ތިމާގެ ފާފަ ފުއްސެވުން އެދި ދުޢާކުރާއިރު ތިމާއަކީ އެހެން މީހުންނަށް މާފުކުރާ މީހަކަށްވުމަކީ ވަރަށް މުހިންމު ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތިމާގެ ފާފަ ފުއްސެވުން އެދި ދުޢާކުރާއިރު ތިމާއަކީ އެހެން މީހުންނަށް މާފުކުރާ މީހަކަށްވުމަކީ ވަރަށް މުހިންމު ކަމެކެވެ!

ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތްކާއި ރޭތައް ފާއިތުވަމުންދާއިރު އަހަރެމެން އެންމެ ގިނައިނަ މިކުރާ އަހަރެމެންގެ ފާފަތައް ފުއްސެވުން އެދި ދުޢާ ކުރުމެވެ. އެއީ އެކަން ކުރަން ވެސް ޖެހޭނެ ގޮތެވެ. 

ތިމާގެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރާއިރު އެހެން މީހުންގެ ކުށްތަކަށް މާފުކުރާ މީހަކަށްވާށެވެ! ރަމަޟާން މަސް ފެށުމުގެ ކުރިންވެސް ހިތްތައް ސާފުކުރުމަށް އެދި ދަރުސެއް ދިނީމެވެ. އެދަރުސް ގިނަ ބައަކު ބަލައިގަތްކަންވެސް ފާހަގަކުރަމެވެ. "އަހަރެމެންގެ ހިތްތައް ސާފުކޮށްފީމޭ" ބުނެ ގިނަ ބައަކު މެސެޖުވެސް ކުރިއެވެ. 

އެހެން މީހުންގެ ކަންކަމަށް މާފުކުރުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް އިތުރުވެގެންދާނެއެވެ. އަހަރެމެން މިދުނިޔޭގައި ބޭނުންވެގެން މިއުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނޫން ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެ މީހަކަށް ހާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.  

އަނބިން ފިރިންނަށް މާފުކުރާށެވެ. ފިރިން އަނބިންނަށް މާފުކުރާށެވެ! މައިންބަފައިންނާއި ޢާއިލާގހެ އެންމެންނަށްވެސް މާފުކުރާށެވެ. އަދި ޢާންމުކޮށް އެންމެހައި މީސްތަކުންނަށް މާފުކުރާށެވެ! އެއިރުން ތިބާ ކުރާ ދުޢާ އިޖާބަ ކުރެއްވެވުން ގާތެވެ. 

އެންމެ ޠާހިރު ހިތަކީ ހަސަދަވެރިކަމުން ޠާހިރުވެފައިވާ ހިތެވެ. ހަސަދަވެރިކަން ހިފައިގެން އުޅޭ ހިތަކީ އެންމެ ނުތާހިރު ހިތެވެ. ވީމާ ތިމާގެ ހިތަކީ އެންމެ ޠާހިރު ހިތް ކަމުގައި ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ! އަބަދުވެސް ބުނާފަދައިން ޚުޝޫއަތްތެރިކަމާއިއެކު ނަމާދު ކުރެވޭނީވެސް ރުޅިއާއި ނަފުރަތާއި ހަސަދައިން ސަލާމަތްވެގެންވާ ހިތަކާއިގެންނެވެ! 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން