- ވީހައި ގިނަ ބައަކަށް އެކަން ހަނދާންކޮށްލައިދީގެން ސަވާބާ ދަރުމަ ފުންޏެއް ހޯއްދަވާ!
ރައްޓެހިންނަށް ހެޔޮ އެދުމަކީ އިރު އޮއްސުމުން ރޯދަ ވީއްލައިގެން، އެމީހުން ގޮވައިގެން ގޮސް ކޮފީ މޭޒުތަކުގައި އިނުމެއް ނޫނެވެ. ރައްޓެހިންނަށް ހެޔޮ އެދުމަކީ އެމީހުން ގޮވައިގެން ގޮސް ނަމާދުތައް ކުރުމެވެ. ގޮވައިގެން ދެވެން ނެތް ނަމަ ހަނދާންކޮށްދީގެންވެސް އަޅުކަން ކުރުވަން މަސައްކަތްކުރުވުމެވެ. މީހުން ލައްވައި އަޅުކަން ކުރުވަން މަސައްކަތް ކުރުމަކީވެސް އަޅުކަމެކެވެ. ވީމާ ތިބާ އަޅުކަން ކުރަމުން އެހެން މީހުން ލައްވައި އަޅުކަން ކުރުވަން މަސައްކަތްކުރާނަމަ ތިބާގެ ދަރަޖަ ދާނީ ދެ ގުނައަށް ނުވަތަ އެއަށްވުރެ އިތުރުންވެސް ﷲ ތައާލާ ކަނޑައެޅުއްވެވި އަދަދަކަށް އުފުލެމުންނެވެ.
ވީމާ މިއީ މިހައިތަނަށް ކޮފީ މޭޒުދޮށުގައި ތިބި ޒުވާނުންވެސް މިސްކިތްތަކަށް ބަދަލުވެލަންވީ ވަގުތެވެ. ކުރިއަށް އޮތް 10 ރޭގެ ސަވާބާއި ދަރުމަ ލިބިގަތުމަށްޓަކައެވެ. ކޮފީ ބޮއި އުފާކުރާނެ ދުވަސްތައް ބައިވަރެވެ. އެހެންވީމާ އަހަރުގެ މި ދިހަ ރޭ އަޅުކަމަށް ޚާއްޞަކޮށްލާށެވެ! އެކަމުގެ ސަވާބާއި ދަރުމައަށް އެދޭށެވެ! ތިބާ އުންމީދުވެސް ނުކުރާ ފަދަ ގޮތްގޮތުން ސަވާބާއި ދަރުމަ ދެއްވަވާނެތެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފަހު 10 ފެށެނީއެވެ .މާދަމާރެއަށް އިރުއޮއްސުމާއިއެކު ގުނެމުންދާނީ ފަހު ދިހައިގެ ރޭތަކެވެ. މުޅި އަހަރު ދުވަސް ތެރޭގައި ބައްދަލުކުރާނެ އެންމެ މަތިވެރި ރޭ ތަކެވެ. އަހަރެމެންނަށް އޮތީ ހަމަ އެކަނި އެރޭތަކުގައި އަޅުކަންކުރުމެއް ނޫނެވެ. ތިމާގެ އަނބިދަރިންނާއި ޢާއިލާގެ މީހުން ހޭލައްވައި އަޅުކަންކުރުވަން ޖެހެއެވެ. މީގެ އިތުރުން ފަހު 10 ފެށިއްޖެކަން ވީހައި ގިނަ ބައަކަށް ހަނދާންކޮށްދީ، ހިތްވަރުދީ އެމީހުން ލައްވައި އަޅުކަން ކުރުވަން މަސައްކަތްކުރުމަކީ އެކަމަށްޓަކައިވެސް ﷲ ތާޢާލާ ނުހަނު މަތިވެރި އަޅުކަމެކެވެ. އެކަމުގެ ސަބަބުން ނުހަނު ގިނަގުނަ ސަވާބާއި ދަރުމަ، ﷲ ތަޢާލާ ދެއްވަވާނެކަން ވަނީ ބަޔާން ކުރައްވަވައިފައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މުސްލިމުންނަކީ އަބަދުވެސް އަޅުކަން ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވާން ޖެހޭނެ ބައެކެވެ. އެގޮތުން އެންމެ ފަސޭހައިން ކުރެވޭނެ ކަމަކީ މީހުންނަށް ހަނދާންކޮށްދިނުމެވެ. އަދި އެއީ އެންމެ ފައިދާހުރި އެއްކަންތައްވެސް މެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން