މިއީ ވަރަށް ގިނަ ބައަކު ކުރާ ސުވާލެކެވެ. "އަޅުކަންކުރަން ބޭނުންކުރާ ބުދަކީ ސަގާފީ ތަރިކައަކަށް ހަދައި ހިމާޔަތްކޮށް ބެލެހެއްޓުން" އެއީ ހުއްދަ ކަމެއް ކަމާއިމެދުގައެވެ.
މިކަމުގައި އަހަރެން ބުނާނީ އެއީ އެއްގޮތަކަށްވެސް ކުރުން ހުއްދަ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ދަލީލަކީ މައްކާ ފަތަޙަ ކުރެއްވެވި ރަސޫލް (ޞޢވ) އަމަލުފުޅު ކުރެއްވެވި ގޮތެވެ. ޙަރަމްފުޅުގައި ބަހައްޓާފައި ހުރި ހުރިހާ ބުދުތައް ތަޅައި ސުންނާފަތި ކުރަން އަމުރުފުޅު ކުރެއްވެވި ކަމެވެ. ޞަޙާބީން އެކަން ކުރެއްވެވި ކަމެވެ.
އެއިރު މުޝްރިކުން އެތަނުގައި ބަހައްޓާފައި ހުރީ އެމީހުންގެ އެންމެ ޤަދީމީ ބުދުތަކެވެ. އެމީހުންގެ ތާރީޚާއި ޝަޤާފަތާއި ގުޅިފައިވާ ބުދުތަކެވެ. އެތަކެތި ހިމާޔަތްކޮށް ބެލެހެއްޓުމުން އެއްވެސް ފައިދާއެއް ކުރާނެ ނަމަ ރަސޫލް (ޞޢވ) އެތަކެތި ތަޅައި ސުންނާފަތިކުރާކަށް އަމުރުފުޅެއް ނުކުރައްވެވީހެވެ. ކޮންމެވެސް ތަނެއްގައި ބަހައްޓަވައިގެން އެތަކެތި ހިމާޔަތްކުރެއްވެވީސްކަން ޔަޤީނެވެ.
ދެން ބަލައިލަންވީ އެތަކެތީގެ ހަޤީޤީ ޙުކުމަށެވެ. ނަރަކައިގެ ދަރަކީ ކާފިރުންނާއި އެމީހުން އަޅުކަންކުރަން ގެންގުޅުނު ބުދުތަކާއި އެފަދަ ތަކެއްޗެވެ. ވީއިރު އެފަދަ ތަކެއްޗަށް ހިމާޔަތްދީގެން ބެލެހެއްޓުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިހެން ބުނުމުން "އެހެންވީއިރު ހުރިހާ ކާފަރުންވެސް ނައްތައިލަންވީ ނޫންތޯ؟" މީހަކު ސުވާލުކޮށްފާނެއެވެ. ނަމަވެސް އެފަދަ ސުވާލު އެކުރަނީ ތަންދޮރު އޮޅުން ނުފިލާތީއެވެ. ކާފިރުންނާއިމެދު އަމަލުކުރަންވީ ގޮތް ކީރިތި ޤްރުއާނުގައި ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. އަދި އަޅުކަން ކުރަން ބޭނުންކުރާ ބުދުތަކަށް ހަދަން ޖެހޭ ގޮތް ރަސޫލް (ޞޢވ) ވަނީ ބަސްފުޅުންނާއި ޢަމަލުފުޅުން ދައްކަވައިދެއްވަވައިފައެވެ.
އަޅުކަން ކުރަން ބޭނުންކުރި ނަމަވެސް ނުކުރި ނަމަވެސް ބުދުތަކާއި ދުރުހެލިވާށެވެ. އެއިން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ލިބޭނީ އިތުރު ގެއްލުންތަކެވެ. އާޚިރަތް އެދޭ މީހާއަށް އޮތީ ބާޠިލު އެންމެހައި ކަންކަމާއި ދުރުހެލިވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން