެވެ. އަބަދުވެސް ހުންނާނީ ހިތްހަމަޖެހިލައިގެންނެވެ. 

މީހެއްގެ ކިބައިނަ މަޢާފަށް އެދިއްޖެ ނަމަ މަޢާފްކުރާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނުއޮންނާނެއެވެ. ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާވެއްޖަ ނަމަ ﷲ ތަޢާލާ އެމީހަކަށް ފާފަ ފުއްސަވައިދެއްވަވާނެވެ. މީހަކު މަޢާފްކުރި ނަމަވެސް ފާޑުފާޑުގެ ބަސްތައް ބުނާނެތެވެ. ހިތުގައި ޝައްކުތައް ބާއްވާނެތެވެ. ނަމަވެސް ﷲ ތަޢާލާ މީހެއްގެ ތައުބާ ޤަބޫލުފުޅު ކުރައްވަވައިފިނަމަ އެހިސާބުން އެމީހާގެ މާޒީ އެކުގައި ފޮހެވިގެން އެދިއައީއެވެ. ހަމަ އެއާއިއެކު ތައުބާވުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބި ކުރައްވަވާ ކަންތަކެވެ. އަދި އެމީހަކާއި ﷲ ތަޢާލާ ކުއްތަންވެވޮޑިގަންނަވާނެތެވެ. 

ތައުބާވުމަށްފަހު ފާފައެއް ކުރެވުނު ނަމަވެސް އަވަހަށް ތައުބާވާށެވެ! އަހަރެމެންނަކީ އިންސާނުން ކަމަށްވީތީ ތައުބާވުމަށްފަހުގައިވެސް ފާފައެއް ކުރެވިދާނެއެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ކިތަންމެ ގިނައިން ތައުބާވާނަ ޖެހުނު ނަމަވެސް ފަސް ނުޖެހި ތައުބާވުން މަތީގައި ދެމިހުންނާށެވެ! އެއިރުން މާޔޫސްވާކަށް ނުޖެހޭނެއެވެ. 

ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ. ހެދުން ދައުވުމުން އެއްލައިލަނީއެއް ނޫނެއް ނޫންހެއްޔެވެ؟ ދޮވެ ތާހިރުކޮށްގެން އަލުން ލަނީ ނޫން ހެއްޔެވެ؟ ތައުބާވުމަކީވެސް ހަމަ މިފަދަ ކަމަކެވެ. ފާފައެއް ކުރެވޭއިރަށް ތައުބާވާން އަވަސްވެގަންނާށެވެ! އެގޮތުގައި ދެމިހުންނަ މީހާއަށް ﷲ ތަޢާލާ ސާބިތުކަން ދެއްވަވާނެތެވެ. 

ވީމާ ތިމާގފެ ފާފަތައް ފުއްސަވައިފިކަމާއިމެދު ކަންބޮޑުވާނަމަ ތައުބާވުންމަތީގައި ދެމިހުންނާށެވެ! ކުށެއް ނުކުރެވުނު ނަމަވެސް ތައުބާވަމުން ގެންދާށެވެ! އިސްތިޣްފާރުކުރުން ގިނަކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން