ރަމަމާން މަސް އައުމުން މިހާރު މިފެންނަނީ އިރުއޮއްސުމާއިއެކު މީސްތަކުން ރެސްޓޯރަންޓްތަކާއި ފުޑްކޯޓުތަކުން މީރުތަކެތި ކެއުމުގައި އަވަދި ނެތި މުޅި ރޭގަނޑުގައިހެން އުޅޭތަނެވެ. ދުވާލު ފެންނަނީ ގެއަށް ބާޒާރު ނުކުރެވިގެން އުޅޭތަނެވެ.
ﷲ ތަޢާލާ ގަންދީ ބުނަމެވެ. މިއީ ރަމަޟާން މަހުގެ ބޭނުން ހިފަން ﷲ ތައާލާ އެންގެވި ގޮތެއް ނޫނެވެ. މިހާރު ﷲ ތަޢާލާ އެންގެވި ރަމަޟާން މަސް ނޫން ކަމަށް މިބުނީ އެ ސަބަބަށްޓަކައެވެ.
ރަމަޟާން މަހަކީ ކޮބައިކަމާއި އެ މަހުގެ ބޭނުމާއި ފައިދާ އާއި އެ ފައިދާ ހޯދަން ކުރަން ޖެހޭ ކަންކަމާއި މިފަދަ ހުރިހާ ކަންކަން އެންމެންނަށްވެސް ރަނގަޅަށް އެނގޭނެއެވެ. ރަމަޟާން މަހަކީ ކީރިތި ޤްރްއާނުގެ މައްސަރުކަމާއި ވީހައި ގިނަ އަޅުކަން ކުރުމުގެ މައްސަރުކަމާއި ޚާއްޞަކޮށް ރޭ އަޅުކަން ކުރުމުގެ ޚާއްޞަ މައްސަރުކަން އެންމެންނަށްވެސް އެނގޭނެއެވެ. ވީއިރު މިކަންކަން ނުކޮށް ކޮފީ ބޮއި، ކެއުންބުއިމާއި މުނިފޫހި ފިލުވުމުގައި ވަގުތުތައް ހޭދަކުރުމަށްފަހު ރަމަޟާން މަހެވެ ކިޔައިގެން މިދައްކަނީ ކޮންކަހަލަ ވާހަކަފުޅުތަކެއް ހެއްޔެވެ؟ އެމީހުންނަށް އައިސްގެން އުޅެނީ 30 ދުވބަހުގެ ދިގު ޢީދެއް ނޫން ހެއްޔެވެ؟
ރަމަޟާން މަހަކީ ތާސްކުޅުމާއި ރާޒުވާ ކުޅުމާއި ފުޓްބޯޅައާއި ކްރިކެޓާއި ގޭމާއި އެނޫންވެސް ކުޅިވަރުތައް ކުޅުމުގެ މައްސަރެއް ނޫނެވެ. ކުޅިވަރު މުބާރާތްތައް ބާއްވައި އެންމެން ބަލަން ތިބެ އަތްޖަހައި މަޖާކުރަން އޮތް މަހެއް ނޫނެވެ. މިމަހުގެ ނަމަކީ ރަމަޟާން މަހެވެ. ނަމަވެސް އިސްލާމް ދީނުގައި އަހަރެމެން ބަލަނީ ހަމަ އެކަނި ރަމަޟާން މިނަމަކަށް ނޫނެވެ. ރަމަމާން މަހު ކުރަން ޖެހޭ ކަންކަންވެސް ނަމުގެ މާނައިގައި ނުހިމަނައި ރަމަޟާން މަސް އަތުވެއްޖެ ކަމަށް އަދި ހޭދަކުރަމުން މިގެންދަނީ ރަމަޟާން މަހުގެ ދުވަސްތައް ކަމަކަށް ނުބުނެވޭނެއެވެ.
ވީމާ އަހަރެންގެ ނަޞޭހަތަކީ ދިރިއުޅުމަށްޓަކައި ކުރަންޖެހޭ އަސާސީ ކަންކަން ކުރުމަށްފަހު ލިބޭ ހުރިހާ ވަގުތެއް ﷲ ތާޢާލާއަށް ޚާއްޞަ ކުރުމެވެ. އެކަން އޮގޮތަށް ނުކުރާނަމަ ރަމަޟާން މަސް ލިބުމަށް އުންމީދު ކުރުމެއް ނެތެވެ! އެފަދަ މީހުންނަށް މިއީ ހަމަ ޢީދު މަހެވެ!