އިސްލާމީ ތާރީޚުގައި މުސްލިމުންނަށް ދެއްވެވި އެންމެ ބޮޑު ނަޞްރު ލިބުނު ދުވަހަކީ ބަދުރު ހަނގުރާމައިގެ ދުވަސް ކަމަށް ބައެއް ޢިލްމުވެރިން ސިފަ ކުރައްވަވައެވެ. ބަދުރު ހަނގުރާމަ ކުރެވުނީ ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހެވެ. މިއަދަކީ އެދުވަހެވެ.
ބަދުރު ހަނގުރާމަ އެހައި ބޮޑު ނަޞްރަކަށް ވެގެންދިއަ އެއް ސަބަބަކީ ރަސޫލް (ޞޢވ)ގެ އަދުލުވެރިކަމާއި އިންޞާފުވެރިކަމެވެ. ރަސޫލް (ޞޢވ)ގެ އަމުރުފުޅުތަކަށް މުސްލިމުން ކިޔަމަންތެރިކަން އަދާކުރުމުގައި ސާބިތުވެ ތިބި މިންވަރެވެ. ރަސޫލް (ޞޢވ) ކުރެއްވެވި ގިނަ ގުނަ ދުޢާފުޅުތަކެވެ.
މުސްލިމުންގެ ވެރިކަމުގައި މިއަދު ތިއްބެވި ބޭފުޅުންވެސް އެ ފަދަ ސާބިތުކަމުގައި ތިއްބެވިނަމަ މުސްލިމުންނަށް ދާނީ ނަޞްރާއި ފަތަޙަ ލިބެމުންނެވެ. އުންމަތް ދާނީ ކުރިއަރަމުންނެވެ. މިއަދުވެސް މިތިބީ ހަމަ މުސްލިމުންނެވެ. ޢަމަލުކުރަން އޮތީ ކީރިތި ޤްރްއާނެވެ. ހަމައެކަނި ތަފާތަކީ އީމާންތެރިކަން ހުރި މިންވަރެވެ. ތަޤްވާވެރިކަން ހުރި މިންވަރެވެ.
ބަދުރު ހަނގުރާމައިން ލިބޭ އެންމެ ބޮޑު އެއް ފިލާވަޅަކީ ﷲ ތައާލާ މުސްލިމުންނަށް ނަޞްރު ދެއްވަވަނީ އަދަދު ގިނަކަމަކުން ނޫންކަމެވެ. އަދި ހަތިޔާރު ގިނަ ކަމަކުންވެސް ނޫން ކަމެވެ. ﷲ ތައާލާގެ ދީނަށް ނަޞްރު ދިނުމުގައި ސާބިތުވެ ތިބިނަމަ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ﷲ ތަޢާލާ ނަޞްރު ދެއްވަވާނެ ކަމެވެ.
"ރޯދަމަހެއްގެ 17 ވަނަ ދުވަހަކީ މުސްލިމުންނަށް ވަރަށްބޮޑު ނަޞްރަކާއި އުފާވެރިކަން ލިބުނު ދުވަހެއް! ރޯދަ މަހަކީ ނަޞްރުގެ މައްސަރު! ޔާﷲ! މުސްލިމުންނަށް ނަޞްރުދެއްވައި ގަދަފަދަ ކުރައްވާނދޭވެ. އާމީން." ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން