ކުރިން ޚާއްޞަ މަޖިލީހުގެ މެންބަރުންނަށް ބެހީ ބިދޭސީން ގެނައުމުގެ ކޯޓާ - ރައީސް ޔާމީނުގެ ވެރިކަމުގަ ޙައްޖު ކޯޓާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ކުރިން ޚާއްޞަ މަޖިލީހުގެ މެންބަރުންނަށް ބެހީ ބިދޭސީން ގެނައުމުގެ ކޯޓާ - ރައީސް ޔާމީނުގެ ވެރިކަމުގަ ޙައްޖު ކޯޓާ!

ސައުދީ ރަސްގެފާނުގެ ޚާއްޞަ އިނާޔަތުގެ ދަށުން މިދިއަ އަހަރު ރާއްޖެއަށް ދެއްވި 1000 ކޯޓާގެ ތެރެއިން 100 ކޯޓާ އަމިއްލަ ދެ ޖަމާއަތަކާއި ހަވާލުކުރުމަށްފަހު 900 ކޯޓާ ހައްޖުކޯޕޮރޭޝަނާއި ހަވާލުކޮށް ޕީޕީއެމްގެ ބޮޑުންނަށް ބަހައިލިކަން ހާމަވެއްޖެއެވެ. 

މިދިއަ އަހަރު ބައެއް މީހުން ހައްޖަށް ގޮސްފައިވަނީ 70000 ރުފިޔާގެ ބަދަލުގައި 150000 ރުފިޔާއަށް ކޯޓާއަށް ގަނެގެންނެވެ. ނަމަވެސް އެއީ ކޮން ގޮތަކުން ކޮން ބައަކު މެދުވެރިވެގެން ހެދުނު ޑީލްތަކެއްކަން ވަނީ ނުއެނގިފައެވެ. 

ރައްޔިތުންގެ ޚާއްސަ މަޖިލިސް ގެ ދުވަސްވަރު ރާއްޖެއަށް ބިދޭސީ މަސައްކަތު މީހުން ގެންނަން ކޯޓާ ދޫކުރުން ހުއްޓާލައި ދަތިކުރުމަށްފަހު ސަރުކާރަށް ތާއީދުކުރާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންނަށް ކޯޓާތްކެއް ދޫކުރިއެވެ. އެ ކޯޓާތައް ވިއްކީ 10000 ރުފިޔާއަށް ކޯޓާއެވެ. އެއިރުގެ 10000 ރުފިޔާގެ އަގު މިހާރު ވަޒަންކޮށްލައްވާށެވެ. އެއިރު ކޯޓާ ދޫކުރައްވާ މިނިސްޓަރަކީ ޔާމީނެ ޢަބްދުލްޤައްޔޫމްއެވެ.

ތިރީގައި މިވަނީ ޙައްޖު ކޯޓާގެ މައްސަލައިގައި އައްޑޫލައިވްގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. 

 

"ހައްޖަށް މީހުން ގެންދިޔުމަށް އިތުރަށް ދިން 1000 ޖާގަ ބަހާލި ގޮތްކަމަށް ވިދާޅުވެ އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާގިރު ހައްޖު ކޯރަޕޭޝަނަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގެ ކޮޕީއެއް އައްޑޫލައިވްއަށް ވެސް ވަނީ ލިބިފައެވެ.

މި ސިޓީގައި ޒިޔާދު ބާގިރު ވިދާޅުވެފައިވަނީ ކޯޕަރޭޝަނަށް 259 މީހުން އަދި ޕީޕީއެމުން އެދިފައިވާ ފަރާތައް އެ ކޯޕަރޭޝަނުން ހައްޖަށް ގެންގޮސްދިނުމަށް އެދޭ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް އިތުރު ކުރި 1000 ކޯޓާގެ ތެރެއިން 100 ކޯޓާއި ދިނީ އަމިއްލަ ދެ ޖަމާއަތަކަށެވެ. އަނެއް 900 ޖާގަދިނީ ހައްޖު ކޯޕަރޭޝަނަށެވެ. ކުރީގެ އިސްލާމިކް މިނިސްޓަރުގެ އެ ސިޓީއާއެކު ޕީޕީއެމުން ހައްޖަށް ގެންދަން ބޭނުންވާ މީހުންގެ ލިސްޓްވެސް ވަނީ ފޮނުވާފައެވެ.

އެ ލިސްޓްގައިވާ ގޮތުން 20 މަޖިލިސް މެމްބަރަކަށް 144 ޖާގަ ދިނުމަށް ވަނީ އަންގާފައެވެ. އަދި ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި އެހެނިހެން ފަރާތްކަށް 200 ޖާގަވެސް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން އަމިއްލަ ބައެއް ކުންފުނިތަކާއި ކައުންސިލަކާއި ފުލުހުންގެ މުވައްސަސާއަށްވެސް ޖާގަތަކެއް ވަނީ ދީފައެވެ. މީގެ ތެރެއިން ބައެއް ފަރާތަކަށް 15 ޖާގަވެސްވެސް ދީފައިވާކަން ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރު ހައްޖު ކޯޕަރޭޝަނަށް ފޮނުވާފައިވާ ލިސްޓުން އެނގެން އެބައޮތެވެ.

މިދިޔަ އަހަރު ސައުދީން އިތުރު ކޮށްދިން 1000 ހައްޖު ކޯޓާއިން ޕީޕީއެމްގެ އިސްފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުޞަތު ދީފައިވާއިރު ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ކޯޓާ ދޫކުރުމުގައި ސީޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނަށް މަންފާވާގޮތަށް ކޯޓާ ދޫކުރާކަން ފާހަގަވެފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދާދީ ފަހުން ނެރުނު ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފައެވެ." .

 

މިއަދު އޮންލައިން